31 އޯގަސްޓް 2021 - 22:26

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވުރެ ބޮޑު އަނިޔާވެރިއެއް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، މާމިގިލި ދާއިރާގެ މެމްބަރުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މަޖިލީހުގެ އިދިކޮޅު މެމްނަރުންނަށް މިއަދު ރައްދު ދެއްވައިިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސެއްގެ ތެރެއިން ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން ގާސިމް ވިދާޅުވީ ވަނީ ޔާމީނަށް ވުރެ ބޮޑު އަނިޔާވެރިއެއް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ވައްކަމުގެ ތުހުމަތު ވެސް ކުރައްވައިފަ އެވެ.
މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސް ކުރަމުން އައީ ބިމާ ބެހޭ ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށެވެ. އެ ބިލްގެ ބަހުސްގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޔާމީނަކީ ރާއްޖެ ނުދެކޭ ވަރުގެ ލީޑަރެއް ކަމަށާއި އެެއީ ރާއްްޖެ އާރާސްތުކުރައްވަން މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ.
ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ، ގާސިމް އަޑުގަދަކުރައްވަން ފެއްޓެވީ އެހިސާބުންނެވެ.
"އަޅުގަނޑު ނުދެކެން ހަމަ ގައިމުވެސް ރައީސް ޔާމީނަށް ވުރެ ބޮޑު އަނިޔާވެރިއެއް، ބޮޑު ވަގެއް،" ރިޔާސަތުން ގާސިމަށް ފުރުސަތު ދެއްވުމާ އެެކު އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔާމީނުގެ ކެބިނެޓަކީ ވެސް އެފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކެބިނެޓެއް ކަމަށެވެ. ޔާމީންގެ ވެރިކަމުގައި ކްރިމިނަލް ކޯޓުން ގާސިމަށް ހުކުމެއް ކުރީ "ހޭނެތިފައި އޮއްވައި" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭރު އެގޮތަށް ކަންތައް ކުރީ ކޮން ނުފޫޒެއް އައިސްގެންތޯ އޭރު ތިއްބެވި ފަނޑިޔާރުންނާ ސުވާލުކުރަން ވެސް އޭނާ ގޮވައިލެއްވި އެވެ.
ގާސިމް އެ ހިސާބަށް ވާހަކަ ގެންދެވުމުން ރިޔާސަތުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ އެއީ ނިޒާމާ ބެހޭ މައްސަލައެއް ނޫން ކަަމަށެވެ.
ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންނަށް ބަޔަކު ނުފޫޒު ފޯރުވިކަން ދޭހަވާ ގޮތަށް އޭގެ ތެރެއިން ތިން ފަނޑިޔާރަކު ވާހަކަ ދައްކަވާ ކަމަށް ބެލެވޭ އޯޑިއޯތަކެއް އިއްޔެރޭ ވަނީ ސޯޝަލް މީޑިއާގައި ލީކްކޮށްލައިފަ އެވެ. އެކަމަކު އެ އޯޑިއޯތަކުގައި އިވޭ އަޑުތަކަކީ އެ ފަނޑިޔާރުންގެ އަޑު ނޫންކަމަށް ފަނޑިޔާރުންނާ ހަވާލާދީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ރޭ ބުންޏެވެ.
ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ޝިޔާމް ދެއްކެވީ ޖޭއެސްސީގެ އެ ބަޔާނުގެ ވާހަކަ އެވެ.