ވެކްސިން ފުރިހަމަކުރާ މީހުންނަށް ޔޫއޭއީ ހުޅުވާލައިފި
ވެކްސިން ފުރިހަމަކުރާ މީހުންނަށް ޔޫއޭއީ ހުޅުވާލައިފި

ކޮވިޑް-19ގެ ވެކްސިން ފުރިހަމަކުރާ މީހުންނަށް ޓޫރިސްޓު ވިސާގައި، ކަރަންޓީން ނުވެ ޔޫއޭއީ އަށް ދަތުރުކުރެވޭ ގޮތް މިއަދުން ފެށިގެން ހަދައިފި އެވެ.

އެ ގައުމުގެ ނޭޝަނަލް ކްރައިސިސް އެންޑް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ (އެންސީއީއެމްއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ މި ބަދަލާ އެކު އެ ގައުމުން "ބޭން" ކޮށްފައިވާ ގައުމުތަކުގެ ޓޫރިސްޓުންނަށް ވެސް ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ގައުމަށް އެތެރެވެވޭނެ ކަމަށެވެ.

ޔޫއޭއީން މި ހުއްދަ ދޫކުރާނީ ޑަބަލިއުއެޗްއޯއިން ގަބޫލުކުރާ ވެކްސިނެއް ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަންޏެވެ. އެ ޖަމިއްޔާ އިން ގަބޫލުކުރާ ވެކްސިންތަކަކީ އެސްޓްރާޒެނަކާ އާއި ޖޯންސަން އެންޑް ޖޯންސަން އާއި ފައިޒާ އާއި ސިނޮފާމް އަދި ސިނޮވެކް އެވެ.

އެންސީއީއެމްއޭ އިން ބުނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ޓޫރިސްޓުންނަށް ޔޫއޭއީ ހުޅުވާލި ނަމަވެސް އެ ގައުމަށް ގޮސް ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށެވެ. މި ޓެސްޓު ހަދާނީ އެއާޕޯޓުންނެވެ.

ޔޫއޭއީއަށް ދާ ޓޫރިސްޓުން އެ ގައުމުގެ ހެލްތު އެޕްލިކޭޝަން މެދުވެރިކޮށް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމުގެ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ އެވެ.