ޖޭއެސްސީން އުޅެނީ ލީކުވި އޯޑިއޯ މައްސަލައިގެ ހަގީގަތް އޮޅުވާލަން: ޕީޕީއެމް
ޖޭއެސްސީން އުޅެނީ ލީކުވި އޯޑިއޯ މައްސަލައިގެ ހަގީގަތް އޮޅުވާލަން: ޕީޕީއެމް

މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރަކު ހުކުމާ މެދު ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯގެ މައްސަލައިގެ ހަގީގަތް އޮޅުވާލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ތުހުމަތުކޮށްފި އެވެ.

ސޯޝަލް މީޑިއާއަށް ލީކުކޮށްލާފައި ވަނީ ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ހުސައިން ފާއިޒު ރަޝާދާއި ފަނޑިޔާރު މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމް ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ބުނާ އޯޑިއޯތަކެކެވެ.

އެ މައްސަލާގައި ޖޭއެސްސީއަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުން އެ ފަނޑިޔާރުން ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ވިދާޅުވެ، ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ. އަދި އިތުރަށް އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް އަޑުގެ ސާމްޕަލް ދިނުމަށް ވެސް ފަނޑިޔާރުން ތައްޔާރަށް ތިއްބެވި ކަމަށް ޖޭއެސްސީން ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންގެ އޯޑިއޯ ލީކުވި މައްސަލައާ ގުޅިގެން ޖޭއެސްސީން އަމަލު ކުރާ ގޮތާމެދު ކަންބޮޑުވާ ކަމަށާއި އެ އޯޑިއޯތަކަކީ އަސްލެއް ނެތް އޯޑިއޯތަކެއް ކަމަށް ދެއްކުމަށްޓަކައި އެ ފަނޑިޔާރުންނަށް އިތުރަށް ބިރުދައްކާ، ސިޔާސީ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"..ފަނޑިޔާރުންގެ އޯޑިއޯގެ މައްސަލަ ބަލަނީ ކަމަށް ބުނެ، އެ ފަނޑިޔާރުންނަށް އިތުރަށް ބިރު ދައްކައި ރަހީނުކޮށް، ސިޔާސީ ނުފޫޒު ފޯރުވުމަށް ޖޭއެސްސީގެ މެންބަރުން ހިންގަމުން ގެންދާ ހަޑިމުޑުދާރު ޖަރީމާ މިހާރުން މިހާރަށް ހުއްޓާލުމަށް" އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

ފަނޑިޔާރުންގެ މައްސަލަ ތަހުގީގުކުރާ ނަމަ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގު ކުރިޔަށް ގެންދިޔުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލި އެވެ. އަދި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް އެމަނިކުފާނު މިނިވަން ކުރުމަށް ވެސް ގޮވާލި އެވެ.

އޯޑިއޯތަކެއް ލީކުވި މައްސަލަ ފެންމަތިވުމާއެކު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ވެސް ކުރިޔަށް ގެންދިޔުމަށް ޕީޕީއެމް/ޕީއެންސީގެ ޕީޖީ ގްރޫޕުން މަސައްކަތް ކުރި އެވެ. ނަމަވެސް މަޖިލީހުން މިއަދު ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.