ދެ ފަޅެއްގެ މައްސަލައިގައި ވިލާއާ އެއްކޮޅަށް ކުރި ހުކުމެއް ހައި ކޯޓުން ބާތިލްކޮށްފި
ދެ ފަޅެއްގެ މައްސަލައިގައި ވިލާއާ އެއްކޮޅަށް ކުރި ހުކުމެއް ހައި ކޯޓުން ބާތިލްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އަށް ދޫކުރި ކ. ބޮލިދުއްފަރު ފަރާއި ކ. ވާވެއްދިފަޅު ސަރުކާރުން އަތުލީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައި ވިލާއާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ބޮލިދުއްފަރު ފަރާއި ވާވެއްދިފަޅު ސަރުކާރުން މިދިޔަ އަހަރު އަތުލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ވިލާއާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލް ކުރީ އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ.

އެ ދެ ފަޅު ވިލާ އަށް ދިނީ ލ. ކައްދޫގައި ޓޫރިސްޓް ހޮޓަލެއް އެޅުމަށް އެ ރަށުން ބިމެއް އދ. ފެންފުށީ ފިނިވާގޭ އަލީ އިބްރާހިމަށް ދީފައި ވަނިކޮށް، އެ ތަން ދޫކުރުމުގެ އެއްބަސްވުމާ ދައުލަތުން ހިލާފްވުމުން އެކަމުގެ ބަދަލެއްގެ ގޮތުން 9.7 މިލިއަން ޑޮލަރު އޭނާ އަށް ދައްކަން ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، އެ ފައިސާ ސަރުކާރުން އަލީ އިބްރާހިމަށް ދައްކަން ނުޖެހޭ ގޮތަށެވެ.

އެ ގޮތަށް ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު، އެ ފައިސާ ދައްކަން ސަރުކާރަށް ދަތިވާތީ އާއި ކައްދޫން ކުރިން ދިން ބިން ސަރުކާރުން ބޭނުން ވާތީ އަލީ އިބްރާހިމްގެ ފަރާތުން ގާސިމް މެދުވެރިއަކަށް ވެގެން ސަރުކާރާ އެކު މަޝްވަރާކޮށް، ނިންމީ ވިލާ ކުންފުނީގެ ރިސޯޓްތަކާއި ވިލާ އެއާ އިން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާ އެއިން އުނި ކުރުމާ އެކު ބޮލިދުއްފަރު ފަރާއި ވާވެއްދިފަޅު އަލީ އިބްރާހިމަށް ދިނުމަށެވެ. އެ ދެ ފަޅު އަލީ އިބްރާހިމަށް ދިނުމުން އޭނާ ވަނީ އެ ތަން ވިލާ ކުންފުނީގެ ދަށަށް ބަދަލުކޮށްފަ އެވެ.

އޭގެ މުގާބިލުގައި އަލީ އިބްރާހިމާއި ވިލާ ކުންފުނި ވެސް ހިމެނޭ ގޮތަށް ސަރުކާރާ ދެކޮޅަށް އެފަދަ މައްސަލައެއްގައި ދައުވާއެއް ނުކުރަން ސަރުކާރުން ޝަރުތުކޮށް އެއްބަސްވުމެއް ހެދި އެވެ. އެކަމަކު، ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލް (ޑަބްލިއުއެލްޓީ) އިން ސަރުކާރާ ދެކޮޅަށް 127 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ) ހޯދަން ސިވިލް ކޯޓުގައި ދައުވާއެއް ކުރުމުން ސަރުކާރުން ވަނީ ކުރިން ވި އެއްބަސްވުން ނިމުމަކަށް ގެނެސް، ބޮލިދުއްފަރާއި ވާވެއްދިފަޅު އަތުލައިފަ އެވެ.

ވިލާ އިން ވަކާލާތުކުރީ ޑަބްލިއުއެލްޓީ އަކީ އަލީ އިބްރާހިމާ ސަރުކާރާ ދެމެދު އެއްބަސްވި އެއްބަސްވުންތަކުގައި ހިމެނޭ ފަރާތެއް ނޫން ކަމަށާއި އެހެންވެ ޑަބްލިއު އެލްޓީން އެހެން ދައުވާއެއް ކުރުމަކީ އަލީ އިބްރާހިމަށް ސަރުކާރުން ދިން ފަޅުތަކުގެ އެއްބަސްވުން އުވާލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

އެކަމަކު، ހައި ކޯޓުގެ ހުކުމުގައި ވަނީ، ޑަބްލިއުއެލްޓީ ކުންފުނީގައި ވިލާގެ 70 އިންސައްތަ ހިއްސާ އޮތް ކަމަށާއި އެހެންވެ އެ ކުންފުންޏަކީ އަލީ އިބްރާހިމާ ގުޅުންހުރި ފަރާތެއް ކަމަށް ބަލަންޖެހޭ ކަމަށެވެ. އެހެންވެ، އެ ފަޅު ދޫކުރުމާ ބެހޭ ގޮތުން އަލީ އިބްރާހިމާ އެކު ސަރުކާރުން ވެފައި އޮތް އެއްބަސްވުމާ ހިލާފްވީ ކަމަށް ހުކުމުގައިވެ އެވެ.

ޑަބްލިއުއެލްޓީން ސަރުކާރާ ދެކޮޅަށް ދައުވާކުރީ ސަރުކާރުގެ ގިނަ ކުންފުނިތަކެއް އެކުވެގެން އުފައްދާފައިވާ އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމް) ކުންފުނިން ވިލާ އަށް ރިސޯޓު ހަދަން ދެ ރަށެއް ދޭން 2007 ގައި ނިންމުމަށް ފަހު، އެ ތަން ހަވާލު ނުކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 127 މިލިއަން ޑޮލަރު ހޯދުމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ ޑަބްލިއުއެލްޓީ އަށް ސަރުކާރުން ދޭން ޖެހޭނީ 16.9 މިލިއަން ޑޮލަރު ކަމަށާއި ބާކީ އޮތް 112 މިލިއަން ޑޮލަރަކީ ދޭން ޖެހޭ ފައިސާއެއް ނޫން ކަމަށެވެ. އެހެންވެ، ޑަބްލިއުއެލްޓީން މިހާރު އޮތީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ވިލާ އަށް ދޫކުރި އިތުރު ފަޅުތަކާއި ރަށްތަކެއް ވެސް ސަރުކާރުން ވަނީ އަތުލައިފަ އެވެ. އެ ހުރިހާ މައްސަލަތަކެއް ވެސް ވިލާއާ އެއްކޮޅަށް ދަށު ކޯޓުން ނިމުމުން ދައުލަތުން ވަނީ އެ މައްސަލަ އިސްތިއުނާފްކޮށްފަ އެވެ.