31 އޯގަސްޓް 2021 - 21:35

ރިހިވެލި ރިޒޯޓަށް އަރައި ހަމަނުޖެހުން ނުހިންގާ ކަމަށާއި، ގާނޫނާ ހިލާފަށް އެ ރަށުގައި ތިބީ ސޭވް ދަ ޑްރީމްގެ އިސް ފަރާތްތައް ކަމަށް އެ ރަށުގެ ލީޒް ހޯލްޑަރު މަހަލް ޓުއާސްއިން މިއަދު ބުނެފި އެވެ.
ކ. މަހާނައެޅިހުރާގައި ރިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމްއާ އެކު މަހަލްއިން ހެދި ސަބްލީޒް އެއްބަސްވުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަހަލްއިން ބާތިލުކުރި މައްސަލައިގައި ސޭވް ދަ ޑްރީމް އިން ސިވިލް ކޯޓުގައި ދައުވާ ކުރި އެވެ. މިއަދު އެ މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު ހުކުމް ކުރެއްވީ، މަހަލް ޓުއާސްއިން އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ.
އެ ހުކުމާ ގުޅިގެން މަހަލްއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެއްބަސްވުން ބާތިލު ކުރި މައިގަނޑު ސަބަބަކީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ހެޑްލީސް ރެންޓާއި ސަބްލީސް ރެންޓު ސޭވް ދަ ޑްރީމްއިން ނުދެއްކުމެވެ. ހެޑްލީސް ރެންޓުގެ ގޮތުގައި 323،188 ޑޮލަރު އަދި ސަބްލީސް ރެންޓުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އަދިވެސް ނުދައްކައި އެބަ އޮތް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ހެޑްލީސް ރެންޓު ނުދެއްކުމުން މީރާއިން ނޯޓިސް ފޮނުވަމުން ގޮސް އެންމެ ފަހުން "ރެޑް ނޯޓިސް" ވެސް ފޮނުވާފައިވާ ކަމަށް މަހަލް އިން ބުނެފައިވެ އެވެ.
އެ ފައިސާ ނުދެއްކުމަކީ އެއްބަސްވުން މަހަލްއަށް ބާތިލު ކުރެވިދާނެ ފަދަ ހާލަތެއް ކަމަށް މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ނިންމާފައިވެ އެވެ. އަދި ކުލި ދެއްކުމަކާ ނުލައި އެތަނުން މަންފާ ހޯދުމުގެ ހައްގު ލިބިގެން ނުވާ ކަމަށް ނިންމާފައިވެ އެވެ.
ރަށް ވީރާނާވެ، އިމާރާތްތަކާއި ޖެޓީތައް ވެއްޓޭ ހިސާބަށް ގޮސް ނަރުދަމާ އާއި އަލިފާން ނިއްވާ ނިޒާމު ހަލާކުވުމާއި އިންޝުއަރެންސާ ނުލައި ރަށް ހިންގުމާއި މުވައްޒަފުންނަށް އެތައް މަހެއް ވަންދެން މުޒާރަ ނުދީ ހުރުމާއި، ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ ފަދަ ކަންކަން ކުރުމަކީ ވެސް އެއްބަސްވުން ބާތިލު ކުރި ސަބަބެއް ކަމަށް މަހަލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސޭވް ދަ ޑްރީމް އަށް ނުވަތަ އެ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް ވެސް މާހަލްގެ ހުއްދަ ނެތި ރިސޯޓްގައި ނުތިބެވޭނެ ކަމަށާއި އެތަނުން މަންފާ ހޯދުމުގެ ހައްގު ނޯންނާނެ ކަމަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވެ އެވެ. އެހެންވެ، މަހަލްގެ ހިއްސާދާރުން ވަނީ ރިހިވެއްޔަށް ގޮސް އެތަނުން ސޭވް ދަ ޑްރީމްގެ މީހުން ބޭރުކުރަން މަަސައްކަތްކޮށްފަ އެވެ.
ނަމަވެސް، ފްރާންސަށް ނިސްބަތްވާ އެ މީހުން އެކަމަށް ދެކޮޅު ހެދުމުން ބޮޑު މައްސަލަގަނޑެއް ވަނީ އުފެދިފަ އެވެ. އަދި އެ މީހުން ރަށަށް އަރައި އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ. އަދި އެ މައްސަލަ ފުލުހުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.
މަހަލްގެ ވަކީލު "މިހާރު" އަށް ވިދާޅުވީ، އެ ކުންފުނީގެ ފަރާތުން އެއްވެސްް ހަމަނުޖެހުމެއް ނުހިންގާ ކަމަށެވެ. އަދި މަހަލްގެ ހުއްދަ އާއި ރުހުމާ ނުލައި އެހެން ބަޔަކު އެ ރަށުގައި ނުތިބެވޭނެކަން ސިވިލް ކޯޓުގެ ހުކުމުން ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއަދު ހުކުމާ ގުޅިގެން ރަށަށް ދިޔައީ މަހަލް ޓުއާސްގެ ހިއްސާދާރުންނާއި އިތުރު ބަޔަކު ކަމަށް އޭނާ ވިދާޅުވި އެވެ.
"މަހަލްގެ ހުއްދައާ ނުލައި އެ ރަށުގައި ތިބޭ ތިބުމަކީ މިހާރު ގާނޫނާ ހިލާފަށް ތިބޭ ތިބުމެއް،" އޭނާ ވިދާޅުވި އެވެ.
ސޭވް ދަ ޑްރީމްގެ ވަކީލު ނާޒިމް ސައްތާރު "މިހާރު" އަށް ވިދާޅުވީ، އެ ކުންފުނިން މަސައްކަތްކުރަނީ ރިހިވެއްޔާ ގުޅޭ މައްސަލަތައް ޝަރުއީ އެންމެ ފަހު މަރުހަލާއިން ނިމެންދެން ރިސޯޓްގައި ތިބެން ކަމަށެވެ.
މަހަލްއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މިހާރު އެ ކުންފުނީގެ އަމާޒަކީ ވީހާވެސް އަވަހަކަށް، ސަރުކާރުން ގަބޫލުކުރާ މިންގަނޑަށް ރިޒޯޓުގެ އުމްރާނީ ހާލަތު ބަދަލުކޮށް، ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތަކާއި ފީތައް ދައްކައި ޓޫރިސްޓުންނަށް ރަށް ހުޅުވާލުން ކަމަށެވެ.
ނަމަވެސް، ސިވިލް ކޯޓުގެ ހުކުމް ސޭވް ދަ ޑްރީމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށް، ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް އެ ކޯޓުން ނެރެދީފި ނަމަ އެތަނުގައި އެއްވެސް މަސައްކަތެއް ނުކުރެވޭނެ އެވެ.