ރެއާލުން ދެ އަހަރު ފަހުން ޓްރާންސްފާގައި ހަރަދުކޮށް ކަމަވިންގާ ސޮއިކުރުވައިފި
ރެއާލުން ދެ އަހަރު ފަހުން ޓްރާންސްފާގައި ހަރަދުކޮށް ކަމަވިންގާ ސޮއިކުރުވައިފި

މެޑްރިޑް (އޯގަސްޓް 31) - ދެ އަހަރު ފަހުން، ޓްރާންސްފާ މާކެޓްގައި ރެއާލް މެޑްރިޑުން ހަރަދުކޮށް ފްރާންސްގެ ރެނެސް އެފްސީ (ރެން) ގެ މިޑްފީލްޑަރު އެޑްއާޑޯ ކަމަވިންގާ ސޮއި ކުރުވައިފި އެވެ.

ކަމަވިންގާ، 18، ގެ ޓްރާންސްފާ އަށް ރެއާލްއިން ވަނީ 36.5 މިލިއަން ޑޮލަރު ރެނެސް އެފްސީ އަށް ދޭން ނިންމައިފަ އެވެ. ރެއާލް އާއެކު 2027 އާ ހަމައަށް އޭނާ ވަނީ އެއްބަސްވުން ހަދައިފަ އެވެ.

ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ކަމަވިންގާ ސޮއި ކުރުވުމަށް ކުރިން ޕީއެސްޖީ އާއި މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރި އެވެ.

ރެއާލްއިން ޓްރާންސްފާގައި އެންމެ ފަހުން ހަރަދު ކުރީ 2019 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑުގަ އެވެ. އެ ފަހަރު ޓްރާންސްފާގައި އެޑެން ހަޒާޑް ސޮއި ރެއާލްއިން ކުރީ 105 މިލިއަން ޑޮލަރު ޗެލްސީ އަށް ދިނުމަށް ފަހު އެވެ. އޭނާގެ އިތުރުން ޑިފެންޑަރު އެޑާ މިލިޓާއޯ، ލުކަ ޔޫވޮޗްގެ ޓްރާންސްފާ އަށް ވެސް ރެއާލް އިން ހަރަދު ކުރި އެވެ. އަދި ބްރެޒިލްގެ ރޭނިއާ ޖެސޫސް ކަވާލިއޯ ވެސް ސޮއި ކުރުވި އެވެ.

ދެ އަހަރު ފަހުން އަލުން މާކެޓްގައި ހަރަދު ކުރުމުގެ ގޮތުން ރެއާލްއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޕީއެސްޖީގެ ކިލިޔަން އެމްބާޕޭ ގެންދިއުމަށެވެ. ދެ ފަހަރެއްގެ މަތިން ބިޑު ހުށަހެޅިއިރު ވެސް ރެއާލްގެ ހުށަހެޅުން ޕީއެސްޖީން ގަބޫލެއް ނުކުރި އެވެ.

އެމްބާޕޭ ގެންދެވެން ނެތުމުން ރެއާލުން ވިއްދީ ކަމަވިންގާ އަށެވެ. ރެއާލްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާންގެ ކޯޗު ކަމުގައި ވެސް އޭނާ ވަނީ ކަމަވިންގާ ރެއާލް އަށް ގެންދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އޭރު އެކަން ކާމިޔާބު ނުވީ އޭނާގެ ޓްރާންސްފާ އަށް ރެނެސް އިން ހުށަހެޅި އަގުބޮޑުވުމުންނެވެ. އޭނާ ދޫކޮށްލަން އެ ކްލަބުން އޭރު ބޭނުންވީ މަދުވެގެން 70 މިލިއަން ޑޮލަރަށެވެ.

ކަމަވިންގާގެ ޓްރާންސްފާގެ އަގު ދަށް ކުރަން ރެނެސް އެފްސީން ނިންމީ، އެ ކްލަބުގެ ކޮންޓްރެކްޓް އާ ކުރަން އޭނާ ބޭނުން ނުވުމުންނެވެ. މި ސީޒަނަށް ފަހު ހަމަވާން އޮތް އޭނާގެ ކޮންޓްރެކްޓް ނިމުމުން އޭނާ އަށް ހިލޭ ޓްރާންސްފާގައި ކްލަބު ބަދަލު ކުރެވޭނެ އެވެ. ކްލަބަށް އަގެއް ނުލިބި ކަމަވިންގާ ދޫވެގެންދާން ރެނެސް އެފްސީން ބޭނުން ނުވުމުން އެ ކްލަބުން ނިންމީ އަގު ދަށް ކުރުމަށެވެ.

ކަމަވިންގާ ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު ފްރާންސްގެ ސީނިއާ ޓީމަށް ކުޅެފަ އެވެ. އޭނާ އަކީ 1932 ގެ ފަހުން ފްރާންސްގެ ސީނިއާ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ގައުމީ ޓީމަށް ކުޅުނު އިރު އޭނާގެ އުމުރަކީ 17 އަހަރާއި 17 ދުވަހެވެ. ކަމަވިންގާ އުފަންވީ އެންގޯލާގެ ރެފިއުޖީ ކޭމްޕެއްގެ ތެރޭގަ އެވެ. އޭނާގެ އުމުރުން ދެ އަހަރުގައި އޭނާގެ އާއިލާ ފްރާންސަށް ހިޖުރަ ކުރި އެވެ.

ރެއާލްގެ މިޑްފީލްޑްގައި ކަމަވިންގާ އަށް ފުރުސަތު ހޯދަން އޮތް ޗެލެންޖު ބޮޑެވެ. ލުކަ މޮޑްރިޗް، ކާލޯސް ކަސެމީރޯ، ޓޯނީ ކްރޫޒް، ފެޑެރީކޯ ވަލްވާޑޭ، އިސްކޯ، ޑެނީ ސެބާޔޯސް އަދި އެންޓޯނިއޯ ބްލަންކޯ އަކީ މިހާރު ވެސް ރެއާލްގެ މިޑްފީލްޑަށް ކުޅެން ތިބި ކުޅުންތެރިންނެވެ. އެހެންނަމަވެސް ޓޮޕް ލެވަލްގައި މިހާރު ވެސް ގިނަ މެޗުތަކެއް ކުޅެފައި ވުމުން ކަމަވިންގާ އަށް އޮތް ފުރުސަތު ބޮޑެވެ.

އޭނާ ވަނީ ފްރެންޗު ލީގުގައި 70 މެޗު ކުޅެފަ އެވެ. އަދި އެހެން މުބާރާތްތަކާއެކު ކްލަބު ލެވަލްގައި 100 އަށް ވުރެ ގިނަ މެޗު ކުޅުނެވެ.