އިތުރަށް ޖަމާވި ފައިސާ އަނބުރާ ހޯދާނެ: ފިނޭންސް
އިތުރަށް ޖަމާވި ފައިސާ އަނބުރާ ހޯދާނެ: ފިނޭންސް

ސިއްހި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައިގެ އިތުރަށް ފައިސާ ޖަމާވެފައިވަނީ އޮޅުމަކުން ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ސިއްހި ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އުނިއިތުރުކަމެއް އައިސްފައިވާ ކަން މިނިސްޓްރީގެ ސަމާލުކަމަށް އައީ ރޭ 7:45 ގައި ކަމަށެވެ. މިއީ މުސާރަ ޝީޓުގެ އަދަދުތައް އިސްފަސް ވުމުން އެރި އޮޅުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފިނޭންސުން ބުނި ގޮތުގައި 1،796 މުވައްޒަފެއްގެ މުސާރައަށް މި އޮޅުމުގެ ސަބަބުން ބަދަލު އައިސްފައިވެ އެވެ. މީގެ ތެރެއިން ބައެއް މުވައްޒަފުންނަށް މުސާރައަށްވުރެ އިތުރަށް ފައިސާ ޖަމާވެފައި ހުރިއިރު ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވީ މަދުންނެވެ. އެހެންވެ، މުސާރައިގެ އިތުރަށް ޖަމާވި ފައިސާ އަނބުރާ ހޯދައި މަދުން މުސާރަ ޖަމާވި މީހުންނަށް ފައިސާ ދޭނެ ކަމަށް ފިނޭންސުން ބުންޏެވެ.

މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މުސާރައިގެ ކަންކަން މިހާރު ރާވާފައިވާ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެކި ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ 100 އަށް ވުރެ ގިނަ ގިނަ މުވައްޒަފުންނަށް އިތުރަށް މުސާރަ ޖަމާވެފައިވެ އެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުންނަށް 70،000ރ. އިން މަތިން ވެސް ޖަމާވި އެވެ. އަދި ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވީ މަދުންނެވެ.