މަޖިލީހުގެ ކުރީގެ އަމީން އާންމު އަހުމަދު ޕީޕީއެމަށް
މަޖިލީހުގެ ކުރީގެ އަމީން އާންމު އަހުމަދު ޕީޕީއެމަށް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަމީން އާންމު އަހުމަދު މުހައްމަދު އިދިކޮޅު ޕީޕީއެމާ މިރޭ ގުޅިވަޑައިގެންފި އެވެ.

އާއިލާއާ ބެހޭ ކޯޓާއި މަދަނީ ކޯޓުގެ އިސް ގާޒީކަން ވެސް ކުރެއްވި އަހުމަދު ޕީޕީއެމަށް ސޮއިކުރައްވައި އޭނާގެ ފޯމު މިރޭ ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ވަގުތީ ގޮތުން ހިންގަވާ އަބްދުއްރަހީމް އަބްދުﷲ އާ ހަވާލު ކުރައްވައިފަ އެވެ.

މިއީ ޖުލައި 14، 2005 އިން ފެށިގެން މަޖިލީހުގެ އަމީން އާންމުގެ މަގާމު ފުރުއްވި އަހުމަދު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ދެ ކޯޓެއްގެ ގާޒީކަން ކުރެއްވުމަށް ފަހު އޭނާ އަދާކުރެއްވީ މަޖިލީހުގެ އަމީން އާންމުގެ މަސްއޫލިއްޔަތެވެ.

އަހުމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރިން ކުރެއްވި ސީނާ އަހުމަދު ޒާހިރާއި މުހައްމަދު ޝިހާބާއި އަބްދުﷲ ޝާހިދާއި އަބްދުﷲ މަސީހު މުހައްމަދުގެ އަރިހުގައި އަމީން އާންމުގެ މަގާމު ފުރުއްވައިފަ އެވެ. އަދި ކުރީގެ ހާއްސަ މަޖިލީހުގެ ރައީސް އައްބާސް އިބްރާހީމާއި ގާސިމް އިބްރާހީމް އަރިހުގައި ވެސް އަހުމަދު މަސައްކަތް ކުރެއްވި އެވެ.

އަހުމަދު ނޫނީ މަޖިލީހުގެ މިހާ ގިނަ ރައީސުންނާއެކު މިހާތަނަށް އަމީން އާންމުގެ މަގާމު ފުރުއްވި އެހެން ބޭފުޅަކު މަޖިލީހުގެ އިދާރާގައި މަސައްކަތެއް ނުކުރައްވަ އެވެ.