ޕީއެސްޖީން ދޫނުދިނުމުން ރެއާލުން އެމްބާޕޭގެ ޓްރާންސްފާގެ ހިޔާލު ދޫކޮށްލައފި
ޕީއެސްޖީން ދޫނުދިނުމުން ރެއާލުން އެމްބާޕޭގެ ޓްރާންސްފާގެ ހިޔާލު ދޫކޮށްލައފި

ޕެރިސް (އޮގަސްޓް 31) - ރެއާލް މެޑްރިޑުން ގެންދަން މަސައްކަތް ކުރި ކިލިޔަން އެމްބާޕޭ ދޫކޮށްލަން އޭނާގެ ކްލަބު ޕީއެސްޖީން ދެކޮޅު ހެދުމުން އެ ހިޔާލު ރެއާލުން ދޫކޮށްލައިފި އެވެ.

ރެއާލްއިން ވަނީ ފްރާންސްގެ ސްޓައިކަރު އެ ޓީމަށް ގެނައުމަށް ދެ ފަހަރެއްގެ މަތިން ބިޑު ކޮށްފަ އެވެ. އެންމެ ފުރަތަމަ ރެއާލުން ހުށަހެޅީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ ބިޑެކެވެ. އޭގެ ފަހުން 12 މިލިއަން ޑޮލަރު އިތުރުކޮށް ދެ ވަނަ ފަހަރަށް ހުށަހެޅި އެވެ. އެހެންނަމަވެސް އެ ދެ ފަހަރު ވެސް ޕީއެސްޖީން ވަނީ ބިޑު ގަބޫލު ނުކުރާ ކަމަށް ބުނެފަ އެވެ.

ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓާ ލިއޮނާޑޯ ބުނެފައި ވަނީ އެމްބަޕޭ ކްލަބު ދޫކޮށްލަން ބޭނުންވާކަން އޭނާ އަށް އެނގޭ ކަމަށެވެ. ނަމަވެސް އެމްބާޕޭ އަށް ކްލަބު ދޫކޮށްލެވޭނީ ކްލަބުގެ ޓާމްސްތަކާ އެއްގޮތަށް ކަމަށް ލިއޮނާޑޯ ބުންޏެވެ.

އަންނަ އަހަރު ޖޫންގައި ކޮންޓްރެކްޓް ހަމަވާ އެމްބާޕޭ ދޫކޮށްލަން ޕީއެސްޖީން ބޭނުން ވަނީ މަދުވެގެން 235 މިލިއަން ޑޮލަރަށެވެ. އެ ވަރުގެ އަގެއް ދެވޭކަށް ރެއާލަކަށް ނެތެވެ. އެހެންވެ އެ ޓީމުން ވަނީ އެމްބާޕޭ ގެންދިިއުމުގެ ހިޔާލު ދޫކޮށްލައިފަ އެވެ.

ޕީއެސްޖީން ވަނީ އެމްބާޕޭއާ އެކު އާ ކޮންޓްރެކްޓެއް ހެދުމަށް މަސައްކަތް ކޮށްފަ އެވެ. އެކަމަކު އަދި މިހާތަނަށް ކޮންޓްރެކްޓް އާ ކުރުމަށް އޭނާ އެއްބަސްވެފައެއް ނުވެ އެވެ. މޮނާކޯގެ ކުރީގެ ފޯވަޑަށް ހަ ފަހަރެއްގެ މަތިން ޕީއެސްޖީން ކޮންޓްރެކްޓް އާ ކުރުމަށް ހުށަހެޅި އެވެ.

އަންނަ އަހަރު ކޮންޓްރެކްޓް ހަމަވުމުން އޭނާ ބޭނުންވާ ކްލަބަކަށް ހިލޭ ޓްރާންސްފާގައި އެމްބާޕޭއަށް ބަދަލު ވެވޭނެ އެވެ.