29 އޯގަސްޓް 2021 - 11:57

ޑިސެމްބަރު 2019 އިން ފެށިގެން ރ. މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރި ކަމުގެ ދައުވާ އުފުލާފައިވާ ބައެއް މީހުންގެ މައްސަލައިގައި ހުށަހަޅާފައިވާ ބައެއް ހެކި ސިއްރުކުރަން ދައުލަތުން އެދިއްޖެ އެވެ.
މަޑުއްވަރީގައި ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރި އެވެ. ފުލުހުން އޭރު ބުނެފައި ވަނީ އެ މީހުންނަކީ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް، ހަރުކަށި ފިކުރު ފަތުރައި، ވަކިވެގަނެގެން ދިރިއުޅޭ، ދަރިން ވެކްސިން ޖެހުމާ ވެސް ދެކޮޅު ބައެއް ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން 18 އަހަރު ނުފުރޭ ކުދިންނާ "ކައިވެނި" ކުރި ކަމުގެ ތުހުމަތު ވެސް ކުރެވުނެވެ.
އެ މައްސަލައިގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި މަޑުއްވަރީ، ގުލްއަލާގެ، އިބްރާހިމް ޖިހާދާއި މަޑުއްވަރީ، މީރާ، ހަސަން ރާޒީ އާއި މަޑުއްވަރީ، މީޒާން، ހަސަން ސިޔާދާއި، މަޑުއްވަރީ، މީޒާން، އާދަމް ސުހެއިލާއި މަޑުއްވަރީ، ސައީދާމަންޒިލް، މުހައްމަދު މައުޖޫދާއި ނ. މަނަދޫ، ގަހާ، އިބްރާހިމް ޝިބުނީ ހިމެނެ އެވެ.
ޖިހާދު، ރާޒީ، ސިޔާދު، ސުހެއިލް އަދި ޝިބުނީގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާކޮށްފަ އެވެ. އެ ދައުވާގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ ޖިހާދާއި ރާޒީ މައުޖޫދު އަދި ސުހެއިލްގެ މައްޗަށް ކުރި އެވެ. އަދި އޮރިޔާންކާޑު އުފައްދައި ގެންގުޅުމުގެ ދައުވާ ރާޒީގެ މައްޗަށް ވެސް ކުރި އެވެ.
އެ މީހުންގެ ތެރެއިން މައުޖޫދު ފިޔަވައި އެެހެން އެންމެންގެ މައްސަލަ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އެވެ. މިއަދު އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅައި އެއާ ބެހޭގޮތުން ވާހަކަ ދެއްކުމުވެ.
ދައުލަތުގެ ހުށަހެޅުންތަކެއްގެ ގޮތުގައި ވަނީ ދައުލަތުގެ ހަތް ފަރާތެއްގެ ހެކިބަސް ސިއްރުން ނަގައިދިނުމުގެ އިތުރުން ބައެއް ލިޔުންތައް ވެސް ސިއްރު ކުރަން އެދިފަ އެވެ. އެ ހެކިތައް ސިއްރުނުކޮށްފި ނަމަ ބައެއް ފަރާތްތަކަށް ޖިސްމާނީ އަދި އިގްތިސާދީ ގެއްލުންވެދާނެ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ. ސިއްރު ކުރަން އެދުނު ލިޔުންތަކުގެ ތެރޭގައި ދައުލަތުން ހުށަހަޅާ އެކި އެނަލިސިސް ރިޕޯޓުތަކާއި ރާޒީގެ އަންހެން ދަރިފުޅު ދައްކާފައިވާ ވާހަކަތައް ހިމެނޭ ރިޕޯޓެއް ހިމެނެ އެެވެ.
ނަމަވެސް ދިފާއީ ވަކީލުން އެދިފައި ވަނީ ހުރިހާ ލިޔުންތަކެއް ވެސް ހާމަކޮށްގެން ކުރިއަށް ގެންދިޔުމަށެވެ. ފުރިހަމަ އަށް ދިފާއުވުމަށް އެ ލިޔުންތައް އެނގުން މުހިންމު ކަމަށް އެ ވަކީލުން ވިދާޅުވި އެވެ.
ދިފާއީ ވަކީލުން ވަނީ އެ މީހުންގެ މުވައްކިލުންނާ ނުގުޅޭ ކަމަށް ބުނާ ހެކިތައް އެ މީހުންގެ މައްސަލައިން އުނިކުރަން އެދިފަ އެވެ. ނަމަވެސް، ދައުލަތުން ބުނެފައި ވަނީ އެ މީހުންނަކީ އެއް ސެލްއެއްގެ ގޮތުގައި އޮޕަރޭޓު ކުރި ބައެއް ކަމަށެވެ. އެހެންވެ އެކެއްގެ މައްޗަށް ހުށަހަޅާފައިވާ ހެކިތަކެއް އެހެން މީހުންނާ ވެސް ގުޅޭ ކަމަށް ވިދާޅުވި އެވެ.
އޮރިޔާންކާޑުގެ މައްސަލައިގައި ދައުވާ ރާޒީ އަށް އޭނާ އުފުލީ ހައްޔަރު ކުރިތާ 30 ދުވަހަށް ވުރެ އިތުރުވި ފަހުން ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ. އަދި މައްސަލައަކީ ކުޑަ މައްސަލައެއް ކަމުން ތަހުގީގުގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް، ދައުލަތުން ބުނި ގޮތުގައި މި މައްސަލައިގައި ޓެރަރިޒަމްގެ ތުހުމަތުގައި އެ މީހުން ހައްޔަރުކޮށް، ތަހުގީގުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
އަޑުއެހުން ނިންމާލުމުގެ ކުރިން މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު ވިދާޅުވީ، ދެން އަޑުއެހުމެއް ބާއްވާނީ ސެޕްޓެމްބަރު 12 ވަނަ ދުވަހު ކަމަށާއި އެ އަޑުއެހުމުގައި ހުށަހެޅުންތަކާ ބެހޭގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ.
ދައުލަތުން ބުނާ ގޮތުގައި މި މީހުންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް އަށް ތާއީދު ކުރާ ހަރުކަށި ފިކުރުގެ ބައެކެވެ. އަދި އެ މީހުންނަކީ ރިޒޯޓުތައް ގޮއްވައި ޓޫރިސްޓުން މަރަންވާނެ ކަމަށް ގަބޫލު ކުރާ އަދި އެހެން މީހުންގެ މުދަލަކީ ޣަނީމާ މުދަލުގެ ގޮތުގައި ގަބޫލު ކުރާ ބައެއް ކަމަށް ވެސް ދައުލަތުން ބުނެ އެވެ.
މަޑުއްވަރީ އޮޕަރޭޝަނުގައި އިތުރު މީހުން ފުލުހުން ހައްޔަރު ކުރި އިރު ބައެއް މީހުންނަށް ޓެރަރިޒަމްގެ ދައުވާ އަދި މީހުންނަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާތައް ވެސް އުފުލާފައިވެ އެވެ.