ކްރިއޭޓިވް އާޓް ފޮތް ތައްޔާރުކޮށްފައި ވަނީ ގްރޫޕް މަސައްކަތްކުރާ ގޮތަށް
ކްރިއޭޓިވް އާޓް ފޮތް ތައްޔާރުކޮށްފައި ވަނީ ގްރޫޕް މަސައްކަތްކުރާ ގޮތަށް

ގްރޭޑު އެކެއްގެ ކޮންމެ ފަސް ދަރިވަރަކަށް ކްރިއޭޓް އާޓްގެ އެއް ފޮތް ދޭން ނިންމާފައި ވަނީ އެ ފޮތަކީ ފަސް ދަރިވަރުންގެ ގްރޫޕަކުން ބޭނުންކުރާ ގޮތަށް ފަރުމާކޮށްފައިވާ، ސައިޒުގެ ގޮތުން ވެސް ބޮޑު ހާއްސަ ރިފަރެންސް ފޮތަކަށް ވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

.

އެޑިއުކޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނީ ކްރިއޭޓިވް އާޓް މާއްދާ ގްރޭޑް އެކެއްގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ދަރިވަރުންގެ ފޮތެއް ނޯންނާނެ ކަމަށާއި މި މާއްދާ ކިޔަވައިދޭނީ މުދައްރިސުން ބޭނުންކުރަން ތައްޔާރުކޮށްފައިވާ މުދައްރިސުންގެ ފޮތަކާއި ފަސް ކުދިންގެ ގްރޫޕަކަށް ދޭން ކަނޑައަޅާފައިވާ ރިފަރެންސް ފޮތެއް ބޭނުންކޮށްގެން ކަމަށެވެ.

"މި ގޮތަށް ކަނޑައަޅާފައި ވަނީ މި މާއްދާއަކީ އެހެން މާއްދާތަކާ ހިލާފަށް މާއްދާގެ ފަންނީ ހުނަރުތައް ތަރައްގީ ކުރުމަށްޓަކައި ގިނަ އަމަލީ މަސައްކަތްތަކެއް ކުރުވާ ފަންނީ މާއްދާއަކަށް ވާތީ އެވެ،" އެ ބަޔާނުގައިވެ އެވެ.

މި ފޮތުގެ މައްސަލާގައި ބެލެނިވެރިންގެ މެދުގައި ކަންބޮޑުވުން އުފެދުނީ، އެކެއްގެ ދަރިވަރުންގެ ފޮތް ލިސްޓުގައި މި ފޮތް ހިމަނާ ކޮންމެ ކުއްޖަކަށް ފޮތެއް ދިނުމަށް ފަހު، އެ ފޮތްތައް އަނބުރާ ނަގަން އެޑިއުކޭޝަނުން ފަހުން ސްކޫލުތަކަށް އަންގާފައި ވަތީ އެވެ.

އެ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ މި އަހަރުގެ ދިރާސީ އަހަރުގައި ގްރޭޑު އެކަކަށް ކްރިއޭޓިވް އާޓް ކިޔަވައިދިނުމަށް ދަރިވަރުންގެ ހާއްސަ ފޮތެއް ކަނޑައަޅާފައިނުވާ ކަމަށެވެ. އެކަމަކު، ކްލާސް ޓީޗަރުން އެ މާއްދާ ކިޔަވައިދޭއިރު އެހީއެއްގެ ގޮތުގައި ބޭނުންކުރަން އޭ ތިނެއް ސައިޒުގެ ފޮތް ހިމަނާފައިވާނެ ކަމަށެވެ.

މި ފޮތްތައް ހުންނަން ވާނީ ޓީޗަރުންގެ ބެލުމުގެ ދަށުގައި ރައްކާކުރެވިފައި ކަމަށާއި ސްކޫލުތަކުން މި ދެންނެވުނު އަދަދަށް ފޮތް ނެންގެވުމަށް ފަހު އިތުރުވާ ފޮތްތައް ރައްކާތެރިކަމާ އެކު ބަލަހައްޓައިފި ނަމަ ކުރިއަށް އޮތް ދެ އަހަރު މި ފޮތްތައް އިތުރަށް ޗާޕުނުކޮށް ވާނެ ކަމަށް ބުނެފައިވެ އެވެ. އަދި ހުރިހާ ދަރިވަރުންނަށް މި ފޮތް ދެވިފައި ވާ ނަމަ، އަނބުރާ ނަގަން އެންގި އެވެ.