ނަރުހަކަށް ވާތީ މަރިޔަމް ޝާފިއާ އުޅުނީ ކެންސަރާއި އެކި ބަލިތައް ތަހައްމަލުކުރާ މީހުންނާ ވަރަށް ގާތުގަ އެވެ. އެކަމަކު ބަލި މީހުންގެ އެންމެ ގާތް އެހީތެރިޔާ އަށް، އޭނާގެ އުމުރުން 55 އަހަރުގައި ކެންސަރާ ހަނގުރާމަކުރަން ޖެހި، ބަލި އެނދުގައި އޮށޯންނަން ޖެހުމުން ކުރެވުނީ ވަރަށް ތަފާތު އިހްސާސެކެވެ.

"އަޅުގަނޑަކީ ނަރުހަކަށް ވާތީ ވަރަށް ގިނަ ބަލިތަކުގެ ކައިރީގައި އުޅެމުން ދިޔައީ. އެކަމަކު އަމިއްލަ އަށް ޖެހުނީމަ ކުރެވުނީ ވަރަށް ތަފާތު އިހުސާސެއް،" ނަރުހެއްގެ ގޮތުގައި 30 އަހަރު މަސައްކަތް ކުރި ޝާފިއާ ބުންޏެވެ.

ވަރަށް ހިތްވަރުކޮށް، އެ ހަނގުރާމާގައި ޝާފިއާ ކެންސަރު ބަލި ކުރި އެވެ. އޭނާ ކެންސަރު ބަލިން ފަސޭހަވިތާ މިހާރު ފަސް އަހަރު ވެއްޖެ އެވެ. މިހާރު އުމުރުން 60 އަހަރުގެ ޝާފިއާ އަކީ އުރަމަތީގެ ކެންސަރުގެ ދެ ވަނަ ސްޓޭޖުން ސަލަމާތްވެފައި ހުރި ވަރަށް ހިތްވަރުގަދަ، ދެ ކުދިންގެ މަންމައެކެވެ.

ޝާފިއާ "މެދުސަފުހާ" އަށް ކިޔައިދިނީ އޭނާގެ އެ ވާހަކަތަކެވެ. މި ބަލި ޖެހުނުކަން އެނގުނު ހިސާބުން އޭނާގެ ދިރިއުޅުމަށް އައި ބަދަލާއި ހިތްދަތި ދުވަސްތަކުން އަރައިގަންނަން ކުރި ހިތްވަރެވެ.