30 އޯގަސްޓް 2021 - 17:27

އުތުރު ކޮރެއާގެ ޔޮންގްބިޔޮންގް ނިއުކްލިއާ ރިއެކްޓަރުގައި އަލުން މަސައްކަތް ފަށައި، އެ ތަނުގައި ޕްލޫޓޯނިއަމް އުފައްދަން ފަށާފައިވާ ކަމަށް ބެލެވޭ ކަމަށް، އދ.ގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ (އައިއޭއީއޭ) އިން މިއަދު ބުނެފި އެވެ.
ފަސް މެގަވޮޓްގެ އެ ރިއެކްޓަރަކީ ނިއުކްލިއާ އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު އުފައްދާ މަޝްރޫއުގެ މައި މަރުކަޒެވެ. އުތުރު ކޮރެއާ އާއި އިތުރު ފަސް ގައުމާ (ދެކުނު ކޮރެއާ، އެމެރިކާ، ޖަޕާން، ޗައިނާ، ރަޝިޔާ) ދެމެދު 2007 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން، މި މަރުކަޒު ހުރީ ބަންދުކޮށްފަ އެވެ. އެއަށް ފަހު، އެ މަރުކަޒަށް ފާރަލައި ބަލަމުން އައީ، އައިއޭއީއޭގެ އިންސްޕެކްޓަރުންނެވެ.
ނަމަވެސް 2009 ވަނަ އަހަރު އުތުރު ކޮރެއާ އިން ވަނީ، އައިއޭއީއޭގެ އިންސްޕެކްޓަރުން އެ ގައުމުން ބޭރުކޮށްފަ އެވެ. އެއީ އެއްބަސްވުމާ އެއްގޮތަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަމަލު ނުކުރާ ކަމަށް ބުނެ އެވެ. އެއަށް ފަހު، އުތުރު ކޮރެއާ އިން ނިއުކްލިއާ ވޯހެޑް އުފައްދައި، އެ ހަތިޔާރުގެ އަޖުމަބަލާފައިވެ އެވެ. އުތުރު ކޮރެއާ އިން އެންމެ ފަހުން، ނިއުކްލިއާ ހަތިޔާރެއްގެ އަޖުމަ ބަލާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.
އޭގެ ފަހުން އައިއޭއީއޭ އިން އެ މަރުކަޒުގެ ކަންކަމަށް ފާރަލަމުން އަންނަނީ، ސެޓެލައިޓްގެ އެހީގައި ނަގާ ފޮޓޯތަކުގެ ޒަރީއާ އިންނެވެ. އެ އިދާރާ އިން ބުނި ގޮތުގައި ޔޮންގްބިޔޮންގެ ރިއެކްޓަރުން، ޖުލައި މަހުން ފެށިގެން ފިނިކުރާ ފެން ބޭރުކުރާކަން ވަނީ އެނގިފަ އެވެ. އެއީ އެ ރިއެކްޓަރު ހިންގާފައިވާ ކަމުގެ ހެއްކެއް ކަމަށް އެ އިދާރާ އިން ލަފާކުރެ އެވެ.
މިއީ 2018 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެ ކޮރެއާ ގުޅޭ ސަރަހައްދަށް ވަޑައިގެން، އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް-އުން އާ ބައްދަލުކުރެއްވި ފަހުން، މި ރިއެކްޓަރު ހިންގަން ފެށިކަމުގެ ނިޝާންތަކެއް ފެނުނު ފުރަތަމަ ފަހަރެވެ.
އައިއޭއީއޭ އިން ބުނި ގޮތުގައި، ޔޮންގްބިޔޮންގް ނިއުކްލިއާ ރިއެކްޓަރު ހުންނަ އެކުވެނީގައި ހުރި ރޭޑިއޯ ކެމިކަލް ލެބޯޓެރީގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. މި އަހަރުގެ ކުރީކޮޅުން ފެށިގެން، އެ ލެބޯޓެރީގައި މަސައްކަތް ކުރަމުން އަންނަތާ މިހާރު ފަސް މަސް ދުވަސް ވެއްޖެ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ. އެ އިދާރާ އިން ބުނި ގޮތުގައި އުތުރު ކޮރެއާގެ މި އަމަލުތަކަކީ، އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެކެވެ.
ދެކުނު ކޮރެއާގެ ހާރިޖީ ވުޒާރާ އިން ބުނި ގޮތުގައި އުތުރު ކޮރެއާގެ ނިއުކްލިއާ މަޝްރޫ އާއި މިސައިލް މަޝްރޫއުގެ ކަންތައް ކުރިއަށް ދާ ގޮތް، އެމެރިކާއާ ގުޅިގެން ދެކުނު ކޮރެއާ އިން އަންނަނީ ވަރަށް ބޮޑަށް ފާރަލައި ބަލަމުންނެވެ.