މެސީގެ ފުރަތަމަ މެޗުން ޕީއެސްޖީ މޮޅުވެއްޖެ
މެސީގެ ފުރަތަމަ މެޗުން ޕީއެސްޖީ މޮޅުވެއްޖެ

ރެއިމްސް (އޮގަސްޓް 30) - ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި ލިއޮނެލް މެސީ ކުޅުނު ފުރަތަމަ މެޗުގައި ރެއިމްސް އަތުން 2-0 އިން މޮޅުވެއްޖެ އެވެ.

މެސީގެ ފުރަތަމަ މެޗުން ޕީއެސްޖީ މޮޅުވެއްޖެ
މެސީގެ ފުރަތަމަ މެޗުން ޕީއެސްޖީ މޮޅުވެއްޖެ

މެސީ އަށް މެޗު ހާއްސަ ވިއަސް ތަރި އަކަށްވީ ޕީއެސްޖީގެ ލަނޑުތައް ޖެހި ކިލިޔަން އެމްބާޕޭ އެވެ. ބާސެލޯނާ ނޫން ކްލަބަކަށް މެސީ ކުޅުނު ފުރަތަމަ މެޗުގައި އޭނާ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ބާސެލޯނާގައި 17 އަހަރު ކުރިން މެސީ ބޭނުން ކުރި 30 ނަމްބަރު ޖޯޒީގައި ޕީއެސްޖީގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ކުޅެން ނުކުތީ ބާސާ އަށް އޭނާއާ އެކުގައި ކުޅުނު ނޭމާގެ ބަދަލުގަ އެވެ.

ރެއިމްސްގެ ސްޓޭޑިއަމް އަކީ 21،684 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ރެއިމްސްގެ ދަނޑުގައި މި ސީޒަންގައި ކުޅުނު ފުރަތަމަ މެޗަށް 9،000 މީހުންނަށް ވުރެ ގިނައިން ވަދެފައެއް ނުވެ އެވެ. ނަމަވެސް ރޭގެ މެޗު ތަފާތެވެ. މެސީ މެޗުގައި ކުޅޭނެކަން އިއުލާން ކުރުމުން 20،525 ޓިކެޓް ވިކި ހުސްވި އެވެ. އެއީ މާލީ ގޮތުން ރެއިމްސް އަށް ވެސް ބޮޑު ފައިދާ އެކެވެ.

ބައެއް ފަރާތްތަކުން ވަނީ ގަތް ޓިކެޓް ކަޅު ބާޒާރުގައި ބޮޑު އަގުގައި ވިއްކައިފަ އެވެ. އެގޮތުން ބައެއް ޓިކެޓް 6،000 ޔޫރޯ އަށް ވިއްކާފައިވާ ކަމަށް ފްރާންސްގެ މީޑީއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އާންމުކޮށް ޓިކެޓެއް ވިއްކާފައި ވަނީ 275 ޔޫރޯ އަށެވެ.

މެޗުގައި އެމްބާޕޭ ފުރަތަމަ ލަނޑު ޖެހީ މެޗު ފެށިގެން 10 ވަނަ މިނިޓްގައި ޑިފެންޑަރު އަޝްރަފް ހަކީމީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެސީ މެޗަށް ނުކުތުމުގެ ތިން މިނެޓް ކުރިން އެމްބާޕޭ ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ 11 ގައި ހިމަނައިގެން އެމްބާޕޭ ދަނޑަށް ނެރެ، ޕީއެސްޖީން މެސެޖެއް ދިނީ ރެއާލް މެޑްރިޑަށެވެ. މާދަމާ ރޭ ހަމަވާ ހޫނު މޫސުމުގެ ޓްރާންސްފާގެ ކުރިން އެމްބާޕޭ ރެއާލް އަށް ގެންދިއުމަށް އެ ކްލަބުން ތިބީ ވިއްދައިގެންނެވެ. އެހެން ނަމަވެސް ޕީއެސްޖީން އޮތީ ހަމަހިލާ އެމްބާޕޭ ދޫކުރާކަށް ނޫނެވެ.