އޮނުފުމޭ ކުއްޖާ
އޮނުފުމޭ ކުއްޖާ

މަޑު މުށިކުލައިގެ ވެލިގަނޑަށް ބީއްސާލި ރާޅުން ސަލާމަތްވުމަށްޓަކައި، ކާޅު ފުންމަމުން ފަހަތަށް ޖެހިލިއެވެ. ރާޅުން ސަލާމަތްވިއެވެ. އެކަމަކު، ހޯރައަޅަމުން އައި ބާޒުގެ ވަކިތަކުގައި ކާޅު ހައްޔަރުވިއެވެ. އެއީ ދުނިޔޭގެ އާދައެވެ. ބާރުގަދަ މަޚްލޫޤުންގެ އަތްދަށުގައި ނިކަމެތި މަޚްލޫޤުން ހައްޔަރުވާނެއެވެ. އިންޑިޔާގެ ޓްރިވެންޑްރަމްގެ، ޝަންގުމުގަމް ބީޗުގައި ވެސް އޮތީ އެ އުސޫލެވެ. ރިޒުވާން ހުރީ، ގޭގެ ފުރަތަމަ ފަންގިފިލާގެ ބާލުޚާނާއަށް ނުކުމެ އެ މަންޒަރު ބަލާށެވެ. ވަގުތަކީ، ދުވަހުގެ އިރު ފެނުން ތޮޅިލި ވަގުތެވެ. މާޙައުލުގައި ވަނީ ހަމަހިމޭންކަމެވެ. މަގުމަތީގައި ވެސް މާ ބޮޑު ހަލަބޮލިކަމެއް ނެތެވެ. އުމުރުން ތިރީސް ނުވަ އަހަރުގެ ރިޒުވާން ދިރިއުޅެނީ ބައްޕަޔާ އެކުގައެވެ. ދެބުރިއަށް ހަދައިފައިވާ ތަނަވަސް ގެއެއްގައެވެ.

"ގައުރީޕަރިނީތީ" އަކީ، ދަތުރުވެރިންނަށް ކުއްޔަށް ދިނުމަށްޓަކައި، ދިގު މުއްދަތަށް ދިވެއްސަކު ކުއްޔަށްހިފައިފައިވާ ގެއެކެވެ. ބިންމަތީގައި ތިން ކޮޓަރި ހުރެއެވެ. ބޮޑު ބަދިގެއަކާއި ކާގެއެއް ވެސް ހުރެއެވެ. ފުރަތަމަ ފަންގިފިލާގައި ފަސް ކޮޓަރި ހުރެއެވެ. ގޯތިތެރޭގައި އޮންނަ ހުސް ޖާގަ ވެސް ވަރަށް ބޮޑެވެ. ކުރުނބާއަޅައި ބަރާވެފައިވާ ރުކަކާއި، ބޮޑު މުރަނގަގަހަކާއި، ސައްކެޔޮގަހެއް ވެސް ހުރެއެވެ. އެހެންނަމަވެސް، އެ ގެ ބަލަހައްޓާނެ، އިތުބާރުހުރި މީހަކު ނުލިބުމުގެ ސަބަބުން ގެ ފަޅަށް ހުންނަތާ ކިތަންމެ ދުވަހެކެވެ. ވިނަ ކޮށާނެ މީހަކު ނުވަތަ ރުއް ސާފުކުރާނެ މީހަކު ވެސް ނެތެވެ.

ރިޒުވާނާއި އުބޭދު ކުރިން ދިރިއުޅުނީ ލަންކާގައެވެ. "ގައުރީޕަރިނީތީ" ބަލަހައްޓަން ހަވާލުކުރުމުން އިންޑިޔާއަށް އަންނަން ޖެހުނީއެވެ. ރިޒުވާނަށް އެ ގެ ވަރަށް ކަމުދިޔައެވެ. ހަމަހިމޭންކަމުންނެވެ. މޫދުގެ ރާޅުގެ އަޑު ވެސް، ދުރުދުރުން އެ ގެޔާ ހަމައަށް އާދެއެވެ. ކަނޑުން އަރައިގެން އަންނަ ރޯޅި ތާޒާވެފައި، ގަސްތައް ފެހިވެފައި، މާމެލާމެލި ގިނައެވެ. ދުވަހަކު ވެސް އެ ގެއިން ނުކުންނާކަށް ރިޒުވާންގެ ދެބަފައިން ބޭނުމެއް ނޫނެވެ.

"އެކަމަކު ދެން މި ގެއަށް މީހުން އަންނަން ފަށާނެ،" ކަންބޮޑުވެފައިވާ ރާގެއްގައި އުބޭދު ބުންޏެވެ. "އެކި އުމުރުގެ ކުދިންނާ އެކި މިޒާޖުގެ މީހުން އަންނާނެ. ދަރިފުޅު މާ ބޮޑަށް އެ މީސްމީހުންނާ ނުގުޅޭތި. ސަލާންޖަހާ، އާދޭސްކޮށް ނަހަދާތި."

"އެ މީހުން އައިސް އަހަރުމެން މި ގެއިން ނެރެލަފާނެތަ ބައްޕާ؟" ރިޒުވާން ސުވާލުކުރިއެވެ.

"އަހަރުމެންނާ މި ގެ ހަވާލުކުރީ ގޭގެ ވެރިމީހާ،" އޯގާތެރިކަމާއެކު އުބޭދު ބުންޏެވެ. "އަހަރުމެން ނެރެވޭނީ ވެސް، ހަމައެކަނި އޭނަޔަށް. އެ ކަމާ ހާސްނުވޭ!"

އުބޭދުގެ ވާހަކަތައް ގަބޫލުކޮށް، އޮއްސުނުއިރާ އެކުގައި ރިޒުވާން ނިދަން އޮށޯތެވެ. ރަނގަޅަށް ނިދެންދެން އުބޭދު އައިސް ރިޒުވާން ގާތުގައި އިނދެއެވެ. ހަޔާތުގައި ލިބިފައިވާ ފިލާވަޅުތައް ރިޒުވާނަށް ދަސްކޮށްދިނުމަށްޓަކައެވެ. ދުނިޔޭގެ ކެހިވެރިކަމާއި، އިންސާނުންގެ މަކަރުވެރިކަމުން ސަލާމަތްވާނެ ގޮތްތައް ކިޔައިދިނެވެ. އެންމެ ހިތި ތަޖުރިބާއެއް އުބޭދަށް ކުރަންޖެހުނީ ރިޒުވާންގެ މަންމަ ޒުހުދާގެ ފަރާތުންނެވެ. އޭނައަކީ ދިވެހި ފިޔަފާރިވެރިއެކެވެ. ކައިވެނިކޮށް، ރިޒުވާން ވެސް ލިބުނު ފަހުން ލަންކާއަށް އައިސް ފަންޑިތަހަދައިގެން ގަދަކަމުން ވަރިވީއެވެ. ދެބަފައިން ލަންކާއަށް ދޫކޮށްލައިފައި ޒުހުދާ ފިލީއެވެ. އެ ކަންކަން، ރިޒުވާން ހަނދާންބަހައްޓަން އުބޭދު ބޭނުމެވެ.

ފަތިހު ރިޒުވާނަށް ހޭލެވުނީ ވަރަށް ހިތްފަސޭހަ އަޑެއް އިވިގެންނެވެ. އެ އަޑު އިވެނީ، ވައިރޯޅިއާ އެކުގައި ވަރަށް ދުރުދުރުންނެވެ. ރިޒުވާން ތެދުވިއެވެ. ބާލުޚާނާއަށް ނުކުތެވެ. އަޑު އައީ އަތިރިމަތިންނެވެ. އަޑުޖެހުމުން މާތައް ނަށާހެން ހީވެއެވެ. މާބުރުތައް މަސްތުވާންހެން ހީވެއެވެ. އެ ދިމާއަށް ނުގޮސް ރިޒުވާނަކަށް ކެތެއް ނުވިއެވެ. ވައިރޯޅިއާ އެކުގައި ނަގައިގަނެގެން ރިޒުވާން ގެންގޮސް އެ ތަނުގައި ބެހެއްޓި ކަހަލައެވެ. ރިޒުވާނަށް ފެނުނީ، އިސްތަށިގަނޑު ދިގު އަންހެންކުއްޖެކެވެ. އޭނަ ހުރީ ހުސްފައިގައެވެ. ރަތް ހެދުމެއްގައެވެ. އަޑުތައް ނެރެނީ އެ އަންހެންކުއްޖާ ގެންގުޅޭ އޮނަކުންނެވެ. އެއީ، އޮނުފުމޭ އަޑު ރިޒުވާނަށް އިވުނު ފުރަތަމަ ފަހަރެވެ. މޫދާ ދިމާއަށް އެނބުރި ހުރެގެން އެ އަންހެންކުއްޖާ ބަލަނީ ކޯޗެއްކަމެއް ރިޒުވާނަކަށް ނޭނގެއެވެ. ކުދިކުދި ރާޅުތައް މަސްތުވެގެންއުޅޭ ކަހަލައެވެ. ކަކުނިތައް ގުޑައިލަން ނޭނގިފައި ތިބި ކަހަލައެވެ. ޝުކުރުވެރިކަމާ އެކުގައި ވަރިރޯޅި އައިސް އެ ކުއްޖާގެ އިސްތަށިގަނޑުގައި ފިރުމިއެވެ. އިރުކޮޅަކުން އޮނުފުމުން ހުއްޓައިލިއެވެ.

"ހުއްޓާނުލާ!" ބޭއިޚުތިޔާރުގައި ރިޒުވާނަށް ބުނެވުނެވެ.

އަންހެންކުއްޖާ ސިއްސައިގެނެއް ނުދިޔައެވެ. ފަހަތުގައި މީހަކު ހުރިކަން އޭނައަށް އެނގެއެވެ. ތިންވަނަ ލޮލެއް ބޭނުންކުރާހެން ރިޒުވާނަށް ހީވިއެވެ.

"ސިއްރުން ވާހަކަ އަޑުއެހުމަކީ ކޮންކަހަލަ ކަމެއް؟" ތަމަޅަބަހުން އަންހެންކުއްޖާ ސުވާލުކުރިއެވެ.

"އެހުން މަނާ ހިސާބަކު ނޫން މިހިރީ،" ރިޒުވާން ޖަވާބުދިނެވެ. "ކޮން ނަމެއް ކިޔަނީ؟ މި ކޮޅަށް އެނބުރިލަބަލަ!"

"ބިރުގެންފިއްޔާޔޯ؟" އެނބުރުމުގެ ބަދަލުގައި އޭނަ ދެން ވެސް ކުރީ ސުވާލެކެވެ. "މިހާ ހިސާބަށް އަންނަން ތި ކުރި ދަތުރު ބޭކާރުވީނު."

"ވަރިހަމަ ސިކުންތަކަށް ވިޔަސް." ރިޒުވާން އެދުނެވެ.

އަންހެންކުއްޖާ އެނބުރިލިއެވެ. އޭނަގެ ދެ ލޮލުގެ ކަޅި ހުރީ ހުދުކުލައިގައެވެ. އެ ނޫން އެއްވެސް އައިބެއް ނެތެވެ. ރިޒުވާނަށް ކުރެވުނު ޝައްކު ޔަގީނަށް ބަދަލުވިއެވެ. އޭނަ ތަންތަން ބަލަނީ ލޯ ބޭނުންކޮށްގެނެއް ނޫނެވެ. ފެނުމުގެ ޙިއްސު އޭނައަށް ދެއްވާފައިވަނީ އެހެން ގުނަވަނަކުންނެވެ.

"އަހަރެން ފެނޭތަ؟" ގާތަށް ޖެހިލަމުން ރިޒުވާން އެހިއެވެ.

"ހީނުކުރައްޗޭ މަށަކީ ލޯއަނދިރިކުއްޖެކޭ،" އެ ކުއްޖާ ހިނިތުންވެލައިފައި ބުންޏެވެ. "އާންމު އިންސާނުންނަށް ފެންނަ ވަރަށް ވުރެ ދުރު މަށަށް ފެނޭ. އެހެރަ ގޭގެ ބެލްކަނީގަ އިއްޔެ ހުރީމެއްނު."

ރިޒުވާން ހިނިތުންވެލިއެވެ. ކަޅިއަކީ ފެހިކޮށް ހުންނަ އެއްޗެކެވެ. ނޫކޮށް ވެސް ހުންނަ އެއްޗެކެވެ. ހުދުކޮށް ހުރުމަކީ ރިޒުވާނަށް މައްސަލައެއް ނޫނެވެ. ރިޒުވާންގެ ހިތް އެކުގައި އޭނައަށް ހަދިޔާކުރެވުނެވެ. އެ ކަން އެންގުން ފަސްކޮށްލީއެވެ. އެ ކުއްޖާ އިތުރަށް ދަސްކުރަން ބޭނުންވީއެވެ.

ރިޒުވާންގެ ބައްޕަ ބުނި ފަދައިން، ގެއަށް މެހުމާނުން އަންނަން ފެށިއެވެ. އެކި ފެންވަރުގެ އެކި އުމުރުގެ މީހުންނެވެ. ޗުއްޓީހޭދަކުރަން އަންނަ މީހުންނާއި ބަލިމީހުންނެވެ. ފަސް ވަގުތު ނަމާދުކުރާ މީހުންނާއި، ސައުވީސްގަޑިއިރު މަސްތުވެފައި ތިބޭ މީހުންނެވެ. ސިހުރުވެރިން ގެއަށް ގެނެސް އެ ކުޅިވަރު ވެސް ބަޔަކު ފެށިއެވެ. ގިނަ މީހުން ކައިބޮއިހަދަނީ ހޮޓަލުންނެވެ. ބައެއް މީހުން ގޭގައި ވެސް ކައްކައެވެ. މީހުން ގިނަވުމުގެ ސަބަބުން ގެ ބަލަހައްޓަން ރިޒުވާން އިތުރަށް ސަމާލުކަންދިނެވެ.

އޮނުފުމޭކުއްޖާ ފެންނަނީ ފަތިހު އެކަންޏެވެ. އިރު އެރުމަށްފަހު އޭނަ އުޅޭ ތަނެއް ރިޒުވާނަކަށް ނޭނގެއެވެ. ގޭތެރެ ބަލަހައްޓަންޖެހޭ ވަރުން، އެ ކުއްޖާ ހޯދަން އުޅޭނެ ވަގުތެއް ރިޒުވާނަކަށް ނުވެއެވެ. އެހެންނަމަވެސް، އެންމެ ފަތިހެއް ވެސް ރިޒުވާން ގެއްލުވައެއް ނުލައެވެ. ކިތަންމެ ފިންޏަސް، ވިއްސާރަވެހުނަސް ވެހެވެ. އޮނުފުމޭކުއްޖާ އަންނަ ކޮންމެ ދުވަހަކު ވެސް ރިޒުވާން ބައްދަލުކުރެއެވެ.

"މިހާރު ކިހާ ދުވަހެއް އަހަރުމެން މި ތަނުން ދިމާވާތާ،" ވެލިގަނޑުމަތީގައި އިށީނދެލައިގެން އިނދެ ރިޒުވާން ބުންޏެވެ. "އަދިވެސް ނުވޭތަ ނަން ބުނާކަށް؟ ކޮންތާކު އުޅެނީ؟ ފައިވާނަކަށް ނާރަނީ ކީއްވެ؟"

އެ ކުއްޖާ ހޭންފެށިއެވެ. ހިނިތުންވެލާ ވަގުތު އެ ލޮލުގައި ވިދުމެއް އުފެދޭހެން ރިޒުވާނަން ހީވެއެވެ.

"މަގޭ ނަން ވަރަށް ހެއްވާވާނެ،" ކުޑަކޮށް ރަކިވެފައި އޭނަ ބުންޏެވެ. "މަށަށް ކިޔަނީ މުރިތިއުންޖޭ ބާތޮލަމީވް. ކޮންމެހެން އެ ނަން ކިޔަން އުޅޭނެކަމެއް ވެސް ނެތް. މޫރުތީ ކިޔާ. އެންމެން ވެސް ކިޔާނީ އެހެން. މަންމަ ހިންދޫވެފަ ބައްޕަ ކްރިސްޓިއަން ވީމަ މަގޭ ނަން ވެސް ދެ ބަޔަށް ބެހީ. މަށަކީ ކްރިސްޓިއަނެއް. މި މުޅި ހިސާބަކީ މަގޭ ގެ."

މޫރުތީ ހުރިހާ ސުވާލެއްގެ ޖަވާބު ދިނެވެ. ފައިވާނަށް ނާރަނީ ފައިވާނުގެ ބޭނުމެއް އޭނައަށް ނުޖެހޭތީއެވެ. އޭގެ މާނައެއް ރިޒުވާނަކަށް ނުވިސްނުނެވެ. ރިޒުވާންގެ ހިތަށް ބިރުވެރިކަން ގެނެސްދިނީ މޫރުތީގެ ދީނެވެ. ޢާއިލާއަށް ނަޞާރާ ކުއްޖަކު ގެންނަން ބައްޕަ ނުރުހޭނެން ރިޒުވާނަށް ވަރަށް ހީވެއެވެ.

"ހިނގާ މަގޭ ބައްޕަޔާ ބައްދަލުކޮށްލަން،" މޫރުތީ ދަޢުވަތު ދިނެވެ. "އަހަރެން ރައްޓެހި އެންމެން ވެސް ބައްޕަޔާ ރައްޓެހިވާނެ. އެކަމަކު ކުރީބައިގަ މި ބުނަނީ، ބައްޕަ ވަރަށް ވަރަށް ދީންވެރިވާނެ."

"މިހާރު؟" ރިޒުވާން އެހިއެވެ.

މޫރުތީ ޖަވާބެއް ނުދެއެވެ. ހިނިއައިސްފައި ބަލަހައްޓައިގެން ހުރީއެވެ. ގެންދަންއުޅެނީ ކިހާ ހިސާބެއްގައި ހުރި ކޮންކަހަލަ ތަނަކަށް ކަމެއް ރިޒުވާނަކަށް ނޭނގެއެވެ. އެހެންވިޔަސް އެއްބަސްވިއެވެ. ދެ މީހުން އެކުގައި ހިނގައިގަތެވެ. ހުސްފައިގައި ހިނގީ މޫރުތީއެވެ. އެކަމަކު، ހިނގަން ނުފަރިތައީ ރިޒުވާނެވެ. ރިޒުވާނާ ދިމާއަށް މޫރުތީ އިރުއިރުކޮޅާ ބަލައިލައެވެ. ބައެއް ފަހަރު ހިނިތުންވެލައެވެ. މޫނުމައްޗަށް ވެރިވެފައިވާ ނުތަނަވަސްކަން މޫރުތީ ފޮރުވަންއުޅޭ ކަހަލައެވެ. މޫރުތީ ވަނީ، ވީރާނާވެފައިވާ ސަރަޙައްދެއްގައި ހުރި އާދައިގެ ފެންވަރެއްގެ ގެއަކަށެވެ. އެއީ ހެދުނުގެ ވަގުތެވެ. ދެ މީހުން އެކުގައި ގެއަށް ވަންނަން ފައިއެޅުމާއެކު މީހަކު ހަޅޭއްލަވައިގަތެވެ.

"ނުވަދެވޭނެ މި ގެއަކަށް." ނަޞާރާން ވާހަކަދައްކާ އެންމެ މުސްކުޅިބަހުން މީހަކު ބުންޏެވެ.

ގޭތެރެއިން ނުކުތީ މެދުއުމުރުގެ ފިރިހެނެކެވެ. އޭނަ ހުރީ ފާދިރީންގެ ހުދު ހެދުމުގައެވެ. އެ މީހާއާ ދިމާއަށް މޫރުތީ ދުއްވައިގަތެވެ.

"ބައްޕާ ބައްޕާ،" މޫރުތީ ގޮވިއެވެ. "އެއީ މަގޭ ރައްޓެއްސެކޭ."

ފާދިރީ ބަނދިވަރުތަކެއް ކިޔަވަން ފެށިއެވެ. މޫރުތީ ދައްކާ ވާހަކަ އަޑެއްނާހައެވެ. ރިޒުވީން މަޑުމަޑުން ފަހަތަށްޖެހެން ފެށިއެވެ. ފާދިރީގެ އަޑުގަދަ ކުރިއެވެ. އެ ތަނުގައި ހުރި ޅޮސްގަހާ އަރާ ހަމަވެފައި ރިޒުވީން ގެއްލުނެވެ. އެކަމަކު، އިންސާނެއްގެ ބައްޓަމަށް ހުޅުފަޅައިގެންދިޔަ އަލިފާންގަނޑެއް ފެނުނެވެ. ކުޑަ އިރުކޮޅަކުން ދުންކޮޅަކަށް ބަދަލުވެ، ވައިގެތެރެއަށް ފޭދިގެން ދިޔައީއެވެ.

"އިންސާނުންނާ އެކުވެރިކަން ބޭއްވޭނީ އިންސާނުންނަށް،" ފާދިރީ ރުޅިއައިސްފައި ބުންޏެވެ. "ޖިންނީންނަކާ ނޫން. މޫރުތީ ގާތު ކިތައް ފަހަރު ބުނާނީ އިރުއަރާ ވަގުތު މޫދުކައިރީގަ އޮނުފުމެން ނުހުންނާށޭ؟ ވަދޭ ގޭތެރެއަށް."

ގަބޫލުކުރަން ދަތިވެފައި މޫރުތީ ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ފާދިރީ ބަލައިލީ ޖައްވުތެރެއަށެވެ. އެ ޖިންނީގެ ކުނޑިފުކެއް ވެސް ފެންނާކަށް ނެތެވެ. އެއްފަހަރުން އެ ކަން ނިމުނީއެވެ. ދުރުގައި ހުއްޓަސް، ރިޒުވާން މަރުވެއްޖެކަން އުބޭދަށް އިހުސާސް ކުރެވުނެވެ. އެންމެ ދެރަވީ އުބޭދު ދިން ނަސޭހަތުން ދަރިފުޅަށް ފައިދާއެއް ނުކުރީމައެވެ. އުބޭދަށް ކެހިދިނީ އިންސާނެކެވެ. ދަރިފުޅު ވެސް ނިމިދިޔައީ އިންސާނެއްގެ އަވައިގައިޖެހިގެންނެވެ.

ނިމުނީ