01 ސެޕްޓެމްބަރ 2021 - 11:53

މީގެ ހަތް އަހަރު ކުރިން ސްކޫލެއް ތެރޭގައި ބަޔަކު ހިންގި މާރާމާރީއަކާ ގުޅިގެން ޕީޖީ އޮފީހުން ދައުވާ ކުރި ބަޔަކަށް ކުށް ސާބިތު ނުވުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅުމަށް ފަހު އަނބުރާ ގެންގޮސްފި އެވެ.
މިއީ ބިލަބޮން ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލުގެ ތެރެއަށް ކަތިވަޅިތަކެއް ހިފައިގެން ވަދެ އެ ސްކޫލުގެ ދަރިވަރަކާ ހަތަރު މީހަކު މާރާމާރީ ހިންގި މައްސަލައެކެވެ. މާރާމާރީ ހިންގި މީހުން ވަނީ ކަތިވަޅިން ޖަހައި ދަރިވަރުގެ ބޯ ފަޅާލައި، ގައިގައި ފަތިބުރިއަކުންނާއި ސްކޫލު ތެރޭގައި ހުރި ޓްރޮފީ ކަބަޑުގައި ހުރި ޓްރޮފީއަކުން ހަމަލާ ދީފަ އެވެ. އެ މާރާމާރީ ހިންގި ހަތަރު މީހުންގެ ތެރެއިން އެކަކު ދޫވިޔަ ނުދީ ފުލުހުން އަންނަންދެން ހިފެހެއްޓީ ބިލަބޮންގުގެ އޭރުގެ ޕްރިންސިޕަލެވެ.
އެ މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރީ، ގއ. ދާންދޫ، ފަހުދާވާދީ، ފައްސާން ވަލީދަށާއި ހ. ރޯޒަންޑޭލް، ޝައިބާން ޒުރުފަތު އިސްމާއިލް، ގދ. ގައްދޫ، ދަނބުފަށުއިގެ، އުލްޔާން އަހުމަދުގެ އިތުރުން، ހ. ސައިބާން އަލީ ރިފާންގެ މައްޗަށެވެ.
އޭގެ ތެރެއިން 2016 ވަނަ އަހަރު ދަށު ކޯޓުގައި ކުށް ސާބިތުވީ، ސްކޫލުގެ ތެރެއިން ހިފެހެއްޓި ރިފާންގެ މައްޗަށް އެކަންޏެވެ. އޭނާއަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.
ދެން ތިބި މީހުންގެ ބައި ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު، މައްސަލަ ކުރިއަށްނުގެންދަން އަމިއްލައަށް ނިންމުމުން އިއްޔެ އެ މައްސަލަ ހައި ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ.
މައްސަލަ އަނބުރާ ގެންދަން ނިންމި ސަބަބު ސާފުކޮށްދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "މިހާރު" އަށް ވިދާޅުވީ އެ މައްސަލައިގައި އިސްތިއުނާފީ މައިގަނޑު ނުކުތާ އަކީ ދަށު ކޯޓުގައި ނެގި ހެއްކެއްގެ ހެކިބަހާ ގުޅޭ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. ހައިކޯޓުން އެ މައްސަލަ ޕީޖީއަށް ކާމިޔާބުވިޔަސް އެ ކޯޓުން އަންގާނީ މައްސަލަ ދަށު ކޯޓުން ބަލަންކަން ޝަފީއު ފާހަގަކުރެއްވި އެވެ.
އެހެންވެ، ޕީޖީއިން މައްސަލަ އަނބުރާ ގެންދިޔައީ، މައްސަލަ ކާމިޔާބުވިޔަސް، ދަށު ކޯޓުގައި އެ ހެކިވެރިޔާގެ ހެކިބަސް އަލުން ލިބިދާނެ ކަމަށް ނުބެލެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޖީ އޮފީހުން މި މައްސަލަ އަނބުރާ ގެންދިޔަ އިރު، މިއީ، އެ އޮފީހުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ދެވަނަ ފަހަރެވެ. އެ މައްސަލަ ފުރަތަމަ އިސްތިއުނާފު ކުރުމަށްފަހު، އަޑުއެހުންތަކަށް ޕީޖީ އޮފީހުން ހާޒިރުނުވެގެން މައްސަލަ ކޯޓުން ބޭރުކޮށްލީ އެވެ.
ދެވަނަ ފަހަރަށް އެ ކޯޓުގައި މައްސަަލަ އިސްތިއުނާފު ކުރެވުނީ، ދައުވާ ކުރާ ފަރާތުން ހާޒިރުނުވެގެން ބޭރުކުރާ މައްސަލަތައް އަލުން ހުށަހެޅުމަށް ހައި ކޯޓުން ދީފައި އޮންނަ މުއްދަތުގެ ތެރޭގައި ޕީޖީ އޮފީހުން އަލުން މައްސަލަ ހުށަހެޅުމުން ކޯޓުން މައްސަލަ ބަލައިގަތުމުންނެވެ.
ދައުވާ ކުރި އިރު ޝައިބާން އާއި ރިފާންއަށްވީ 18 އަހަރެވެ. ދެން ތިބި ދެ މީހުންނަށް 19 އަހަރެވެ. މިހާރު އޭގެ ތެރެއިން ބައެއް މީހުންނަށް ވަނީ މީހުންނާ އިނދެގެން ދަރިން ވެސް ލިބިފަ އެވެ.