31 އޯގަސްޓް 2021 - 10:45

މުޅި ރާއްޖޭގެ ވޮލީބޯޅައިގެ ޔޫތު ޑިވެލޮޕްމަންޓް، އެއް ސިސްޓަމަކަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަރިކިއުލަމް ކެނަޑާގެ ވޮލީބޯލް ފެޑްރޭޝަންގެ އެހީތެރިކަމާ އެކު އެކުލަވާލައިފި އެވެ.

ރާއްޖޭގެ ވޮލީބޯޅައިގެ އެކެޑަމީތަކާއި ޔޫތު ޑިވެލޮޕްމަންޓް ކުރިއަށް ގެންދާނީ މި ކަރިކިއުލަމް އަށެވެ. އަމިއްލަ ފަރާތަކުން ހިންގާ ވޮލީބޯޅައިގެ އެކެޑަމީތައް އެ ސިސްޓަމްގެ ދަށުން ކުރިއަށް ގެންދިއުމަށް ވީއޭއެމުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ވޮލީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ ރަށްރަށުގައި މިހާރު ވެސް ހިންގާ ބައެއް އެކެޑަމީތަކުގައި ވޮލީގެ ގްރާސްރޫޓް ޑިވެލޮޕްމަންޓް ފެށުމަށް އެހީ ހޯދަން ވީއޭއެމްގެ ކިބައިން އެދިފައިވާ ކަމަށެވެ.
ކެނެޑާގެ ވޮލީބޯލް ފެޑެރޭޝަން ނުވަތަ "ވޮލީބޯލް ކެނެޑާ" ގެ އެހީތެރިކަމާ އެކު ތައްޔާރުކުރި މުގައްރަރުގެ ދަށުން ވޮލީ ގްރާސްރޫޓް ޑިވެލޮޕްމަންޓް ތިން ބަޔަކަށް ވަނީ ބަހާލައިފަ އެވެ. އެއިން ކޮންމެ ބައެއްގައި ވެސް ޑިވެލޮޕްމަންޓް ކުރިއަށް ގެންދާނީ އެ ދާއިރާއަކަށް ހާއްސަ ކޯޗުންނެވެ.
އެލެމެންޓްރީ ވޮލީބޯލް ލީޑާސް
ޑިވެލޮޕްމަންޓް ކޯޗާސް
އެޑްވާންސް ޑިވެލޮޕްމަންޓް ކޯޗާސް
ރަނޭ ވިދާޅުވީ މިއިން ކޮންމެ ދާއިރާގެ ކޯޗުން ތަފާތު ވާނެ ކަމަށެވެ. އަދި އެ ކޯޗުން ތަމްރީންކުރުމުގައި އެ ކެޓެގަރީއަކާ ގުޅޭ ހާއްސަ ތަމްރީންތައް އެ ކޯޗުންގެ ޓްރޭނިންތަކުގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެލެމެންޓްރީ ވޮލީބޯލް ލީޑާސް ކެޓެގަރީގެ ކޯޗުންނަށް އެންމެ ޖޫނިއާ ލެވަލްގެ ކުދިންނަށް ކިޔަވައިދޭން ޖެހޭ ގޮތާއި އެ އުމުރުގެ ކުދިންނަށް އެންޓަޓައިން ކުރެވޭނެ ގޮތަށް ޓްރޭނިންތައް ކުރިއަށް ގެންދާނެ ގޮތް ކޯސްތަކުގައި ކިޔަވައިދޭނެ އެވެ.
އާ މުގައްރަރުގެ ދަށުން ސްކޫލްތަކުގެ ސްޕޯޓްސް ސުޕަވައިޒަރުންނަށް ހާއްސަ ސެމީނާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ރަނޭ ވިދާޅުވީ އޭނާ ވީއޭއެމްގެ ހިންގުމާ ހަވާލުވިއިރު ރަނގަޅަށް ހިންގާ ޔޫތު ޑިވެލޮޕްމަންޓް ސިސްޓަމެއް ނެތް ކަމަށެވެ. އަދި އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތްތައް އަލުން ފެށުމަށް ވެސް އޭނާ ވަނީ ޕްލޭންކޮށްފަ އެވެ.
ގަލޮޅުގައި އަޅާފައިވާ ހޭންޑް ބޯލް ކޯޓު އޮތް ސަރަހައްދުގައި، ވޮލީގެ ޓްރޭނިންތަކަށް ބޭނުން ކުރާނެ ކޯޓްތަކެއް އެޅުމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ޕްލޭންކޮށްފަ އެވެ. ރަނޭ ވިދާޅުވީ އެ މަސައްކަތް ނިމުމުން މެދުކެނޑުމެއް ނެތި ވޮލީގެ އެކެޑަމީގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ވޮލީގެ މުބާރާތްތަކާއި ޓްރޭނިންތަކަށް ވެސް މިހާރު ބޭނުން ކުރަނީ ހަތަރު އެސޯސިއޭޝަނަކުން ބޭނުން ކުރާ މާފަންނު ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓެވެ. ވޮލީގެ އިތުރުން ބާސްކެޓްބޯލް، ނެޓްބޯލް އަދި ޓީޓީގެ ބައެއް މުބާރާތްތައް ވެސް ބާއްވަނީ އެ އިންޑޯގަ އެވެ. އެއީ މުޅި ރާއްޖޭގައި ވެސް އެގޮތަށް ހުރި ހަމައެކަނި އިންޑޯ އެވެ.