ކޮވިޑް ފެނިގެން ބަންދުކުރި ރަށްތައް އަނެއްކާ ވެސް އިތުރުވާން ފަށައިފި
ކޮވިޑް ފެނިގެން ބަންދުކުރި ރަށްތައް އަނެއްކާ ވެސް އިތުރުވާން ފަށައިފި

ކޮވިޑް-19 އާ ހެދި ބަންދުކުރަން ޖެހުނު ރަށްތަކުގެ އަދަދު އަނެއްކާ ވެސް އިތުރުވެ، 25 އަށް އަރައިފި އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށްޓަކައި އިއްޔެ ހެނދުނު 8:00 އާ ހަމައަށް 17 ރަށެއް ބަންދުކޮށްފައި ވީ ނަމަވެސް، ރޭގެ 8:30 ވިއިރު އެ އަދަދު ވަނީ 25 އަށް އަރައިފަ އެވެ.

ކޮވިޑް ފެނިގެން އިއްޔެ އެކަނިވެސް ނުވަ ރަށެއް ބަންދުކުރިއިރު، އޭގެ ތެރޭގައި ހިމެނެނީ އދ. މަހިބަދޫ، ވ. ތިނަދޫ، ށ. ކަނޑިތީމު، މ. ވޭވަށް އަދި އައްޑޫ ހިތަދޫ އާއި މަރަދޫ އަދި މަރަދޫ ފޭދޫ އާއި ފޭދޫ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތައް ރެއިން ފެށިގެން ބަންދުކޮށް، މި ރެއިން ފެށިގެން ކޮންމެ ރެއެއްގެ 9 އިން ފަތިހު 4 އަށް ކާފިއު އިއުލާން ކުރީ އެ ރަށްތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާން ފެށުމުންނެވެ. އައްޑޫގެ މޮނިޓަރިން އުވައިލީ މިދިޔަ ޖުލައި 19 ގަ އެވެ. އޭރު ވެސް އައްޑޫގެ އެކި ރަށްރަށުން މަދުމަދުން ކޭސްތައް ފެންނަމުންދިޔަ އެވެ. އެކަމަކު ފިޔަވަޅުތައް އުވާލައި މުޅި ރަށް އޮތީ ދޫދިފަ އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ މޮނިޓަރިންގެ ލިސްޓުގައިވާ ގޮތުން ބަންދުކުރިތާ އެންމެ ގިނަ ދުވަސްވީ ރަށަކަށް އޮތީ ރ. ދުވާފަރެވެ. އެކަމަކު އެ ރަށުގައި ބަލި އޮތްވަރު ބެލުމަށާއި ރަށް އާންމު ހާލަތަށް ގެނައުމަށް ރެންްޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދެ އެވެ.

އެޗްޕީއޭ އިން ކޮންމެ ރެއަކު އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް ކޮވިޑްގެ ކޭސްތައް މާލެ ސަރަހައްދަށް ވުރެ ގިނައީ އެހެން ރަށްރަށުގެ އެވެ. މާލެ އިން އިއްޔެ ވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 27 ގައި އުޅޭއިރު ރަށްރަށުން ބަލި ޖެހުނު މީހުންގެ އަދަދު 96 އަށް އަރަ އެވެ.