އައްޑޫގައި 200 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިއްޖެ، އަދަދުތައް މައްޗަށް!
އައްޑޫގައި 200 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިއްޖެ، އަދަދުތައް މައްޗަށް!

އައްޑޫގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 216 އަށް އަރައިފި އެވެ.

ކޮޮވިޑް ފެނިގެން ބަންދުކޮށްފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން، އައްޑޫގެ މޮނިޓަރިން އުވައިލީ މިދިޔަ ޖުލައި 19 ގަ އެވެ. އޭރު ވެސް އައްޑޫގެ އެކި ރަށްރަށުން މަދުމަދުން ކޭސްތައް ފެންނަމުން ދިޔަ އެވެ. އޭގެ ފަހުން އަލުން ކޭސްތައް އިތުރުވާން ފެށުމުން އައްޑޫގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސް ކާފިއު ހިންގަން ފެށީ މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ސާފީ މުހައްމަދު ހުސައިން "މިހާރު" އަށް މިއަދު ވިދާޅުވީ އިއްޔެއަކީ އައްޑޫގައި މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަސް ކަމަށެވެ. އިއްޔެ އެކަނިވސް އައްޑޫން 37 މީހަކަށް އެ ބަލި ޖެހުނެވެ.

ސާފީ ވިދާޅުވިގޮތުގައި މި ވަގުތު އެކްޓިވް ކޭސްތައް އެންމެ ގިނައީ މަރަދޫގަ އެވެ. އެ އަވަށުގައި އެކަނި ވެސް ބަލި ޖެހިފައި ތިބި 106 މީހަކު އެބައުޅެ އެވެ. މަރަދޫން ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވްވަމުންދާ ކަމަށާއި އިއްޔެ އެގޮތަށް ދެ މީހަކު ޕޮޒިޓިވްވި ކަމަށް ސާފީ ވިދާޅުވި އެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އާބާދީ އެންމެ ބޮޑު ހިތަދޫގައި މިހާރު ވެސް ކޮވިޑް ޖެހިފައިވާ 53 މީހަކު އެބަތިއްބެވެ. އެ އަވަށުގެ ފްލޫ ކްލިނިކަށް ދައްކަން ދާ މީހުންގެ ގައިން ވެސް ބަލި ފެންނަ ކަމަށް ސާފީ ވިދާޅުވެ އެވެ. އަދި މަރަދޫފޭދޫގައި 24 ފޭދޫގައި 22 މީހަކަށް މިހާރު ވެސް ކޮވިޑް ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސާފީ ވިދާޅުވި ގޮތުގައި ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދު އާއި މީދޫން ވެސް ކޮވިޑްގެ ކޭސްތައް ފެންނަމުންދާތާ ދެ ދުވަސް ވެއްޖެ އެވެ. ހުޅުދޫގައި މިވަގުތު އެކަކު އަދި މީދޫގައި ނުވަ މީހަކަށް ބަލި ޖެހިފައި އެބަ ތިއްބެވެ. މިވަގުތު ހުޅުދޫ އާއި މީދޫގައި ވެސް ރައްކާތެރިވުމުގެ އެއްވެސް ފިޔަވަޅެއް ނާޅައި އޮތް ނަމަވެސް އެ ތަނުގައި ކާފިއު ހިންގުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ސާފީ ވިދާޅުވި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންގައި އޮތުމާ އެކު، އެ ރަށްތަކުގައި ރޭގަނޑު 9 އިން ފަތިހު 4 އަކަށް ދަނީ ކާފިއު ހިންގަމުންނެވެ. އެ ވަގުތުގައި ބޭރަށް ނުކުމެ އުޅުން މަނާވާނެތީ ވިޔަފާރިތައް ބަންދުވާނެ އެވެ.