ސުނިލް ޝެޓީގެ ދަރިފުޅު އަހާން ވެސް ފިލްމު ކުޅެން ފަށަނީ
ސުނިލް ޝެޓީގެ ދަރިފުޅު އަހާން ވެސް ފިލްމު ކުޅެން ފަށަނީ

ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ވެސް ފިލްމީ ދުނިޔެއަށް ވަނުމަށް ދަނީ ތައްޔާރު ވަމުންނެވެ. އަހާންގެ ފުރަތަމަ ފިލްމަކީ ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ފިލްމު ކުޅެން ފެށުމުގެ ގޮތުން ޚާއްސަ ތަމްރީނުތަކެއް މިހާރު އަހާން ދަނީ ލަންޑަންގައި ފުރިހަމަކުރަމުންނެވެ. ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ގަބޫލުކުރަނީ އަހާން ތަރިއަކަށް ވުމުގެ މަގުމަތީގައިވާ ކަމަށެވެ.

ދަރިފުޅު ފިލްމު ކުޅެން ފަށާތީ ސުނިލް ޝެޓީ ހުރީ ވަރަށް އުފަލުންނެވެ. ސުނިލް ކުރި ޓުވީޓެއްގައި "ފިލްމުތަކުގެ ރީތި ދުނިޔެއަށް" ދަރިފުޅަށް މަރުހަބާ ކިޔާފައިވެ އެވެ. އަދި ހިތްތިރިކަމާ އެކު ހުރުމަށް ނަސޭހަތް ދީފައިވެ އެވެ. އަދި ދަރިފުޅާ އެކު އަބަދުވެސް ބައްޕަ ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

ސަލްމާން ޚާންގެ ނަން ސުނިލްގެ ޓުވީޓްގައި ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްފައިވެ އެވެ. އަހާން އަށް ހިތްވަރުދީ ފިލްމު އިންޑަސްޓްރީއަށް ނެރުމަށް ސަލްމާން ކުރި މަސައްކަތަށް ސުނިލް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އަހާން، 20، ފިލްމު ކުޅެން ފަށާތީ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް ވެސް އެކަމާ އުފާ ފާޅުކޮށް އަހާންގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއާކުރި އެވެ.

އަހާން އަކީ އޭނާގެ ބައްޕައާ ޚިލާފަށް ރީތިހަށިގަނޑަކާއި ދިގު އިސްކޮޅެއް ލިބިފައިވާ ވަރަށް ރީތި ޒުވާނެކެވެ. އަހާންގެ ދައްތަ އަތިޔާ ޝެޓީ ވެސް މިހާރު ވަނީ ފިލްމު ކުޅެން ފަށައިފަ އެވެ. އަތިޔާގެ ފުރަތަމަ ފިލްމަކީ ސޫރަޖް ޕަންޗޯލީއާ އެކު އޭނާ ކުޅުނު "ހީރޯ" އެވެ. އަދި މިހާރު އޭނާ ދަނީ އަނިލް ކަޕޫރާއި އަރްޖުން ކަޕޫރާއެކު "މުބާރަކާ" ކިޔާ ފިލްމެއް ކުޅެމުންނެވެ.