31 އޯގަސްޓް 2021 - 16:01

ބަސް ކާޑު ހުސްވެފައި ހުރި ނަމަވެސް ދަތުރު ކުރާ މީހުންނަށް ދަތި ނުވާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޕީއެލް އިން ދެމުން އައި ބަހުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުން ފެށިގެންނެވެ. އެ ކުންފުންޏާ ބަަހުގެ ހިދުމަތް ހަވާލުކުރި އިރު ވެސް ބަސް ކާޑު ނުލިބޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ.
އެމްޓީސީސީން "މިހާރު" އަށް ބުނީ އެ ކުންފުނިން ބަސްތަކާ ހަވާލުވި އިރު ވެސް ބަސް ކާޑު ހުރީ ހުސްވެފައި ކަމަށެވެ. އަދި ކާޑުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކާޑު ނެތަސް ހިދުމަތަށް ބުރޫ ނާރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ބޭރުން ކާޑު ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުން. ކާޑު ނެތަސް ހުރިހާ ބަސް ޓާމިނަލަކުން ޓިކެޓް ލިބޭނެ. އެހެންކަމުން ހިދުމަތް ހޯދާ މީހުންނަށް ދައްޗެއް ނުވާނެ،" އެމްޓީސީސީން ބުންޏެވެ.
އެމްޕީއެލް އިން ދެމުން އައި ބަހުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރީ އެއް ފުރާޅެއްގެ ދަށުން ރާއްޖޭގެ ހުރިހާ ޕަބްލިކް ޓްރާންސްޕޯޓެއް ހިންގުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުންނެވެ. އެގޮތުން، އެމްޕީއެލްގެ ދަށުން ދެމުން އައި ހުރިހާ ޓްރާންސްޕޯޓު ހިދުމަތަކާއި އެ ހިދުމަތް ދޭން ތިބި މުވައްޒަފުން މިހާރު ވަނީ އެމްޓީސީސީއަށް ބަދަލުކޮށްފަ އެވެ.
އެމްޕީއެލްގެ ބަހުގެ ހިދުމަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 50 އަހަރުގެ ސާވިސް އެގްރީމަންޓެއްގެ ދަށުންނެވެ.