31 އޯގަސްޓް 2021 - 19:51

އަންނަ މަހު 15 އިން ފެށިގެން މަގުމައްޗަށް ކުނި ނެރުން މަނާކޮށް، ކުރިއެކޭ އެއްގޮތަށް ގޭގެ އިން ކުނި ނަގާ ގޮތަށް ވެމްކޯ އިން ހަމަޖައްސައިފި އެވެ.
ގޭގެ އަށް ކުނި ނަގަން ވަނުން މުޅިން ހުއްޓާލައި، މަގުތަކަށް ކުނި ޖަމާކޮށްގެން ވެމްކޯ އިން ކުނި އުކާލާތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފަ އެވެ. އެގޮތަށް ހަމަޖެއްސީ ކޮވިޑާ ގުޅިގެންނެވެ.
ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ 15އިން ފެށިގެން ކުނި ބާލަން ޖެހޭނީ އެ އިމާރާތެއްގެ އެންމެ ތިރީ ބަޔަށް ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންނަށް އިމާރާތުގެ ތިރީ ބަޔަށް ވަދެވޭ ގޮތް ހަދާފައި ހުންނަން ވާނެ ކަމަށް ވެމްކޯއިން ބުންޏެވެ.
މި ބަދަލާ އެކު ގެތަކުން ކުނި ނެރެން ޖެހޭނީ ހަވީރު 6:00 އާއި ރޭގަނޑު 7:00 ދޭތެރޭގަ އެވެ. ވެމްކޯ މުވައްޒަފުން ކުނި ނެގުމުގައި އުޅޭނީ ރޭގަނޑު 8:00-11:00 އާ ދެމެދުގެ ވަގުތެއްގަ އެވެ.
ވެމްކޯއިން ބުނީ ކުނި ނަގާ އުސޫލަށް ގެނައި މި ބަދަލާ އެކު އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަގުމައްޗަށް ކުނި ނެރުން މަނާ ވާނެ ކަމަށެވެ. އަދި ވެމްކޯއިން ކުނި ނަގާނީ ރަޖިސްޓްރީކޮށްފައިވާ ގޭބިސީތަކުން އެކަނި ކަމަށް އެ ކުންފުނިން ބުންޏެވެ.