އުމްރާއަށް ގެންދަން ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްފި
އުމްރާއަށް ގެންދަން ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްފި

އުމްރާއަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު އިސްލާމިކް މިނިސްޓްރީން އިތުރުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ، މުއްދަތު އިތުރުކުރީ އުމްރާއަށް މީހުން ގެންދަން ދެ އަހަރަށް ހުއްދަ ދީފައިވާ ކުންފުނިތަކަށް ކަމަށެވެ. އެއީ 37 ކުންފުންޏެކެވެ.

ނަމަވެސް، ކޮވިޑުގެ ސަބަބުން މިދިޔަ އަހަރާއި މި އަހަރުގެ މިހާ ހިސާބަށް އެ ކުންފުނިތަކަށް އުމްރާ ދަތުރުތައް ރާވައި ހިންގުމަށް އެކަށީގެންވާ ފުރުސަތު ނުލިބޭތީ އެ މުއްދަތު އެއް އަހަރަށް އިތުރުކުރީ ކަމަށް އިއުލާނުގައި ބުންޏެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ އެއްބަސްވުން އިތުރުކުރިއިރު، ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ގައުމުތަކުގެ މީހުންނަން ސައުދީ ވަނީ ހުޅުވާލައިފަ އެވެ.

އުމްރާވުމުގެ ހުއްދަ ދޭން ފަށާނީ، މަހަކު 60 ހާސް މީހުންގެ ރޭޓުންނެވެ. ނަމަވެސް މަހުން މަހަށް އެ އަދަދު މަތިކުރަމުން ގޮސް، މަހަކު ދެ މިލިއަން މީހުންނަށް ހުއްދަ ދޭން ސައޫދީ ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.

ބޭރު ގައުމުތަކުން އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް އެދި ހުށަހަޅާއިރު، އެއިން ކޮންމެ މީހަކީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހެއްކަން އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަންޖެހެ އެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން އުމްރާވުމަށް ހުށަހެޅި ކަމުގައި ވިޔަސް، އެމީހަކީ ކޮވިޑްގެ ސަބަބުން ސައޫދީ އަރަބިއްޔާ އަށް މީހުން އެތެރެވުން މަނާކޮށްފައިވާ ގައުމެއްގެ މީހެއް ނަމަ، ސައޫދީ އަށް އެތެރެވުމަށް ފަހު، ސައޫދީ ސަރުކާރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެ އެވެ.