ވެކްސިން ނުޖަހާ ފަނޑިޔާރުން ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ: ޖޭއެސްސީ
ވެކްސިން ނުޖަހާ ފަނޑިޔާރުން ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ: ޖޭއެސްސީ

ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ނުކުރާ ފަނޑިޔާރުން ވަޒީފާއަށް ނުކުތުމަށް ކޮންމެ ދެ ހަފުތާއަކު ޓެސްޓް ކުރަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވަނީ ކޮޮވިޑް-19 ގެ ވެކްސިން ފުރިހަމަ ނުކުރާ މީހުން މާދަމާއިން ފެށިގެން އޮފީސްތަކަށް ހާޒިރު ވެވޭނީ ކޮންމެ 14 ދުވަހަކުން ޕީސީއާރް ޓެސްޓް ހަދައިގެން ކަމަށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައި ބުނީ ހުރިހާ ފަނޑިޔާރުން ވެސް ވެކްސިން ފުރިހަމަކުރަން އެދޭ ކަމަށާއި ވެކްސިން ފުރިހަމަ ނުކުރާ ނަމަ، އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ކޮންމެ ދެ ހަފުތާއަކުން ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް ފަނޑިޔާރުން އަމަލު ކުރާކަން އެ ކޮމިޝަނުން ކަށަވަރު ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ނުކުރާ ނަމަ، އާންމު ދަތުރުފަތުރު ފަދަ ހިދުމަތްތައް ވެސް ނުލިބޭ ގޮތަށް ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 80،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، އެ ބަލީގައި 226 މީހަކު ރާއްޖެއިން މިހާތަނަށް ވަނީ މަރުވެފަ އެވެ.