31 އޯގަސްޓް 2021 - 12:10

މެންޗެސްޓާ (އޮގަސްޓް 31) - މެންޗެސްޓާ ސިޓީން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ހުށަހެޅި އަގަށް ވުރެ ކުޑަ މުސާރައަކަށް ކުޅެން އެއްބަސްވެ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި މެންޗެސްޓާ ޔުނައިޓެޑާ އެކު ރޮނާލްޑޯ ސޮއިކޮށްފި އެވެ.

ޓްރާންސްފާގެ ޚަބަރުތަކުގައި މިދިޔަ ބުރާސްފަތި ދުވަހު، އެނބުރެމުން ދިޔައީ ރޮނާލްޑޯ، ސިޓީ އަށް ބަދަލުވާން އުޅޭ ވާހަކަ އެވެ. އޭރު ސިޓީން އޭނާ އަށް މުސާރައިގެ ގޮތުގައި ހުށަހަޅާފައި އޮތީ އަހަރަކަށް 36.5 މިލިއަން ޑޮލަރެވެ. އެއީ މުސާރައިގެ ގޮތުގައި ހަފުތާއަކު 703,749 ޑޮލަރެވެ.
ބުރާސްފަތި ދުވަހާއި އެ ރޭ ރޮނާލްޑޯ ހުރީ ސިޓީ އަށް ބަދަލުވާ ގޮތަށެވެ. އެކަމަކު ޔުނައިޓެޑުން ރޮނާލްޑޯ ގެންދަން ޝައުގުވެރިވި ހިސާބުން އޭނާ ވަނީ އެ ކްލަބަށް ބަދަލުވާން ނިންމައިފަ އެވެ. ރޮނާލްޑޯ އަލުން ޔުނައިޓެޑަށް ބަދަލުވާން ނިންމުމުގައި، ކުރިން ޔުނައިޓެޑްގައި އޭނާ އަށް އިރުޝާދު ދިން އެލެކްސް ފާގަސަން މުހިންމު ދައުރެއް އަދާކުރި ކަމަށް "ދަ ސަން"އިން ރިޕޯޓްކޮށްފައިވެ އެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތަކަށް ތައްޔާރު ވުމަށް ރޮނާލްޑޯ މި ވަގުތު ހުރީ ޕޯޗްގަލްގަ އެވެ. އެ ގައުމުގައި ހުރެ ޔުނައިޓެޑްގެ މެޑިކަލް އޭނާ ވަނީ ފުރިހަމަކޮށްފަ އެވެ. މެޑިކަލް ފުރިހަމަ ކުރުމަށް ފަހު ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ދެ އަހަރަށް ސޮއިކޮށްފަ އެވެ. އަދި ކްލަބުން ބޭނުން ނަމަ އިތުރު އަހަރަކަށް އެ ކްލަބުގައި އޭނާ ބެހެއްޓުމުގެ އިހުތިޔާރު ޔުނައިޓެޑަށް ލިބެ އެވެ.
މުސާރައިގެ ގޮތުގައި ރޮނާލްޑޯ އަށް ޔުނައިޓެޑުން ދޭނީ ހަފުތާއަކު 662,301 ޑޮލަރު އެވެ. އެއީ އަހަރަކަށް 34.4 މިލިއަން ޑޮލަރެވެ. މި މުސާރައާ އެކު ރޮނާލްޑޯ ވެގެންދާނީ ޔުނައިޓެޑްގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާ އަށެވެ. ކުރިން ޔުނައިޓެޑްގައި އެންމެ ބޮޑު މުސާރައެއް ލިބެނީ ކީޕަރު ޑޭވިޑް ޑެހެއާ އަށެވެ. އޭނާ އަށް މުސާރައިގެ ގޮތުގައި ދެނީ ހަފުތާ އަކު 517,162 ޑޮލަރެވެ.
ރޮނާލްޑޯ ޔުނައިޓެޑަށް އެންމެ ފުރަތަމަ ބަދަލުވީ 2003 ގަ އެވެ. އޭރު އޭނާގެ އުމުރުން 18 އަހަރެވެ. ފާގަސަންގެ ކޯޗު ކަމުގެ ދަށުން ޔުނައިޓެޑްގައި ގިނަ ކާމިޔާބުތަކެއް ހޯދި އެވެ. ރެއާލް މެޑްރިޑަށް އޭނާ ބަދަލުވީ 2009 ގަ އެވެ. އެ ކްލަބުގައި ނުވަ އަހަރު ހޭދަކުރުމަށް ފަހު ޔުވެންޓަސް އަށް ބަދަލުވީ 2018 ގަ އެވެ. ޔުވެންޓަސްއާ އެކު ސޮއިކުރި ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި އޭނާ ނިންމީ ޔުނައިޓެޑަށް ބަދަލުވާށެވެ.