"ތިން ގަރުނު ދެކެފައިވާ މީހާގެ" 117 ވަނަ އުފަން ދުވަސް ފާހަގަކޮށްފި
"ތިން ގަރުނު ދެކެފައިވާ މީހާގެ" 117 ވަނަ އުފަން ދުވަސް ފާހަގަކޮށްފި

ރޯމް (ނޮވެމްބަރު 29) - ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ރެކޯޑް މިހާރު އޮންނަ އިޓަލީގެ އެމާ މޮރާނޯގެ 117 ވަނަ އުފަން ދުވަސް މިއަދު ފާހަގަކޮށްފި އެވެ.

"ތިން ގަރުނު ދެކެފައިވާ މީހާގެ" 117 ވަނަ އުފަން ދުވަސް ފާހަގަކޮށްފި
"ތިން ގަރުނު ދެކެފައިވާ މީހާގެ" 117 ވަނަ އުފަން ދުވަސް ފާހަގަކޮށްފި

އިޓަލީގެ ޕައިޑްމޮންޓް ސަރަހައްދަށް މޮރާނޯ އުފަންވީ 29 ނޮވެމްބަރު، 1899 ވަނަ އަހަރު އެވެ. އޭނާ އަކީ 1800 އަހަރުތަކުގައި އުފަންވި މީހުންގެ ތެރޭން ދުނިޔޭގައި މިހާރު ހުރި ހަމައެކަނި މީހާ އެވެ. ދުނިޔޭގައި އެންމެ ގިނަ ދުވަހު ހުރި އަންހެނާގެ ލަގަބު މޮރާނޯ އަށް މި އަހަރު ލިބުނީ އެމެރިކާގެ ސުސަނާ މުޝާތު ޖޯންސް މެއި މަހު މަރުވުމުންނެވެ. އޭނާ އަކީ ވެސް 1800 ގެ އަހަރުތަކުގައި އުފަންވި މީހެކެވެ.

މޮރާނޯގެ އާއިލާގެ އެހެން މީހުންގެ ވެސް އުމުރު ވަރަށް ދިގެވެ. އޭނާގެ މަންމަ މަރުވީ 91 އަހަރުގަ އެވެ. އަދި އޭނާގެ ބައެއް ކޮއްކޮމެން ވަނީ 100 އަހަރު ދުނިޔޭގައި އުޅެފަ އެވެ. މޮރާނޯ ބުނަނީ އޭނާގެ ކެއުމުގައި ކޮންމެ ދުވަހަކު ވެސް ތިން ކުކުޅު ބިސް ހިމަނާ ކަމަށެވެ. މި އާދަ އޭނާ ވަނީ 90 އަހަރު ދަމަހައްޓައިފަ އެވެ.

މޮރާނޯގެ ޑޮކްޓަރެއްގެ ގޮތުގައި 27 އަހަރު މަސައްކަތް ކުރި ކާލޯ ބާވާ ބުނީ އޭނާ ފުރަތަމަ ބައްދަލުވި އިރު މޭވާ އާއި ތަރުކާރީ މޮރާނޯ ކަނީ ވަރަށް މަދުން ކަމަށެވެ. އަދި އޭރު ވެސް ދުވާލަކު ތިން ބިސް ކާ ކަމަށް ބުންޏެވެ. އޭރު އޭނާ ކަނީ ކުޑަކޮށް ރޯފިލުވައިގެން ދެ ބިސް އަދި މެންދުރަށް ބިސްގަނޑެކެވެ. ރޭގަނޑު ކަނީ ކުކުޅު ކަމަށް ޑޮކްޓަރު ބުންޏެވެ.

މޮރާނޯގެ އުފަން ދުވަހު ބައެއް ނޫސްވެރިންނާއި އޭނާ ދިރިއުޅޭ ސިޓީގެ މޭޔަރު ވަނީ އޭނާއާ ބައްދަލު ކުރަން ހަމަޖެހިފަ އެވެ. އަދި "ތިން ގަރުނު ދެކެފައިވާ އަންހެނާގެ" ނަމުގައި ބަޔޮގްރަފީއެއް ނެރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.