ވެކްސިން ނުޖަހާ ނަމަ ދަތުރުފަތުރު މަނާކަން ޔަގީނެއްނޫން!
ވެކްސިން ނުޖަހާ ނަމަ ދަތުރުފަތުރު މަނާކަން ޔަގީނެއްނޫން!

ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ހިދުމަތް ދިނުމުގައި ތަފާތުކުރުން ގެންގުޅުން މިއަދުން ފެށިގެން ހުއްދަކުރަން ސަރުކާރުން ނިންމައި ކުރިން އިއުލާނުކުރި އިރު، ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް އާންމު ދަތުރުފަތުރު މަނާވާނެ ކަމަށް ބެލެވުނެވެ. މި އިއުލާނާ ގުޅިގެން މިއަދުން ފެށިގެން އެކި ދާއިރާތަކުން އަޅާނެ ފިޔަވަޅުތައް އިއުލާނުކޮށްފައި ވިޔަސް ވެކްސިން ނުޖަހާ މީހުން އާންމު ދަތުރުފަތުރުގައި ބައިވެރިވުމަށް ހުރަހެއް އޮތްކަމެއް ނުވަތަ ނޫން ކަމެއް އަދިވެސް ސާފެއް ނުވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ދަތުރުފަތުރު ކުރާ މީހުން ވެކްސިން ޖަހައިފައިވޭތޯ ބެލުމަށް ކުންފުނިތަކަށް އަންގައިފަ އެވެ. އަދި ހިދުމަތް ދޭނީ އެޗްޕީއޭގެ ގައިޑްލައިންގައި ޝަރުތު ކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށް ފަހު ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް މީގެ މާނަ އަކީ ވެކްސިން ފުރިހަމަ ނުކުރާ ނަމަ ހިދުމަތް ދިނުން މަނާވުންކަމެއް ނޭނގެ އެވެ. ދަތުރުފަތުރުގެ ހިދުމަތް ދޭ ތަންތަނުން ވެސް މިކަމަށް ސީދާ ޖަވާބެއް ނުދީ ބުނަނީ އަމަލުކުރާނީ އެޗްޕީއޭގެ ގައިޑްލައިނަށް ކަމަށެވެ. އެ ގައިޑްލައިންގައި، ވެކްސިން ނުޖަހާ ނަމަ ދަތުރުކުރުން މަނާކޮށްފައެއް ނޯވެ އެވެ.

މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން، މޯލްޑިވިއަން އިން ބުނީ ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވާ ގޮތަށް އަމަލު ކުރާނެ ކަމަށެވެ. ސީދާ އަޅާނީ ކޮންކޮން ފިޔަވަޅުތަކެއް ކަމެއް އެ ކުންފުންޏަކަށް ވެސް ބުނާކަށް ނޭނގެ އެވެ.

ވެކްސިން ނުޖަހާ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް، އެތެރޭގެ ކަނޑުދަތުރުތައް ކުރާ އެމްޓީސީސީއަކަށް ވެސް ނޭނގެ އެވެ. އެހެންވެ އެ ކުންފުނިން މިހާރު ވަނީ އެ ފިޔަވަޅުތައް ހާމަކޮށްދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު "މިހާރު" އަށް ވިދާޅުވީ ވެކްސިން ނުޖަހާ މީހުންނަށް ވެސް ދަތުރު ކުރެވޭނެ ކަމަށެވެ. ނަމަވެސް އެ މީހުން ދަތުރު ކުރަން ޖެހޭނީ އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ. ވެކްސިން ނުޖަހާ މީހުން ދަތުރުކުރުމަކީ އެޗްޕީއޭގެ ގައިޑްލައިންގައި މަނާކަމެއް ނޫނެވެ. އެ މީހުންނަށް އޮންނަނީ އެ ދާ ތަނެއްގައި ގޮސް ކަރަންޓީނު މުއްދަތު ފުރިހަމަކުރުމެވެ.

ވައިގެ މަގުން ދަތުރުކުރާ މީހުން ވެކްސިން ޖަހާފައި ހުރިތޯ މީގެ ކުރިން ވެސް ނުބަލަ އެވެ. ދަތުރުކުރަން އެޗްޕީއޭ އިން ދޭ ހުއްދަ އޮތްތޯ ވެސް ނުބަލަ އެވެ.

"ޓޫރިސްޓުން ވެސް އެބަ އާދޭ ނޫންތޯ ވެކްސިން ފުރިހަމަ ނުކޮށް، އެހެންވީމާ އަޅުގަނޑުމެންނަށް ދިވެހިންނާ ޓޫރިސްޓުންނާ ތަފާތު ނުކުރެވޭނެއެއް ނޫންތޯ،" ޒުހައިރު ވިދާޅުވި އެވެ.

އެޗްޕީއޭ އިން މިދިޔަ މަހު ނެރުނު ގައިޑްލައިންގައި ބުނެފައިވާ ގޮތުގައި ވެކްސިން ނުޖަހާ މީހުންނާ މެދު އަޅަނީ ދެ ފިޔަވަޅެކެވެ. އެއީ ވެކްސިން ނުޖަހާ މީހަކު ކޮންމެ ރަށަކަށް ދިޔަޔަސް 14 ދުވަސް ވަންދެން ކަރަންޓީން ވުމާއި ފުރާއިރު އަދި ކަރަންޓީން ނިމުމުން އަމިއްލަ ހަރަދުގައި ޕީސީއާރު ޓެސްޓު ހެދުމެވެ.

ދަތުރުފަތުރު ކުރުމުގައި، ވެކްސިން ނުޖަހާ މީހުންނަށް ހުރަހެއް ނެތް ނަމަވެސް ބައެއް އެހެން ހިދުމަތްތައް ހޯދުމުގައި މިހާރުވެސް ވަނީ ދަތިކޮށްފަ އެވެ. އެގޮތުން، މިއަދުން ފެށިގެން ސްކޫލްތަކަށް ވަދެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަންޏެވެ. އަދި ވިޔަފާރިތަކާއި ޖިމްތަކުން، ވެކްސިން ނުޖަހާ މީހުންނަށް ހިދުމަތް ނުދޭން ވަނީ އިކޮނޮމިކް މިނިސްޓްރީން އަންގައިފަ އެވެ.

މީގެ ތެރޭގައި ވެކްސިން ފުރަތަމަ ޑޯޒު ނުޖަހާ މީހުންނަށް ޖިމާއި ސެލޫންތަކުން ހިދުމަތް ދިނުން މަނާކުރުމާއި އިމްޕޯޓު މުދާ ވިއްކާ ތަންތަނުންނާއި ކާބޯތަކެތި ވިއްކާ ތަންތަނުން، ވެކްސިން ޖަހާފައިވާ މީހުންނަށް އިސްކަން ދިނުން ހިމެނެ އެވެ. އަދި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނިތަކުގެ މުވައްޒަފުން ވެކްސިން ނުޖަހާ ނަމަ މަސައްކަތަށް ނުކުމެވޭނީ ޕީސީއާރު ޓެސްޓު ހަދައިގެން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފަ އެވެ.