01 ސެޕްޓެމްބަރ 2021 - 11:40

އޮގަސްޓް މަސް ނިމުނުއިރު ރާއްޖޭގެ ކޮވިޑްގެ ކޭސްތައް އިތުރުވެ ޕޮޒިޓިވިޓީ ރޭޓް ތިން ޕަސެންޓަށް މައްޗަށް އަރައިފި އެވެ.
އެޗްޕީއޭ އިން ކޮންމެ ދުވަހަކު އާންމުކުރަމުން އަންނަ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު މުޅި ރާއްޖެއިން 171،805 ސާމްޕަލް ކޮވިޑަށް ޓެސްޓްކުރިއިރު ޕޮޒިޓިވްވީ 3،676 މީހެކެވެ. އޮގަސްޓް މަހުގެ އެންމެ ފަހު ހަތަރު ދުވަހު ޕޮޒިޓިވިޓީ ރޭޓް ހުރީ ދެ ޕަސެންޓުން މަތީގަ އެވެ. އެންމެ ފަހު ދުވަހު އެ އަދަދު ވަނީ 3.69 އަށް އަރައިފަ އެވެ.
ތަފާސްހިސާބުތަކުގައިވާ ގޮތުން މާލެއިން މިދިޔަ މަހުގެ ތެރޭގައި ނަގާފައިވާ ސާމްޕަލްގެ އަދަދު ވެސް އުޅެނީ 59،391 ގަ އެވެ. އޭގެެ ތެރެއިން ޕޮޒިޓިވްވީ 883 މީހުންނެވެ. އެވްރެޖްކޮށް ކޮންމެ ދުވަހަކު ވެސް މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އެއް ޕަސެންޓުގައި ހުރި ނަމަވެސް ހަތަރު ދުވަހަކު ދެ ޕަސެންޓަށް ޕޮޒިޓިވިޓީ ރޭޓް އެރި އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ އަދަދު ތިން ޕަސެންޓަށް ވެސް އެރި އެވެ.
ރަށްރަށާއި ރިސޯޓުތައް އަދި ތަރައްގީކުރަމުން އަންނަ ރަށްތަކާއި ސަފާރީތައް ހިމެނޭ ގޮތަށް މިދިޔަ މަހު ނެގި ސާމްޕަލްގެ އަދަދު އުޅެނީ 112،414 ގަ އެވެ. ޕޮޒިޓިވްވީ 2،793 މީހެކެވެ. އެ ތަންތަނުގެ ޕޮޒިޓިވިޓީ ރޭޓް އާންމުކޮށް ކޮންމެ ދުވަހެއްގައި ވެސް ދެ ޕަސެންޓްގައި ހުރިއިރު ބައެއް ދުވަސްތަކުގައި ޕޮޒިޓިވިޓީ ރޭޓް ތިނަކުން މައްޗަށް އަރާފައިވެ އެވެ. އިއްޔެ އެ އަދަދު އުޅުނީ 4.10 ޕަސެންޓްގަ އެވެ.
ކޮވިޑް ވެކްސިން ފުރިހަމަކުރާ މީހުންނަށް އެޗްޕީއޭ އިން އޮތީ ބޮޑެތި ލުއިތަކެއް ދީފަ އެވެ. އެމީހުންނަށް ކަރަންޓީނު ނުވެ ރަށްރަށަށް ދަތުކުރުމުގެ ފުރުސަތު ވެސް އޮތްއިރު ކޮވިޑްގެ ކޭސްތައް ކުރިން ހުރީ އެއް ވަރެއްގައި ހިފެހެއްޓިފަ އެވެ. މިދިޔަ ބޮޑު އީދުގެ ބަންދާ ދިމާކޮށް، އެ ލުއިތައް ދިން ފަހުން ވެސް ޕޮޒިޓިވިޓީ ރޭޓް އެއް ޕަސެންޓްގައި ހުއްޓެވެ. ޕޮޒިޓިވްވާ ޕަސެންޓް އިތުރުވާން ފަށާފައި މިވަނީ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
މި ވަގުތު ރާއްޖެއިން 302،182 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި 383،620 މީހަކު ވެކްސިންގެ އެއް ޑޯޒް ޖަހާފައިވެ އެވެ.