30 ނޮވެމްބަރ 2016 - 06:43

ހެނދުނު ހޭލުމާ އެކު ކިނބިހި އެޅޭވަރުން ހަދާނެ ގޮތެއް ނޭނގިގެން އުޅެން ޖެހޭ ހެއްޔެވެ؟ މާ ބޮޑަށް އެކަމާ ހާސް ނުވާށެވެ. އެއީ ވަރަށް ގިނަ ބަޔަކަށް ދިމާވާ ވަރަށް އާދައިގެ ކަމެކެވެ.
މިގޮތަށް ކިނބިހި އެޅެން މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރެ އެވެ.
ހެނދުނު ކިނބިހިއެޅެން ދިމާވާ އެންމެ އާއްމު އެއް މައްސަލައަކީ ޑޮކްޓަރީ ބަހުން ބުނާ ނަމަ އެލާޖިކް ރައިނައިޓިސް އެވެ. މިކަމުގެ ސަބަބުން، ގޭތެރޭގައި އާއްމުކޮށް ހުންނަ ޑަސްޓް މައިޓް، ޖަނަވާރުންގެ ކެހެރި، ފަންގަލް ސްޕޯސް ފަދަ ތަކެއްޗަށް މީހާ މާބޮޑަށް ސެންސިޓިވްވެ އެވެ. ފަހަރެއްގައި މިހެން ދިމާވަނީ ބާލީހަކުން ނުވަތަ އެނދުގައި އޮތް ގޮދަޑި ފަދަ އެއްޗެއްގެ އެލާޖިކް ރިއެކްޝަނަކުން ކަމަށް ވެސް ވެދާނެ އެވެ. ނިދާފައި ތެދުވާ ގަޑީގައި މިފަދަ އަލާމާތްތައް އިތުރުވަނީ ނިދާފައި ގިނައިރުތަކެއް އޮންނައިރު އެލާޖިކް ވާން މެދުވެރިވާ އެއްޗެއްގެ އަސަރު ނޭފަތުގެ އެތެރެއަށް ކޮށްފައި ހުންނާތީ އެވެ.
އެއާ ކަންޑިޝަނުން ނުވަތަ ނިދާ ކޮޓަރީގައި ރަނގަޅަށް ވައި ދައުރުނުވުމުގެ ސަބަބުން ވެސް، ހެނދުނު ހޭލާ ގަޑީގައި ކިނބިހި އެޅެން ފަށާފާނެ އެވެ. ސަބަބަކީ މިފަދަ މާހައުލެއްގައި ގިނަ ވަގުތު ނިދާފައި އޮތުމުން ނޭފަތުގެ އެތެރެ ވެސް ހިކިފައި ހުންނާތީ އެވެ.
ސައިނަސްގެ މައްސަލަތައް ހުންނަ މީހުންނަށް ވެސް ހެނދުނު ހޭލާ ގަޑީގައި ކިނބި އެޅެން ފަށަ އެވެ. ސަބަބަކީ ހޭލެވިގެން އެނދުން ތެދުވުމާ އެކު ނޭފަތުގެ އެތެރެ ފަށަލައަށް އުނދަގޫ ވުމެވެ. އަދި ނޭފަތުން ފެން ފައިބަން ފެށުމެވެ.
ހޭލާ ގަޑީގައި ކޮޓަރި ތެރެއަށް އަވިދީފައި އޮތުމަކީ ވެސް ކިނބިހި އެޅެން މެދުވެރިވާ ސަބަބެކެވެ. މިއަށް ސަން ސްނީޒިން ނުވަތަ ޑޮކްޓަރީ ބަހުން ނަމަ ފޯޓިކް ސްނީޒް ރިފެލްކްސް އޭ ކިޔަ އެވެ. މިކަމުގެ ސަބަބުން ކިނބިހި އެޅެން ފަށައިފި ނަމަ ހުއްޓުވަން ވަރަށް އުނދަގޫވެ އެވެ.
ވާސޯމޯޓޯ ރައިނައިޓިސް ކިޔާ މައްސަލައެއް ހުންނަ މީހުންނަށް ވެސް ހެނދުނު ހޭލާ ވަގުތު ކިނބިހި އެޅެ އެވެ. މިފަދަ މީހުންގެ ނޭފަތުގެ އެތެރޭގެ ފަށަލައިގައި ދުޅަ ހުރެ އެވެ. މިފަދަ މީހުން ނިދާފައި އޮންނަ ވަގުތު ފިނިހޫމިނަށް އަންނަ ބަދަލުން ނުވަތަ ހަށިގަނޑުގެ ދިފާއީ ހަރަކާތްތަކަށް އަންނަ ބަދަލަކުން ކިނބިހި އެޅެން ފަށަ އެވެ.