ސަލާމަތީ މަޖިލީހުން ތާލިބާނުންނަށް ގަރާރެއް
ސަލާމަތީ މަޖިލީހުން ތާލިބާނުންނަށް ގަރާރެއް

އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނު ދޫކޮށް ފައިބައިގެން ދިޔުމުން، ތާލިބާނުންގެ ވެރިކަމެއްގައި ކަންތައް ކުރާނެ ކަމަށް ވެފައިވާ ވައުދު ފުރިހަމައަށް ފުއްދުމަށް، ތާލިބާނުންނަށް ގޮވާލައި، އދ.ގެ ސަލާމަތީ މަޖިލީހުން ރޭ ގަރާރެއް ފާސްކޮށްފި އެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ފަރަންސޭސި ވިލާތް ގުޅިގެން އެކުލަވައިލި ގަރާރު، ސަލާމަތީ މަޖިލީހުގައި ފާސްވީ 13 ވޯޓުގެ އިއްތިފާގުންނެވެ. ޖުމްލަ 15 މެންބަރުން ހިމެނޭ ސަލާމަތީ މަޖިލީހުގައި ރޭ ނެގި ވޯޓުގައި ޗައިނާ އާއި ރަޝިޔާ ބައިވެރިއެއް ނުވެ އެވެ.

މި ގަރާރު އެކުލަވައިލި އިރު، ފަރަންސޭސި ވިލާތުން އެންމެ ބޮޑަށް ބާރުއަޅަމުން ދިޔައީ، ކާބުލް ވައިގެ ބަނދަރުގައި، އދ. މަޖިލީހުގެ ފަރާތުން ބަލަހައްޓާ ރައްކާތެރި ސަރަހައްދެއް (ސޭފް ޒޯން) ކަނޑައެޅުމަށެވެ. ނަމަވެސް، ރޭ ފާސްކުރި ގަރާރުގައި، ކާބުލް ވައިގެ ބަނދަރުގައި އެފަދަ ސަރަހައްދެއް ކަނޑައެޅުމުގެ ވާހަކައެއް ނެތެވެ.

މި ގަރާރުގައި ބުނެފައިވަނީ، "އަފްގާނިސްތާނު ދޫކޮށް ދާން ބޭނުންވާ އެ ގައުމުގެ ރައްޔިތުންނާއި، އެ ގައުމުގައި ތިބި ބިދޭސީން ރައްޔިތުން އެ ގައުމު ދޫކޮށް ދާން އެދިއްޖެ ހާލަތެއްގައި، ރައްކާތެރިކަމާ އެކު ފުރުމުގެ ފުރުސަތު ތާލިބާނުން ތަނަވަސްކޮށްދޭން ޖެހޭނެ" ކަމަށެވެ.

މީގެ އިތުރުން، އަންހެނުންނާއި ކުޑަކުދިންނާއި ބައިމަދު ޖަމާއަތްތައް ހިމެނޭ ގޮތުން، ހުރިހާ ރައްޔިތުންގެ އިންސާނީ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ވެސް އެ ގަރާރުގައި ތާލިބާނުންނަށް ގޮވާލާފައިވެ އެވެ. އަދި ސަރުކާރުގައި އަންހެނުން ވެސް ޝާމިލްވާ ގޮތަށް، ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮންނަ ގޮތަށް، މަޝްވަރާގެ އުސޫލުން ސިޔާސީ ކަންކަން ހައްލުކުރަމުން ދިއުމަށް ވެސް ގޮވާލާފައިވެ އެވެ.

އދ.ގައި ހުންނަވާ އެމެރިކާ ސަފީރު ލިންޑާ ތޯމަސް ގްރީން-ފީލްޑް ވިދާޅުވި ގޮތުގައި ސަލާމަތީ މަޖިލީހުން އުންމީދުކުރަނީ، މިއަދު (އިއްޔެ) ވެސް ތާލިބާނުން ކަންތައް ކުރި ފަދައިން، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް، އަފްގާނިސްތާނު ދޫކޮށް ދާން ބޭނުންވާ އަފްގާނު ރައްޔިތުންނާއި ބިދޭސީންނަށް ވެސް، ރައްކާތެރިކަމާ އެކު އެ ގައުމު ދޫކޮށް ދެވޭނެ ކަމަށް ތާލިބާނުން ވެފައިވާ ވައުދު ފުއްދަމުން ދާނެ ކަމަށެވެ.

މި ގަރާރުގައި އިޝާރާތްކޮށްފައި ވަނީ، އޮގަސްޓް 27 ވަނަ ދުވަހު ތާލިބާނުން އާންމު ކުރި ބަޔާނަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ، އަފްގާނިސްތާނު ދޫކޮށް ހިޖްރަކުރަން ބޭނުންވާ މީހުންނަށާއި، އަފްގާނިސްތާނުން ބޭރަށް ދަތުރުކުރަން ބޭނުންވާ، އަފްގާނުގ ކޮންމެ ރައްޔިތަކަށް ވެސް، އެއްގަމު މަގުން ވިޔަސް ނުވަތަ ވައިގެ މަގުން ވިޔަސް، އެމީހަކު ދާން ބޭނުންވާ ކޮންމެ ވަގުތަކު ވެސް ދެވޭނެ ކަމަށެވެ.

ތާލިބާނުން ވެފައިވާ މިފަދަ އެހެން ވައުދުތަކަށް ވެސް، ފުރިހަމައަށް އިހުތިރާމް ކުރަމުންދާނެ ކަމަށް އުންމީދުކުރާ ކަމަށް، ސަލާމަތީ މަޖިލީހުގެ ގަރާރުގައި ބުނެފައިވެ އެވެ.

މި ގަރާރު ފާސްކުރި އިރު، ކާބުލް ވައިގެ ބަނދަރުގައި ރައްކާތެރި ސަރަހައްދެއް ގާއިމުކުރުމަށް ފަރަންސޭސި ވިލާތުން ހުށަހެޅީ، އަފްގާނިސްތާނު ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން، ތާލިބާން ސަރުކާރާ ނުބައްސައި ކުރެވޭނެ މަގު ފަހިކުރުމުގެ ގޮތުންނެވެ. ރޭ ފާސްކުރި ގަރާރުގައި، އެފަދަ ސަރަހައްދެއްގެ ވާހަކަ ނެތް ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ފާސްކުރާ އެހެން ގަރާރަކުން އެފަދަ ސަރަހައްދެއް ކަނޑަނާޅާނެ ކަމަކަށް ނުބެލެވެ އެވެ.

މިކަމާ ދެކޮޅަށް ތާލިބާނުން ބުނީ، އަފްގާނިސްތާނުގެ ހަނގުރާމަ މިހާރު ނިމިފައިވާތީ، އެފަދަ ސަރަހައްދެއް ކަނޑައެޅުމުގެ މާނައެއް ނެތް ކަމަށެވެ. އަދި އަފްގާނިސްތާނުގައި އަލަށް އުފައްދާ ސަރުކާރުން ބޭނުންވާނީ، ބައިނަލްއަގުވާމީ މުޖްތަމައާ އެކުގައި ރަނގަޅު ގުޅުމެއް އުފައްދައިގެން ކުރިއަށް ދާން ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ފައިބައިގެން ދިއުމާއެކު، މުޅި ދުނިޔެ ވެސް މިހާރު ބަލަމުން އަންނަނީ، ތާލިބާނުން އަފްގާނިސްތާނުގައި ވެރިކަން ކުރާނެ ގޮތަކަށެވެ. އެ ޖަމާއަތުން 1996-2001 އަށް ވެރިކަން ކުރި އިރު، ގެންގުޅުނު ފަދަ ހަރުކަށި ސިޔާސަތެއް ގެންގުޅެފި ނަމަ، އަނެއްކާ ވެސް ބައިނަލްއަގުވާމީ މުޖްތަމައުގެ ފިއްތުންތައް ކުރިމަތިވާން ފަށާނެ އެވެ.