ވީއޭއެމް ޑިޖިޓަލައިޒް ކުރުމުގެ ޕްރޮޖެކްޓެއް
ވީއޭއެމް ޑިޖިޓަލައިޒް ކުރުމުގެ ޕްރޮޖެކްޓެއް

ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން އިދާރީ ހިންގުން ޑިޖިޓަލައިޒް ކުރުމުގެ ޕްރޮޖެކްޓަކަށް އެ އެސޯސިއޭޝަނުން ތައްޔާރު ވެއްޖެ އެވެ.

ވީއޭއެމް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ "ޖަވާބު" ޕްރައިވެޓް ލިމިޓެޑާ އެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް "މިހާރު" އަށް ވިދާޅުވީ ޑިޖިޓަލައިޒް ކުރަން ބޭނުން ކުރާ ސިސްޓަމުން ކުޅުންތެރިންގެ މައުލޫމާތުތަކާއި މެޗުތަކުގެ ޑޭޓާ ފެންނާނެ ގޮތަށް ހުންނާނެ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ޑޭޓާތައް ޕަބްލިކަށް ފެންނަ ގޮތަށް ހަމަޖައްސާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަކި ކުޅުންތެރިޔެއްގެ މައުލޫމާތު ހޯދަން ބޭނުން ވިޔަސް މި ސިސްޓަމްގެ ތެރެއިން އެކަން ކުރެވޭނެ. އެ ކުޅުންތެރިންގެ ޓްރެއިނިން ދާގޮތާއި އެންޑިއުރެންސް ނަތީޖާ އާއި އިންޑިވިޖުއަލް ޕާފޯމަންސްތައް ބެލެން ހުންނާނެ،" ރަނޭ ވިދާޅުވި އެވެ.

ސިސްޓަމް ފުރިހަމަ ވެގެންދާއިރު ކުރިން ކުޅެފައި ހުރި މެޗުތަކުގެ ޑޭޓާތަކާއި ނަތީޖާތައް ބެލެނޭގޮތް އެ ސިސްޓަމްގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ވެސް ރަނޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ސިސްޓަމްގެ ތެރެއިން ވީއޭއެމްގެ އިދާރީ ހިންގުމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.

ޖަވާބުގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ޖައިލަމް ވިދާޅުވީ އެ ކުންފުނިން ތައްޔާރު ކުރާ ސިސްޓަމުން އެހެން އެސޯސިއޭޝަންތަކަށް ވެސް ބޭނުން ކުރެވޭ ގޮތަށް ހަދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ހިންގުުގައި ބޭނުން ކުރަނީ ވަރަށް ކުރީގެ ސިސްޓަމެއް ކަމަށެވެ.

"ކުޅިވަރަކީ ވަރަށް ގިނަ ބަޔަކު އޭގައި ޝާމިލުވާ ކަމެއް. އެކަމަކު އަދި ވެސް ޕްރެކްޓިހުގެ ހާޒީރި ބަލަހައްޓަން ވެސް ބޭނުން ކުރަނީ އެކްސެލް ޝީޓެއް. އަޅުގަނޑުމެންގެ ބޭނުމަކީ އެކަންކަން ޒަމާނީ ސިފައެއްގައި މެނޭޖްކުރުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުން،" ޖައިލަމް ވިދާޅުވި އެވެ.

"ކްލަބުތަކަށް ވެސް ހާއްސަ ބައެއް މި ސިސްޓަމްގައި ހިމެނޭނެ. އެ ކްލަބެއް މެނޭޖު ކުރަން ވެސް މި ސިސްޓަމްގެ ތެރެއިން ހާއްސަ ސެކްޝަނެއް ހެދިގެންދާނެ."

އޭނާ ވިދާޅުވީ ސިސްޓަމް ފުރިހަމަ ވެގެންދާއިރު މެޗުތަައް ކުޅެމުންދާ ގަޑީގައި މެޗުތަކުގެ ސްކޯ ވަގުތުން އަޕްޑޭޓް ކުރެވޭނެ ގޮތަށް މި ސިސްޓަމް ފަރުމާ ކުރަން ވިސްނަމުންދާ ކަމަށެވެ.