01 ސެޕްޓެމްބަރ 2021 - 08:06

އާދިއްތަ ދުވަހާ ގުޅޭ
"އެސްއެސްއެޗު ކުންފުނީގައި ރައީސް ތާމިރުގެ ހިއްސާ އޮވޭ!" ނޫހެއްގެ ފަލަ ސުރުހީގައި ބޮޑު އަކުރުން ފަވައިލިއެވެ.
އެސްއެސްއެޗު ކުންފުނި ސަރުކާރު ތެރެއަށް މޫލައިފައިވާ ވަރު ހާމަވާން ފެށުމުން، ނޫސްވެރިން އަވަސްވެގަތީ ކަމުގެ ހަގީގަތް ހޯދާށެވެ. ހިތާމައަކީ، ރާއްޖޭގެ އެއްވެސް ނޫހެއް ސިޔާސީ ނުފޫޒުން މިނިވަން ވެފައި ނެތުމެވެ. ކޮންމެ ނޫހެއްގެ ވެސް މޫތައް ގުޅިފައި އޮންނަނީ ކޮންމެވެސް ޕާޓީއަކާއެވެ. ކޮންމެ ދައުރެއްގައި ވެސް އެއް ބަޔެއްގެ ބޭނުމަކީ ވެރިކަން ދެމެހެއްޓުމެވެ. އަނެއް ބަޔެއްގެ ބޭނުމަކަށް ވެފައި އޮންނަނީ ވެރިކަން ފުރޮޅައިލުމެވެ.
ނޫނެކެވެ. ހިއްސާދާރުންގެ ލިސްޓުގައި ރައީސް ތާމިރުގެ ނަންފުޅެއް ނެތެވެ. ކުންފުނި ވުޖޫދަށް އައި އިރު އޮތެވެ. ފަހުން ތާމިރުގެ ހިއްސާ ވިއްކައިލީއެވެ. އޭގެ އަޑީގައި އޮތީ ކޮން ފަދަ ސިއްރެއްކަމެއް ނޫސްވެރިންނަކަށް ނުހޯދުނެވެ. ނުވަތަ ހޯދުނު ބަޔަކު އިހުތިޔާރުކުރީ ހަނުހުރުމެވެ. އެތައް ސަބަބަކަށް ޓަކައެވެ. ސަރުކާރުން އަވަސްވެގަތީ ޝަރީޔަށް ނިންމާށެވެ. ބިންދައިލި ބިޔަ ރާޅުން ފައިދާ ނަގައި، ޕާޓީގައި ޖެހިފައި ހުރި ކަޅު ލައްތައް ދޮވެލާށެވެ.
ތަހުގީގަށް ހުރަސްއެޅުނަ ނުދިނުމަށްޓަކައި، ޒިންމާތަކުން ނަޖާތު އެކަހެރިވިއެވެ. ސަރުކާރުން އެންގުމުގެ ކުރިންނެވެ. ހަގީގަތުގައި އެއީ ރައީސް ތާމިރު ދެއްވި ލަފާފުޅެކެވެ. ނަޖާތުގެ ފޮޓޯ ރީތިކުރުމަށް ޓަކައެވެ. ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ހޯދުމަށް ޓަކައެވެ. ރައީސް ވިދާޅުވީ އެހެންނެވެ. މަޖިލީހުގެ ސިއްރު ކޮމެޓީއެއްގައި މަޝްވަރާތައް ކުރިޔަށްދިޔައެވެ. ޝަރީއަތް ވަގުތުން ދެއްކުމުން ވާނީ ފައިދާއެއް ހެއްޔެވެ؟ ގެއްލުމެއް ހެއްޔެވެ؟ އެސްއެސްއެޗު ކުންފުނީގެ ހިއްސާދާރުންނާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ވެރިކަންކުރާ ޕާޓީން ބޭނުމެއް ނުވެއެވެ.
މުލިއާގޭގެ ކޮޓަރިއެއްގައި ވެސް ސިއްރު ބައްދަލުވުމެއް ކުރިޔަށް ގެންދިޔައެވެ. ރިޔާސަތުގައި އިންނެވީ ހުދު ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ތާމިރެވެ. އެ ބައްދަލުވުމުގައި ސިފައިންނާއި ފުލުހުންގެ އިސް ވެރިން ބައިވެރިވިއެވެ. ތާމިރަށް އެންމެ އިތުބާރުކުރެއްވޭ މަޖިލީސް މެންބަރުން ވެސް ބައިވެރިވިއެވެ. އެކަމަކު އެއްވެސް މީހެއްގެ މޭ ފަޅައިފައި ހިތުގައި އޮތް އެއްޗެއް ނުބެލޭނެއެވެ. ބަންދު ހަތަރު ފާރުން އެތެރޭގައި ދެއްކޭ އެއްވެސް ވާހަކައެއް ނޫހުގެ ފަލަ ސުރުހީއަކަށް އަރައިފި ނަމަ، ފެންގަނޑު އިތުރަށް ކިލަނބުވާނެއެވެ. ތާމިރާ ޖެހިގެން އިންނެވީ ނައިބު ރައީސްއެވެ. އޭނައަކީ ކޮން ޕާޓީއަކަށް ވަފާތެރި މީހެއްކަމެއް ވެސް ތާމިރަކަށް މުޖައްރިބެއް ނޫނެވެ. ނައިބު ރައީސްގެ ފޯނު އޮތީ، މޭޒުމަތީގައި ބަންޑުން ބާއްވައިފައެވެ. އެ ފޯނާ ދިމާއަށް ތާމިރު ވައްކަޅިން ބެއްލެވިއެވެ. ދެ ސުވާލު އުފެއްދެވިއެވެ. ފޯނުން އެއްޗެއް ރިކޯޑުކުރަނީ ހެއްޔެވެ؟ އެހެންޏާ ފޯނު އެ ގޮތަށް ނުބާއްވަނީ ކީއްވެގެން ހެއްޔެވެ؟
"ރައްޔިތުންގެ ހުރިހާ އެންމެން މި މައްސަލައަށް ފޯކަސްކުރާކަށް އަޅުގަނޑު ބޭނުމެއް ނޫން،" ވާހަކަފުޅުގެ މެދުތެރެއިން، ކަރުކެހިލައްވައިފައި ރައީސް ތާމިރު ވިދާޅުވިއެވެ. "ދިވެހިންނަކީ ދީނާ މިނިވަންކަމަށް ލޯބިކުރާ ބައެއް. އެކާވީސްވަނަ ގަރުނުގެ ޓެރަރިޒަމް ރަށްބޭރު ބޮޑު ދޮރާށީގަ ޓަކިދިންތާ ކިތަންމެ ދުވަހެއް. އެ ކަންކަމާ ބެހޭ ގޮތުން ވިސްނުން ދިވެހިން ހުއްޓާލީތަ؟ ނާމާންކަމާ އަމާންކަމުގަ އެބަ ޖެހޭ ބެލެންސެއް ގެންގުޅެން. އެހެން ނޫނީ ގައުމެއް ކުރިޔަކަށް ނާރާނެ. ރައްޔިތުން ހުޝިޔާރެއް ވެސް ނުވާނެ. ލޮލަކުން ނިންޖެއް ވެސް ނުފިލާނެ."
ތާމިރު ދެއްކެވި ވާހަކަފުޅުގެ ދެ ފޮޅުވަތް ދެމެދުގައި އޮތީ ކީކޭކަން، ބައްދަލުވުމުގެ ހުރިހައި ބައިވެރީންނަށް ވެސް އެނގެއެވެ. ކޮންމެ މީހަކު ވެސް ބަލައިލީ އަނެކަކުގެ މޫނަށެވެ. ކަލެއަށް ނެގުނީ އަހަންނަށް ނެގުނު މާނަހޭ އަހާ ކަހަލަ ގޮތަކަށެވެ.
"ހީނާފަތް ޗިސްކޮށްގެން ނޫނީ އޭގެ ކުލައެއް ނާންނާނެ،" ވަރަށް ފަރުވާތެރިކަމާ އެކުގައި ތާމިރު ލަފުޒުތައް ބޭނުންފުޅު ކުރެއްވިއެވެ. "މަސްތަކެއް މަރުވިޔަސް، ފަރުން ބަޔެއް ފުނޑުފުނޑު ވިޔަސް، ފަޅުގޮއްވައިގެން ނޫނީ ނެރެއް ނުކެނޑޭނެ. މީ ހަގީގަތް. ވާރޭފެން ހިފައިގެން އަންނަ ވިލާގަނޑުން ބައެއް ފަހަރު ހޮނެއްނާޅާ ތޯ؟"
ބައްދަލުވުން ނިމުނުތާ ގަޑިއެއްގެ އިރު ނުވަނީސް، ދެކުނު ފަރާތުގައި އޮތް ތެޔޮ ބައުޒަރެއް ގޮވައި، ކައިރީގައި އޮތް ނުވަ ބައުޒަރުގައި ހުޅުހިފިއެވެ. އެއީ ފަހުގެ ތާރީހެއްގައި މާލެ ދުށް އެންމެ ބޮޑު އަލިފާންގަނޑެވެ. ހުޅުގަނޑު ފަޅައިގެން ދިޔަތާ ދެ މިނެޓު ނުވަނީސް އަލިފާންނިވާ ލޯރިތައް އައެވެ. އެހާ އަވަހަށް އާދެވުނީ، އަލިފާން ނިވާ މަރުކަޒު ކައިރީގައި ހުރުމުން ހެއްޔެވެ؟ އެ ސުވާލު އެކެއްގެ ހިތަކު ވެސް ނުއުފެދެއެވެ. އެންމެން ދެއްކީ އަލިފާންގަނޑުގެ ބޮޑު ވާހަކައާއި، ކޮންޓުރޯލު ކުރިލެއް އަވަސް ވާހަކައާއި، ހާދިސާގެ ބިރުވެރިކަމުގެ ވާހަކައެވެ. އެ ތަނުގައި ގޮވީ ކޯޗެއް ހެއްޔެވެ؟ ދެ މީހުން މަރުވީ ކީއްވެގެން ހެއްޔެވެ؟ ވީނުވީއެއް ނޭނގި އެކަކު ގެއްލުނީ ކީއްވެގެން ހެއްޔެވެ؟ ދައްކާނެ ވަރަށް ގިނަ ވާހަކަތައް ވިހައި، ސުވާލުތައް އުފަންވިއެވެ. މީސްމީޑިޔާގައި އޮތީ، އަންތަރީސްވާ ކަހަލަ މޮޅެތި ފޮޓޯތައް ހިއްސާކުރުމެވެ. އެ ދުވަހު މުހިންމު ޝަރީއަތެއް އޮތްކަން ހަނދާން ހުރީ މަދު ބަޔެކެވެ.
ޝަރީއަތް ވަގުތުން ނުދައްކަން ހަމަޖެހިފައި، އެންމެ ފަހު ވަގުތު، މައްސަލައިގެ ހައްސާސްކަމާއި މުހިންމުކަމުން ޝަރިޔަތް ވަގުތުން ދުރަށް ދެއްކިއެވެ. ނަޖާތުގެ ކުށް ސާބިތުވުމަކީ، ހަމަ އެކަނި ނަޖާތުގެ ސިޔާސީ މުސްތަގުބަލު ނިމުމުގެ ސިއްކަޖެހުމެއް ނޫނެވެ. ވެރިކަންކުރާ ޕާޓީގެ ކަރުގައި ވެސް ކަށްޓެއް ހުރަސްވާނެއެވެ. ޑިފެންސް މިނިސްޓަރު ޖައުފަރު އިންނެވީ، ޓީވީ އިސްކިރީނުގައި ލޯ ތަތްކޮށްލައްވައިގެން އޮފީހުގައެވެ. ދައުލަތުގެ ވަކީލު މޮޅުކޮށްލަން ބުނެލާ އެއްޗަކުން މައްސަލަ އަތަށް ނުގޮވާތޯ ދުއާކޮށްލަކޮށްލައެވެ. އެ ވަގުތު ޗީފް އޮފް ޑިފެންސް ފޯސް ޒުހޫރު ވެސް ވަޑައިގަތެވެ. ޓީވީއަށް ބައްލަވަމުން ސޯފާގައި ޖައްސައިލިއެވެ.
"މި ކޭސް ބެކްފަޔަރ ކޮށްފިއްޔާ އަހަރުމެންގެ ކައުންޓްޑައުން ފެށުނީކަމަށް ބަލާ!" ޒުހޫރު ވިދާޅުވިއެވެ. "އަސްލު މީ ހަމަ ބީއެސް. ކީއްކުރަން ކުރާ ޝަރީއަތެއް؟ ވަރަށް ތެދަށް ބުނަން؟ އަހަރެންނަށް ވަރިހަމަ ނަޖާތު ކުށްވެރިވިޔަސް ނުވިޔަސް. އެއެއް ނޫން ޕޮއިންޓަކީ. އެކަމަކު ޕާޓީގަ ރައީސެއް ހުންނަވަނިކޮށް މުޅި ޕާޓީ ނުޖެހޭ އެންމެ ވަޒީރަކަށް ބަރޯސާވާކަށް."
ޒުހޫރު ވިދާޅުވީ ތެދެކެވެ. މައްސަލަ ނުވަތުބުރެއް އަޅައިފިއްޔާ ސަރުކާރުގެ ގުނާނަ ފެށުނީއެވެ. ދިވެހިންގެ ގިނަ ބަޔަކަށް އެ ކަން އެނގެއެވެ. ސަރުކާރުން މައްސަލައަށް ހިހޫފެން އަޅައި ފޯކަސް ގެއްލުވައިލިޔަސް، ދިވެހިންނަކީ ތަފާތު ސަގާފަތެއް ގެންގުޅޭ ބައެކެވެ. ނޫސްތަކުގައި، ވަކި ގޮތަކަށް އެއް ވާހަކައެއް ޖަހަން ފަށައިފި ނަމަ، އެއީ ތެދެއްކަން ދިވެހީން ގަބޫލުކުރެއެވެ. އެހެން ގައުމުތަކާ ހިލާފަށް، ފަހުގެ ދިވެހީންނަކީ ކަރުދާސް ނޫސް ކިޔާ ބަޔެއް ނޫނެވެ. ފޯނު ބޫތާއި، ނަރުފޯނާއި، ރޭޑިޔޯ ވެސް ދިވެހިން މާޒީގެ ތެރެއަށް ދޫކޮށްލައިފިއެވެ.
"މަ މި ތާކު ނެތިން." ސަމާސާ ރާގެއްގައި ޖައުފަރު ވިދާޅުވިއެވެ.
ސަރުކާރަށް ނުސީދާކޮށް ތާއިދުކުރާ ނޫސްތަކުން ނަޖާތުގެ ދިފާއުގައި މަސައްކަތް ފެށިއެވެ. ބައެއް ޓީވީ ޗެނަލުތަކާއި، މީސްމީޑިޔާއާއި، ޗެޓު ގުރޫޕުތަކުން ވެސް އަތުކުރި އޮޅައިލިއެވެ. އެކަމަކު ވަރަށް ލޮނުމަޑުކޮށެވެ. އިދިކޮޅުން ވެސް ހުރިހައި ވަލެއް ދަމައި ވާންކޮށްލިއެވެ. އިތުރު ހެކި ހާމަކުރިއެވެ. ނަޖާތު ކޮށްފައިކަމަށް ބުނާ ފައިސާ މުއާމަލާތުގެ ސުލިޕުތަކާއި، ޗެޓުލޮގުތަކާއި، ނަޖާތު ފޯނުން ދައްކައިފައިވާ ވާހަކަތައް ކަމުގައި ބުނާ އަޑުތަކެއް ވެސް ބޭޒާރުކޮށްލިއެވެ. ފޯނުކޯލުގައި ނަޖާތު ކަމުގައި ބުނާ މީހާގެ އަޑު ނަޖާތުގެ އަޑާ ވަރަށް ވައްތަރެވެ. އަނެއް ކޮޅުން ވާހަކަދެއްކީ ކާކުކަމެއް ނޭނގެއެވެ. ވިއްސަކަށް ސިކުންތުގެ އަޑުކޮޅުގައި "ނަޖާތު" ވަރަށް މުހިންމު އެއްޗެއް ބުނެއެވެ.
"... މިއަދު ވަޒީރެއް. މާދަމާ ވީޕީ. އެ ހިސާބަކުން ވެސް އަހަންނެއް ނުހުއްޓުވޭނެ. އަހަރެން އިންނަ ކާރުގަ ނަންބަރު ޕްލޭޓު ނީންނަ ދުވަހެއް އަންނާނެ."
ބައެއް ޗެނަލުތަކުން އިރުއިރުކޮޅާ އިއްވަމުންދިޔަ އެ އަޑުކޮޅުގެ ދިފާއުގައި ނަޖާތު ދެ ޖުމުލައިގެ ޓުވީޓެއް ކުރިއެވެ.
"އަޑެއް އުފެއްދަން ވަރަށް ފަސޭހަވާނެ. އަހަރެން ފުރޭމުކުރަން ވަރަށް އުނދަގޫވާނެ." ޓުވީޓުގައި އޮތެވެ.
ގަބޫލުކޮށްފައި ނުކުރަންވީ ކޯޗެއްކަން ނޭނގި ރައްޔިތުންގެ އެއްބަޔަކަށް ޖެހުނީ ބޯކަހާށެވެ. އަނެއް ބަޔަކަށް ޖެހުނީ ނިޔަފަތި ކާށެވެ. އިދިކޮޅުން އަޑު އުފަލަމުން ގެންދިޔައީ އިންސާފުވެރި ތަހުގީގެއް ކުރުމަށެވެ. އޭރުން ނަޖާތު ސަލާމަތް ނުވާނެކަމަށް ބުނެއެވެ. އެކަމަކު، ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒުފޯރުވާކަމަށް އިދިކޮޅުން ބުނެބުނެ އޮއްވައި ސަރީއަތް ނިމުނީ ނަޖާތާ ދެކޮޅަށެވެ. ނަޖާތު ރިޝްވަތު ހިފިކަން ޝަރީއަތުން ސާބިތުވިއެވެ. ހުކުން އިއްވިއެވެ. ހަތަރު މިލިޔަން ރުފިޔާ ދެއްކުމެވެ. ނުވަތަ ޖަލަށް ދިޔުމެވެ. އެއިން އެއްވެސް ހުކުމަކާ މެދު ނަޖާތު ކުޑަ ވެސް ޖެހިލުމެއް ނުވެއެވެ. ނަޖާތަށް ޖަލުގައި ހުރެވިދާނެއެވެ. ނުވަތަ ފައިސާ ވެސް ދެއްކިދާނެއެވެ. ނަޖާތަށް މައްސަލައަކީ ޕާޓީއަށް ލިބުނު ހުތުރު ނަމެވެ. ނައިބުރައީސްކަމަށް ކުރިމަތިލުމަށް ލިބުނު ރަނުގެ ފުރުސަތު ގެއްލުމުގެ ބިރެވެ. ފަނޑިޔާރު ހުކުން އިއްވި ވަގުތު ނަޖާތަށް ރޮވުނީ އެހެންވެއެވެ.
ޖޫރިމަނާ ދައްކައިގެން ޖަލު ހުކުމުން ނަޖާތު ސަލާމަތްވިއެވެ. ވަޒީރުކަމުގެ މަގާމު ގެއްލުނެވެ. ޕާޓީން ނަޖާތު ވަތްކެއް ނުކުރެއެވެ. އެއީ ނުކުރާ ކުށެއްކަން ތަކުރާރުކޮށް ނަޖާތު ބުނަމުންގެންދިޔައެވެ. ނަޖާތުގެ ނަޒަރުގައި މުޅި ތުހުމަތަކީ ވެސް ބޮޑު ޖޯކެކެވެ. ނަޖާތުގެ ބައްޕައަކީ މިލިޔަނަރެކެވެ. ރިޝްވަތުގެ ގޮތުގައި އެންމެ ތިން މިލިޔަން ރުފިޔާ ނަޖާތު ހިފަންޖެހޭ ސަބަބެއް ނެތެވެ. ރިޝްވަތު ނުހިފާކަން ސާބިތުކޮށްދޭން ނަޖާތު ބޭނުމެވެ. ހަމަ އެހެންމެ ހަގީގަތް ފެންމަތިކުރަން ވެސް ނަޖާތު ވަރަށް ބޭނުންވިއެވެ. އާއިލާއަށް ޓަަކައެވެ.
"އިންސާފުވެރި ތަހުގީގެއް ކުރި ނަމަ އަހަރެން ސަލާމަތްވީސް،" ގޭގެ ސޯފާގައި އޮށޯވެލައިގެން ފޯނުން ވާހަކަދައްކަން އޮތް ނަޖާތު ބުންޏެވެ. "މުންސިރު ކޮން އިރަކުން ގެއަށް އަންނަނީ؟ ކުޑަކޮށް ބޮލުގަ އެބަ ރިއްސާ!"
"މިރޭ މި ކޮޅު ވަރަށް ބިޒީ!" އެނދެއްގައި ޖައްސައިލައިގެން އޮތް މުންސިރު ބުންޏެވެ. "ވަރަށް އާޖެންޓު ޕޭޝަންޓަކަށް އެޓެންޑްވާން އެބަ ޖެހޭ! ތަންކޮޅެއް ލަހުން ދެވޭނީ. ތި ކޮޅުގަ ހުންނާނެ ބޭސް. ރެސްޓުކޮށްލާ!"
މުންސިރު ވާހަކަދެއްކި އިރު "ބަލިމީހާ" ހުރީ އެނދު ކައިރީގައި ހުއްޓިގެންނެވެ. އޭނަގެ ތުންފަތުގައި ވަނީ ލާނެތް ހިނިތުންވުމެކެވެ.
ނުނިމޭ