ރޮނާލްޑޯ ދޫކޮށްލުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ޔުވެންޓަސް ބަލިވެއްޖެ
ރޮނާލްޑޯ ދޫކޮށްލުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ޔުވެންޓަސް ބަލިވެއްޖެ

ޓިއުރިން (އޮގަސްޓް 29) - ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި އެމްޕޮލީ އަތުން 1-0 އިން ޔުވެންޓަސް ބަލި ވެއްޖެ އެވެ.

ޔުވެންޓަސްގައި ތިން ސީޒަން ހޭދަކުރި ރޮނާލްޑޯ، އެ ކްލަބު ދޫކޮށްލީ އެމްޕޮލީގެ މެޗަށް ތައްޔާރުވެފައި ވަނިކޮށެވެ. އޭނާގެ ޓްރާންސްފާ މިދިޔަ ހުކުރު ދުވަހު ހަމަޖެހުމުގެ ކުރިން ވެސް ޔުވެންޓަސްގެ ކޯޗް މަސިމިލިއާނޯ އެލެގްރީ ނިންމައިގެން ހުރީ އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗުން ރޮނާލްޑޯ އަށް ފުރުސަތު ނުދިނުމަށެވެ. އެއީ އޭނާ އަށް ކްލަބު ބަދަލު ކުރަން ފަސޭހަކޮށް ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ. ޔުވެންޓަސް އިން ވަނީ ގާތްގަނޑަކަށް 23 މިލިއަން ޑޮލަރަށް، މެންޗެސްޓާ ޔުނައިޓެޑަށް ރޮނާލްޑޯ ވިއްކާލައިފަ އެވެ.

އަމިއްލަ ދަނޑުގައި ޔުވެންޓަސް ކުޅުނު މެޗުގައި ލަނޑު ޖަހާނެ އެންމެ ފުރަތަމަ ފުރުސަތު ލިބުނީ އެ ޓީމުގެ ފެޑްރީކޯ ކިއޭޒާ އަށެވެ. އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބޯޅަ އޮމްޕޮލީގެ ކީޕަރު ވިކާރިއޯ ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.

މެޗުގެ 21 ވަނަ މިނެޓްގައި އެމްޕޯލީގެ ލަނޑު ޖެހީ ލިއޮނާޑޯ މަންކޫސޯ އެވެ. ދެ ވަނަ ހާފުގައި ޔުވެންޓަސްގެ ކޯޗު އެލެގްރީ ވަނީ އަލްވާރޯ މޮރާޓާ، ޑެޔާން ކުލުސެވްސްކީ އަދި އަލަށް ސޮއިކުރި މެނުއެލް ލޮކަޓެލީ އަށް ފުރުސަތު ދީފަ އެވެ. ނަމަވެސް ގެނައި ބަދަލުތަކުން ވެސް ޔުވެންޓަސް އަށް އުފެއްދުނީ މަދު ފުރުސަތުތަކެކެވެ.

ޗީރޯ އިމްމޯބިލޭގެ ހެޓްރިކާ އެކު ލާޒިއޯ އިން ވަނީ 6-1 އިން ސްޕެޒިއާ ބަލިކޮށްފަ އެވެ. މެޗުގައި ލިޑު ނެގީ ސްޕެޒިއާ އިންނެވެ. މެޗު ފެށިގެން ހަތަރު ވަނަ މިނެޓުގައި އެ ޓީމުގެ ލަނޑު ޖެހީ ޑެނިިއަލޭ ވާޑޭ އެވެ. ލީޑު ނަގައިގެން މިނެޓެއްހާއިރު ވެސް ސްޕެޒިއާ ހަމަޖެހި ނުލެވުނެވެ. އިމްމޯބިލޭ ވަނީ މެޗުގެ ފަސް ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭގެ 10 މިނެޓް ފަހުން އިމްމޯބިލޭ ވަނީ ލާޒިއޯ އަށް ލީޑު ނގައިދީފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރުތަމަ މިނެޓްގައި ލާޒިއޯ އަށް ޕެނަލްޓީއެއް ލިބުނެވެ. އިމޯބިލޭ ފޮނުވާލި ޕެނަލްޓީ ސްޕެޒިއާގެ ކީޕަރު ޔޫރޯއިން ޒޫޓް ދިފާއު ކުރުމުން ބޯޅަ ބޭރުވީ ކޯނަރަކަށެވެ. އެ ކޯނަރުން ތަނަވަސް ވި ފުރުސަތުން އިމޯބިލޭ ވަނީ ހެޓްރިކު ހަދައިފަ އެވެ. ލާޒިއޯގެ އަނެއް ތިން ލަނޑު ޖެހީ ފެލިޕޭ އެންޑަސަން، އެލްސިއޭޑް ހިސާޖް އަދި ލުއިސް އަލްބާޓޯ އެވެ. ސްޕެޒިއާގެ ލަނޑު ކާމިޔާބު ކުރީ ޑެނިިއަލޭ ވާޑޭ އެވެ.