އަޅާލާނެ މީހަކު ނެތި، މިސްކިތުގައި ނިދައި ކައިބޮއެ ހަދާތާ އެތައް އަހަރެއް!
އަޅާލާނެ މީހަކު ނެތި، މިސްކިތުގައި ނިދައި ކައިބޮއެ ހަދާތާ އެތައް އަހަރެއް!

ތުއްތުދީދީގެ އުމުރުން 83 އަހަރެވެ. މުސްކުޅި ބަލީގެ އިތުރުން ސިއްހީ އެކި މައްސަލަތަކާ ހެދި ހިނގާބިނގާވެ އުޅެވެނީ ކިރިޔާ އެވެ. އެހެން މީހުންގެ އަޅާލުން އެންމެ ބޭނުންވީ ދުވަހު އޭނާގެ ގެދޮރެއް ނެތެވެ. ނިދަނީ އޭނާ އުފަން އައްޑޫ ހިތަދޫގެ މަސްޖިދުލް އިކްރާމްގެ (ފަޒާ މިސްކިތް) ބޭރުގައި ކުނާ އަޅައިގެންނެވެ. އުފަން ދަރިއަކު ހުއްޓަސް ތުއްތުދީދީއަށް އެއީ ނެތް ދަރިއެކެވެ. މަގު އޮޅި އެ ދަރި ވީ ތަނެއް ވެސް ނޭނގެ އެވެ.

އަޅާލާނެ މީހަކު ނެތި، މިސްކިތުގައި ނިދައި ކައިބޮއެ ހަދާތާ އެތައް އަހަރެއް!
އަޅާލާނެ މީހަކު ނެތި، މިސްކިތުގައި ނިދައި ކައިބޮއެ ހަދާތާ އެތައް އަހަރެއް!

ތުއްތުދީދީ މިސްކިތުގައި އުޅޭތާ އެތައް އަހަރެއްވެއްޖެ އެވެ. ނިދުމުގެ އިތުރުން ފެންވެރުން ވެސް ހަމަޖައްސަނީ މިސްކިތުންނެވެ.

އަޅާލާނެ މީހަކު ނެތި، މިސްކިތުގައި ނިދައި ކައިބޮއެ ހަދާތާ އެތައް އަހަރެއް!
އަޅާލާނެ މީހަކު ނެތި، މިސްކިތުގައި ނިދައި ކައިބޮއެ ހަދާތާ އެތައް އަހަރެއް!

އެކަމަކު ތުއްތުދީދީއަށް ހުރިހާ އިރެއްގެ ކެއުމާއި އޭނާގެ އަންނައުނު ދޮވެދެނީ މީގެ 33 އަހަރު ކުރިން އޭނާ އިން މީހެއްގެ ދަރިއެކެވެ. އެއީ ތުއްތުދީދީގެ ދޮންދަރިއެކެވެ. އެ ކައިވެނިކުރި މީހާ ވެސް ބަލިވެ އެނދުން ނުދެތިވި އޮތްތާ ހަތަރު އަހަރުވީ އެވެ.

އަޅާލާނެ މީހަކު ނެތި ތުއްތުދީދީ އުޅޭތާ އެތައް އަހަރެކެވެ. އެކަމަކު ދައުލަތުގެ ކަމާބެހޭ ފަރާތަކުން ވެސް މިހާތަނަށް އެހީގެ އަތެއް ދިއްކޮށެއްނުލަ އެވެ.

އޭނާގެ ހިތްދަތި ދިރިއުޅުން ހިއްސާކުރަމުން އޭނާގެ ދޮންދަރިފުޅު، މުހައްމަދު ޝާހު "މިހާރު" އަށް ކިޔައިދިން ގޮތުގައި ތުއްތުދީދީ މިސްކިތުގައި އުޅޭތާ މިހާރު ދިހަ ވަރަކަށް އަހަރުވެދާނެ ކަމަށް އޭނާ ބުނެ އެވެ. އެކަމަކު ކައުންސިލުން ބުނި ގޮތުގައި އަދި ވާނީ ތިން އަހަރެއްހާ ދުވަހެވެ. އެމީހާގެ އުމުރަކީ 65 އަހަރު ކަމަށް ކައުންސިލުން ބުންޏަސް އައިޑީކާޑުގައިވާ ގޮތުން މިހާރު 83 އަހަރު ކަމަށް ޝާހު ބުންޏެވެ.

އެ މީހާ ބަލައިދޭނެ މީހަކު ހޯދަން އާދިއްތަ ދުވަހު އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކުރި އިރު އޭގެ ކުރިން ވެސް އެއް ފަހަރަކު އެ މީހާ ބަލައިދޭނެ މީހަކު ހޯދަން އިއުލާންކުރި އެވެ. އެންމެ ފުރަތަމަ ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލީ މިހާރުވެސް އެހީވާ އޭނާގެ ދޮންދަރި އެކަންޏެވެ. އެހެންވެ، ޖެންޑާ މިނިސްޓްރީން ކައުންސިލަށް އެންގީ އަލުން އިއުލާނުކުރުމަށެވެ.

"ޖެންޑާ މިނިސްޓަރު މިރަށަށް ކުރި ދަތުރެއްގައި ކައުންސިލުން އެ މީހާގެ ވާހަކަ ހިއްސާކުރުމުން ބުނީ އަލުން ފުރުސަތު ހުޅުވާލުމަށް. އެ ފަހަރު ޝާހު ކުރިމަތިލައިފަ އިނީ. އެކަމަކު ރަނގަޅަށް ބެކްގްރައުންޑް ޗެކްކުރުމަށް ފަހު ހަވާލުނުކުރާން މިނިސްޓްރީން އެންގީ. ޝާހު، މިހާރު ވެސް އޭނާއަށް އެހީތެރިވަމުން އެ އަންނަނީ،" ހިތަދޫ މޫލެކެޑެ ދާއިރާގެ މެމްބަރު އަހުމަދު ސައީދު ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގައި އުޅުމަށް ފަހު ޝާހު އައްޑޫއަށް ދިޔައީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭރުއްސުރެ އެ މީހާގެ ކެއުމުގެ ކަންކަމާއި އެއްޗެހި ދޮވުމުގެ ކަންކަން އޭނާ ބަލަހައްޓަމުން އައި ނަމަވެސް އޭނާ ވެސް އުޅެން ޖެހެނީ ކުއްޔަށް ކަމަށް ވެފައި ތުއްތުދީދީ ގެޔަށް ގެންގޮސްގެ ގެންގުޅެވެން ނެތް ކަމަށް ބުންޏެވެ. އެކަމަކު ދައުލަތުން އެހީތެރިކަމެއްދޭ ނަމަ، އެކަން ވެސް ކުރެވިދާނެ ކަމަށް އޭނާ ބުނެ އެވެ.

"އަޅުގަނޑަކީ ވަޒީފާއެއްގައި އުޅޭ މީހެއް ނޫން. ދެ ދަރިންނާއި އަންހެނުންނާ އެކު މި އުޅެނީ. މިތަންކޮޅުގައި ވެސް މީހަކު ބެހެއްޓޭނެ ގޮތެއް ނެތީމަ އަޅުގަނޑަށް ކުރެވޭ ވަރަކުން ކެއުމުގެ ކަންކަމާއި އެއްޗެހި ދޮވުމުގެ ކަންކަން މި ކުރިއަށް ގެންދަނީ،" ޝާހު ބުންޏެވެ.

ޝާހު ބުނި ގޮތުގައި އެ ހަރަދުތައް ބެލެހެއްޓުމަށް، ތުއްތުދީދީއަށް ލިބޭ 5،000ރ. އެލަވަންސުން 3،000ރ. އޭނާގެ އަތަށް ދެ އެވެ.

ތުއްތުދީދީއަކީ ވަރަށް ފަހުން ފައިގެ ސާޖަރީއެއް ވެސް ހަދާފައިވާ މީހެކެވެ. އޭނާގެ އެއް ފައި ދުޅަވެފައި އޮންނާތީ ހިނގާބިނގާވެ އުޅެނީ ވެސް އަސާގެ އެހީއާ ވެސް އެކު ވަރަށް ހާލުންނެވެ. ޝާހު ބުނި ގޮތުގައި އެ ހާލުގައި އެ މީހާ އުޅެނިކޮށް މީގެ ކުރިން ޖެންޑާ އިން ވަނީ ގުރައިދޫއަށް ގެންދަން ވެސް މަސައްކަތްކޮށްފަ އެވެ.

"އެއީ މޮޔައަކަށް ހަދައިގެން ގުރައިދޫއަށް ގެންދަން އުޅުން. އެކަމަކު ހޮސްޕިޓަލުގެ ޓެސްޓްތަކުން ރަނގަޅަށް ދެއްކީމަަ އެކަން ނުވެ އޮތް ކަމަށް އެޗްއާރުސީއެމުން ކޯޓުގައި ބުނެފައިވޭ. ބޭބެ ވެސް ދާން ބޭނުން ނުވޭ. އޭނާއަކީ ދުވަހަކު ވެސް އައްޑޫން ބޭރަށް ދިޔަ މީހެއް ނޫން،" ޝާހު ކިޔައިދިނެވެ.

ކުރިން ސަރުކާރުން ދިން ގޯއްޗެއް ތުއްތުދީގެ އޮވެ އެވެ. އެކަމަކު ޝާހު ތުހުމަތުކުރި ގޮތުގައި ބައެއްގެ ނުފޫޒުން އެ ގޯތި ބަޔަކު ފޭރިގަތީ އެވެ.

"އޭރު އަތޮޅުވެރިންގެ ގާތް ބަޔަކަށް އެތަން ދީފައި އޮތީ. އޭނާއަކީ ކިޔަވައިގެން ހުރި މީހެއް ނޫން. ކިޔަން ވެސް ނޭނގޭ މީހެއް. އަނެއްކާ އޭނާގެ ބިންކޮޅު ވެސް ނަގައިގެން އެކަމާ އޭނާއާ އުޅެދޭނެ މީހަކު ވެސް ނުވި. އޭނާގެ މަންމަ އާއި ބައްޕަ އާއި އެއް ބަނޑު މީހުން މަރުވެއްޖެ. އޭނާގެ ތިމާގެ ބަޔަކަށް ދުނިޔޭގައި ތިބީ ހަމައެކަނި އޭނާގެ އެއްބަނޑު މީހުންގެ ދަރިންގެ ދަރިން،" ޝާހު ބުންޏެވެ.

ވަންނާނެ ތަނެއް ނެތިގެން އޭނާ އެންމެ ފުރަތަމަ އުޅުނީ މީހުންނަށް މަސައްކަތްކޮށްދީގެން އެމީހުންގެ ގޭގޭގަ އެވެ. އެކަމަކު ބަލި ހާލަތު ބޮޑުވެ މަސައްކަތް ނުކުރެވޭވަރު ވުމުން އެއްވެސް މީހަކު އޭނާ ގެންގުޅެން ބޭނުމެއް ނުވި އެވެ. މިސްކިތުގައި ނިދަން މަޖުބޫރުވީ އެހެންވެ އެވެ.

ނިކަމެތި ހާލުގައި އެ މީހާ އުޅެމުން އަންނައިރު ވެސް އޭނާއަށް އަނިޔާކޮށް ފޭރޭ ކަމަށް ވެސް ޝާހު ބުންޏެވެ. އެންމެ ފަހުން އެފަދަ ހާދިސާއެއް ތުއްތުދީދީ އަށް ކުރިމަތިވީ މީގެ 15 ވަރަކަށް ދުވަސް ކުރިންނެވެ. އެފަހަރު ވެސް ފައިސާ ނުދީފި ނަމަ މަރާލާނެ ކަމުގެ އިންޒާރު ބަޔަކު ދިން ކަމަށާއި އެ މައްސަލަ ފުލުހަށް ވެސް ހުށަހެޅި ކަމަށް ޝާހު ބުންޏެވެ. އޭނާ ބުނި ގޮތުގައި މީގެ ކުރިން ތުއްތުދީދީ އަށް މަގުމަތިން ދިމާކޮށް ފައިސާ އަތުލައި އިންޒާރު ދީފައި އެބަހުއްޓެވެ.

"ކިރިޔާ މަރުނުވެ އެހެރީ. ފައިސާ ނުދީފިއްޔާ މަރާލާނެ ކަމަށް ބުނި. އޭގެ ސަބަބުން ވަރަށް ބޮޑަށް ނަފްސާނީވެފަ އެ ހުރީ. އޭނާގެ ގައިގައި އަނިޔާކޮށްފައި ހުރި ތަންނަން ވެސް ފެންނަން ހުރި. ފުލުހުގައި ހުންނާނެ އެ ހުރިހާ މައުލޫމާތެއް،" ޝާހު ކިޔައިދިނެވެ.

ސަރުކާރުގެ އެހީ ނުލިބޭތީ ޝާހު ވަނީ މައްސަލަ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. ކޯޓުގައި މައްސަލަ މިހާރު ހިނގަމުން އަންނައިރު ޝާހު ބުނި ގޮތުގައި ކޯޓަށް ޖެންޑާއިން އެކި ބަހަނާތައް ދެއްކުމަށް ފަހު އަދި އެންމެ ފަހަރަކު ވެސް ހާޒިރެއް ނުވެ އެވެ. އެކަމަކު އެންމެ ފަހުގެ ޝަރީއަތަށް އެޗްއާރުސީއެމުން ހާޒިރުވި ކަމަށް ބުންޏެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ވެސް ވަނީ މައްސަލަ ގެނެސްފަ އެވެ.

"ސަރުކާރުން މީހަކާ ހަވާލުކޮށްގެން ބަލަންދެން ވެސް ވަގުތީގޮތުން މީހަކާ ހަވާލުކޮށްގެން ބެލުމަށް ކޯޓުން އަމުރު ނެރެދިނީ. ނިދުން ފިޔަވައި ހުރިހާ ކަމެއް އަޅުގަނޑު މިހާރު ވެސް ބަލަމުން މިދަނީ. ތަނެއް ކުއްޔަށް ހިފާފައި ބަހައްޓާނެ ބަޖެޓެއް ވެސް އަޅުގަނޑު އަތަކު ނެތް. އެތައް އަހަރެއް ސަރުކާރުން އިހުމާލުވެފައި އޮންނަތާ."

ޝާހު ބުނި ގޮތުގައި އޭނާއާ ތުއްތުދީދީ ހަވާލުނުކޮށް ސަރުކާރުން ދިގު ދަންމަމުން ދަނީ މިދިޔަ ދައުރުގައި އައްޑޫ ސިޓީ ކައުންސިލުން އޭނާގެ ބައްޕަގެ ގޯއްޗެއް ނަގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށްވާތީ ކައުންސިލާ ދެކޮޅަށް ދައުވާކުރުމުން ކަމަށް ބެލެވެ އެވެ. އޭނާއާ މެދު އޮތް ޒާތީ މައްސަލައެއްގެ ސަބަބުން ތުއްތުދީދީގެ ހައްގު ނިގުޅައިގަންނަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

އަލުން އޭނާ ބެލުމަށް ދެ މީހަކު ހޯދަން އިއުލާންކުރީ ޖެންޑާ މިނިސްޓްރީގެ އެދެމުގެ މަތިންނެވެ. އެއީ އިތުރު މީހަކު އެކަމަށް ޝައުގުވެރިވޭތޯ ބެލުމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ އެ މީހާ ދިރިއުޅޭނެ ތަނަކާއި، ބަލައިދޭނެ ދެ މީހަކު ހޯދަމަށެވެ. އެކަމަށް އެދި އަންނަ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.