ލީކުވި އޯޑިއޯތަކަށް ސަރުކާރުން ރައްދު ނުދެނީ އަސްލެއް ނެތުމުން: ރައީސް އޮފީސް
ލީކުވި އޯޑިއޯތަކަށް ސަރުކާރުން ރައްދު ނުދެނީ އަސްލެއް ނެތުމުން: ރައީސް އޮފީސް

މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ބެންޗުގައި ތިއްބެވި ބައެއް ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކުވި މައްސަލައިގައި ސަރުކާރުން އެއްވެސް ރައްދެއް ނުދެނީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކަކަށް ވާތީކަމަށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު 28، 2019 ގައި ޔާމީން ޖަލަށް ލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަތީ ރިޔާސަތު ބެލެހެއްޓެވި، ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އަލީ ރަޝީދާއި ގާޒީ ހުސައިން ފާއިޒު ރަޝާދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގައި މިހާރު ހުންނެވި ގާޒީ މުހައްމަދު ސަމީރެވެ. އޭގެ ތެރެއިން ލީކުވެފައިވަނީ ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު އަލީ އާދަމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަމީރު ކަމަށް ބެލެވޭ ބަޔަކު ޔާމީންގެ ޝަރީއަތާ ބެހޭގޮތުން ވާހަކަ ދައްކަވާ އޯޑިއޯތަކެކެވެ.

އެ އޯޑިއޯތަކުގައި ވަނީ ޔާމީންގެ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ. އަދި ހާއްސަކޮށް އަލީ ޒާހިރަށް ނިސްބަތްކޮށް ތުހުމަތުތައް ކުރައްވާފައިވެ އެވެ.

އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންފަ އެވެ. ނަމަވެސް ރައީސްގެ ފަރާތްޕުޅުން އެ ބޭފުޅުންނާ ބައްދަލުކުރެއްވީ އަލީ ޒާހިރެވެ.

ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ރައީސާއި ސަރުކާރު އަދި ހާއްސަކޮށް އަލީ ޒާހިރު ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރެއްވި ކަމަށެވެ. އަދި އެފަދަ އޯޑިއޯއެއް ފެތުރެމުންދާއިރު އެކަމަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދޭތީ ޝިޔާމް ސުވާލު އުފެއްދެވި ކަމަށް ވެެސް ބުންޏެވެ.

މީގެ އިތުރުން ޝިޔާމު ވަނީ އަލީ ޒާހިރުގެ އޯޑިއޯތައް ވެސް ހުރި ކަމަށް ވިދާޅުވެ، ހާއްސަކޮށް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވައިފަ އެވެ.

އެ ތުހުމަތުތަކަށް ރައްދުދެއްވައި އަލީ ޒާހިރު ވިދާޅުވީ އޯޑިއޯތަކާ އަދި ކުރެއްވި ތުހުމަތުތަކަށް ސަރުކާރުން ރައްދު ނުދެނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކަކަށް ވާތީކަމަށެވެ. އެ އޯޑިއޯތަކުގެ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ފުލުހުގައި ވެސް އެދިފައިވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވައި އަލީ ޒާހިރު ވިދާޅުވީ ކުރީ ސަރުކާރުގައި ރައީސް އޮފީހުން ބައެއް ހުކުމްތައް ލިޔާކަމުގެ އަޑުތައް ފެތުރިގެން ދިޔަސް މި ސަރުކާރަކީ މިނިވަންކަމާ އެކު، މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާ މިނިވަންކަމަށް ފުރުސަތު ދީފައި އޮންނަ ސަރުކާރެއް ކަމަށެވެ.