ގާޒީ ފާއިޒު ސަލާމުގައި ހުންނެވުމުން އީސަގެ މައްސަލަ މިއަދު ނުބޭއްވުނު
ގާޒީ ފާއިޒު ސަލާމުގައި ހުންނެވުމުން އީސަގެ މައްސަލަ މިއަދު ނުބޭއްވުނު

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު މިއަދު ސަލާމުގައި ހުންނެވުމުން، އެ މައްސަލައިގައި މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

އީސަ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ، އަނިޔާއެއް ދިނުމުގެ ދައުވާކޮށްފަ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ އަށް ލިބޭނެ އެންމެ ބޮޑު އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

އެ މައްސަލައިގައި މިއަދު ހެނދުނަށް އަޑުއެހުމެއް ތާވަލު ކުރި ނަމަވެސް، އެ މައްސަލަ ބައްލަވާ ގާޒީ ފާއިޒު އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުން މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މީގެ ކުރިން މި މައްސަލައިގައި މިދިޔަ ޖޫން މަހު ތާވަލު ކުރި އަޑުއެހުން ވެސް ކެންސަލް ކުރީ ގާޒީ ފާއިޒު ސަލާމުގައި ހުންނެވުމުންނެވެ. އެހެންކަމުން އަދި އޭނާގެ މައްސަލައިގެ އަޑުއެހުމެއް ނުބޭއްވެ އެވެ.

ގާޒީ ފާއިޒް މިއަދު ވެސް ސަލާމް ބުނެފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާ ގުޅިގެން އޭނާ މީހަކާ ދެއްކެވި ވާހަކައެއްގެ ރެކޯޑިންއެއް ލީކުވުމުން އެ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެ އޯޑިއޯގައި ގާޒީ ފާއިޒް ވަނީ އޭނާގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ވާހަކަތަކެއް ދައްކަވައިފަ އެވެ.

އަނިޔާކުރި ކަމަށް ބުނެ ބަޔާން ދެއްވުމަށް ފަހު، އީސަގެ އަނބިކަނބަލުން އަސްރާ ވަނީ ފަހުން މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. އަސްރާ ފަހުން ބުނި ގޮތުގައި އީސަގެ މައްސަލައިގައި އޭނާ ބަޔާން ދިނީ ޖަޒުބާތުގައި ޖެހިގެންނެވެ. އޭނާ އެގޮތަށް އެދުނަސް ފުލުހުން އެ މައްސަލަ ބެލުން ހުއްޓައެއް ނުލަ އެވެ.

އީސަގެ މައްޗަށް ކުށް ސާބިތުވި ވިޔަސް އޭނާގެ ގޮނޑި ނުގެއްލޭނެ އެވެ. ގޮނޑި ގެއްލޭނީ 12 މަސް ދުވަހަށް ވުރެ ބޮޑު ޖަލު ހުކުމެއް އަތުވެއްޖެ ނަމަ އެވެ.