31 އޯގަސްޓް 2021 - 00:34

ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން، އަލަށް އުފައްދަން މަސައްކަތްކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގަތުމަށް ނިންމަވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމްގައި ހުންނެވުމަށް ފަހު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފަހަތުގައި ސިޔާސީ މަސައްކަތުގައި ވަރަށް ފަހަކާ ޖެހެންދެން ހުންނެވި ދުންޔާ އިއްޔެ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެމްއެންޕީ އަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށާއި ހުރިހާ އެންމެންނަށް ވެސް ހުޅުވިފައިވާ ފުރުސަތުތަކެއް އެ ޕާޓީގެ ތެރޭގައި އެބައޮތް ކަމަށެވެ.
"މިހާތަަނަށް އަޅުގަނޑަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ ބޭނުންކުރަން އަޅުގަނޑު ބޭނުންވޭ ދިވެހި ރައްޔިތުންނަށް ބޭނުން ކުރުމަށް. ހާއްސަކޮށް ބެލެންސްޑް ފޮރިން ޕޮލިސީއެއް ރާއްޖޭގައި އޮތުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ކަމެއް. ދިވެހިރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް، އަދި ދިވެހި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަނަވަސްކަން ހޯދަން އަޅުގަނޑުމެން އެބަ މަސައްކަތް ކުރަންޖެހޭ،" ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އުފައްދަން މަސައްކަތް ކުރައްވާ އެމްއެންޕީއާ ގުޅިވަޑައިގަތުމާ ގުޅޭ ގޮތުން ދުންޔާ ވިދާޅުވި އެވެ.
ދުންޔާ އެކޭ އެއްގޮތަށް އުމަރުގެ ފަހަތުގައި ކުރިން މަސައްކަތް ކުރެއްވި، އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ވެސް ވަނީ އެމްއެންޕީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފަ އެވެ.
އަމާޒަކީ އެމްއެންޕީ ރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާއިރު 5،000 މީހުންގެ ސޮއި ހަމަކުރުން ކަމަށް އެ ޕާޓީގެ ފައުންޑިން މެމްބަރު ތިމަރަފުށި ދާއިރާގެ އަބްދުﷲ ރިޔާޒް ވަނީ ވިދާޅުވެފަ އެވެ. ޕާޓީ ރަޖިސްޓަރީ ކުރަން ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހުށަހަޅަން ނިންމާފައިވާއިރު، ގިނަ ބަޔަކު މިހާރު ވެސް އަންނަނީ އެމްއެންޕީއާ ގުޅެމުންނެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުން އެމްއެންޕީ އުފައްދަން މަސައްކަތް ކުރުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ޖުލައި މަހުގެ 15 ގަ އެވެ. ގާނޫނު ބުނާ ގޮތުން ހުއްދަ ދޭ ތާރީހުން ފެށިގެން ތިން މަސް ތެރޭގައި މަދުވެގެން 3،000 މީހުންގެ ސޮޔާއެކު އެ ޕާޓީއެއް ރަޖިސްޓަރީ ކުރަން އީސީ އަށް ހުށަހަޅަން ޖެހެ އެވެ.