އެންޓިބައޮޓިކްސް: ހިތަށްއެރި ގޮތަކަށް ކާން ޖެހޭ އެއްޗެއް ނޫން
އެންޓިބައޮޓިކްސް: ހިތަށްއެރި ގޮތަކަށް ކާން ޖެހޭ އެއްޗެއް ނޫން

އާންމުކޮށް އެންޓިބައޮޓިކްސް ބޭނުންކުރާ ނަމަ ސިއްހީ އިތުރު މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ތެރޭގައި ހަޖަމްކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތައް، ކިޑްނީއަށް ގެއްލުންވުން، އެލާޖިކް ރިއެކްޝަން އަދި އެނޫން ވެސް އިތުރު ބައެއް މައްސަލަތައް ހިމެނެ އެވެ.

ކިރިޔާ ބައްޔެއް ވާއިރަށް ވަކި ގަވާއިދެއް އަދި މިންވަރެއް ނެތި އެންޓިބައޮޓިކްސް ކާ ނަމަ ހަށިގަނޑު ހުންނަ ޖަރާސީމުތައް އެ ބޭހަކަށް ހޭނުމުގެ ނުރައްކާ އޮވެ އެވެ. އޭރުން އެންޓިބައޮޓިކްސް ދީގެން ޖަރާސީމުތައް މަރާނުލެވި، ބަލީގެ ނުރައްކާ ބޮޑުވެ އެވެ.

ބައެއް އެންޓިބައޮޓިކްސް ތިމާ ނުގުޅިގެން ނޭވާ ލާން ދަތިވެ ފުރާނަ އަށް ނުރައްކާވާ ފަދަ ހާލަތްތައް ވެސް ކުރިމަތިވެ އެވެ.

- ބޭރަށް ހިންގުން

- މޭނުބައިކުރުން

- ބަނޑު ފުއްޕާ ހަޖަމު ގޯސްވުން

- ބަނޑުގައި ރިއްސުން

- ކާހިތް ނުވުން

- އަންހެނުންގެ ކުރިމަތި ފަރާތް ކަހާ ބިހި ނަގާ ގޮތް ވުން

- ނޭވާ ކުރުވުން، ނޭވާ އިން އަޑުކިޔުން

- އެއްޗެތި ދިރުވަން އުނދަގޫވުން

އެންޓިބައޮޓިކްސްއެއް ކެއުމާ އެކު މުޅި ގައި ކަހާ ބިހި ނެގުން، ކަރުތެރެ ނުވަތަ ދޫ ދުޅަވުން، ނޭވާ ކުރުވުން، ޝޮކް ޖެހުން، ހޮޑުލެވުން، އަނބުރައިގަތުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ އިމަޖެންސީކޮށް ޑޮކްޓަރަކަށް ދައްކަން ޖެހޭނެ އެވެ.

ބައެއް ކަހަލަ ޖަރާސީމު ނައްތާލަން ޑޮކްޓަރުން ލިޔެދޭ އެންޓިބައޮޓިކްސް ކެއުމުގައި ފަރުވާ ކުޑަކުރާ މީހުން ވެސް ވަރަށް ގިނަ އެވެ. ނަމަވެސް އެންޓިބައޮޓިކްސް އަކީ ގަޑިން ގަޑިއަށް ކާން ޖެހޭ ބޭހެކެވެ. ދެ އިރު ކާން ޖެހޭ ނަމަ ކޮންމެ 12 ގަޑިއިރެއް ހަމަވާއިރަށް އަނެއް ގުޅަ ކާން ޖެހެ އެވެ. އަދި ތިން އިރު ކާ ނަމަ ކޮންމެ އަށް ގަޑިއިރެއް ހަމަވާއިރަށް ކާން ޖެހެ އެވެ. ބޭހުގެ އެކަށީގެންވާ ފައިދާ ކުރާނީ ގަޑިން ގަޑިއަށް އަދި ފަރުވާތެރިކަމާ އެކު ބޭސް ހުސްވަންދެން ބޭނުންކޮށްގެންނެވެ.

ކިރިޔާ ބައްޔެއް ވާއިރަށް ޑިސްޕެންސަރީއަށް ގޮސް އެކި ކަހަލަ އެންޓިބައޮޓިކްސް ގަނެގެން ޑޯޒެއް ނުބަލާ ކާ މީހުން އުޅެ އެވެ. ނަމަވެސް އެންޓިބައޮޓިކްސް އަކީ މިގޮތަށް ބޭނުންކުރުން އެއްގޮތަކަށް ވެސް ރަނގަޅު އެއްޗެއް ނޫނެވެ.