29 އޯގަސްޓް 2021 - 08:14

ބުދަ ދުވަހާ ގުޅޭ
"ކިހިނެއްވީ؟" ނަޖާތު ސުވާލުކުރިއެވެ.
މުންސިރު ވާހަކައެއް ނުދެއްކިއެވެ. ބަލަހައްޓައިގެން ހުރީއެވެ. މުންސިރު ހުރީ، ބުނަން އައި ވާހަކަ ބުނާނެ ގޮތެއް ނުވަތަ އެ ވާހަކަ ފަށާނެ ގޮތެއް ނޭނގިފައެވެ. ކޮޓަރި ތެރެއަށް ވަންނަމުން މުންސިރު އަތުގައި އޮތް ފޯނު ދައްކައިލިއެވެ. ނަޖާތު ކުޑަކޮށް ހައިރާންވެފައި ހުރެގެން ފޯނުގައި ހިފިއެވެ. ބަލައިލިއެވެ. ފޯނުން ފެންނަން އޮތް ނޫހުގެ ސުރުހީ ފެނިފައި ނަޖާތަށް ފުންމައިގެން ތެދުވެވުނެވެ.
"ރިޝްވަތުގެ ގޮތުގައި ނަޖާތަށް ތިން މިލިޔަން ރުފިޔާ؟" ނޫހުގެ ފަލަ ސުރުހީގައި އޮތީ އެހެންނެވެ.
ނޫހުގައި އެ ޚަބަރު ޖަހައިފައިވަނީ ތޭރަ މިނެޓު ކުރިންނެވެ. ސުރުހީގެ ތިރީގައި އޮތީ ތިން ފޮޅުވަތެވެ. ދެން ޖަހައިފައި އޮތީ ތަފުސީލު އަންނަނީ ކަމުގައެވެ.
"އަހަރެން ކޮން އިރަކު ރިޝްވަތު ހިފީ؟" ނަޖާތު އެހިއެވެ.
"އަހަރެން ވެސް ހަމަ ތި ސުވާލުކުރަން މި އުޅެނީ،" މުންސިރު ބުންޏެވެ. "އަޅެ ނޫހުގަ ޚަބަރެއް ޖެހުމުގެ ކުރިން ގުޅާލަން ޖެހޭނެ ދޯ! ތެދެއް ދޮގެއް ނުބަލާ މީހެއްގެ އަބުރު ކަތިލާކަށް ނުވާނެ. ނަޖާތަށް ތިން މިލިޔަން ރުފިޔާ އެއީ ކޯޗެއް؟"
ބުނާނެ އެއްޗެއް ނަޖާތަކަށް ނޭނގުނެވެ. ހިތަށްއެރިއެވެ. އެއީ ކޮން ބަޔެއްގެ ރޭވުމެއް ހެއްޔެވެ؟ ނަޖާތުގެ އަގުވައްޓައިލަން ބޭނުންވާނީ ކާކު ހެއްޔެވެ؟ އިދިކޮޅު ޕާޓީން ހެއްޔެވެ؟ ހަރުކަށި ފިކުރުގެ މީހުން ހެއްޔެވެ؟ ނުވަތަ އެއީ ނަޖާތުގެ އަމިއްލަ ޕާޓީ ތެރެއިން ފެޅި ހުޅުގަނޑެއް ހެއްޔެވެ؟ ވިސްނަން ހުއްޓައި ނަޖާތުގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ކޯލަކަށް ފަހު ކޯލެކެވެ. މެސެޖަކަށް ފަހު މެސެޖެކެވެ. އެންމެން ވެސް އެއް ސުވާލެއް ކުރިއެވެ. އެއީ ކާކު ކުރި ކަމެއް ހެއްޔެވެ؟
ހިކި ދަރު ފުންޏެއްގައި އަލިފާންޖެހުމުން ހުޅުގަނޑު ފެތުރިގެން ދާހެން ނަޖާތުގެ ޚަބަރު ރަށުތެރެއަށް ފެތުރިގެންދިޔައެވެ. ޓުވިޓަރަށް އާ ހޭޝްޓެގެއް އުފަންވިއެވެ. #ކޮރަޕްޓުނަޖާތު އެވެ. ނަޖާތު ރަނގަޅަށް ދަންނަ އެކަކު ވެސް އެ ވާހަކަ ގަބޫލެއް ނުކުރިއެވެ. ނުދަންނަ މީހުން ބެހުނީ ތިން ބަޔަކަށެވެ. އެއްބަޔަކު ދުށީ އެއީ ވެދާނެކަމެއް ކަމަށެވެ. އަނެއް ބަޔަކު ގަބޫލެއް ނުކުރިއެވެ. ބާކީ ތިބި މީހުންނަކަށް ގޮތެއް ނުނިންމުނެވެ. އެއީ މަދު އަދަދެއްގެ މީހުންނެވެ.
ނޫހަށް އިތުރު ތަފުސީލު އަންނަން ފެށިއެވެ. ހާދިސާ ހިނގައިފައިވާނީ ރިސޯޓެއްގެ ކޮޓަރިއެއްގައެވެ. އެ ފައިސާއަކީ، ނަޖާތު ވަޒީރަކަށް ހުރި ވުޒާރާއިން މާލޭގައި އަޅާ ބޮޑު އިމާރާތެއް "ސްޓްރޯންގް ސޭފް ހޯމް" ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރާ މަތިން ނަޖާތަށް ލިބުނު ހަދިޔާއެކެވެ. އެސްއެސްއެޗަކީ އެހެން ވަޒީރެއްގެ ކުންފުންޏެކެވެ. މައްސަލަ އެ ހިސާބަކުން ވެސް ނުނިމެއެވެ. އިމާރާތަށް ހަރަދުވާނެ ކަމަށް ބުނާ ފަންސަވީސް މިލިޔަން ރުފިޔާ އެސްއެސްއެޗާ ހަވާލުކުރީ އިމާރާތަށް ބޭނުންވާ ސާމާނުގެ ފެންވަރާއި، މިންވަރާއި، އިމާރާތުގެ ކުރެހުން ވެސް ހުށަނާޅަނީހެވެ. އެއީ ކަޅު ތެދެކެވެ. ނުވަތަ ކޮންމެވެސް މިންވަރަކަށް ތެދު އެކުލެވޭ ދޮގެކެވެ.
ނަޖާތުގެ ވުޒާރާއިން މާލޭގައި އިމާރާތެއް އެބަ އަޅައެވެ. އިމާރާތް ހަވާލުކުރީ އެސްއެސްއެޗަށެވެ. އެއްބަސްވުމުގައި ސޮއި ކުރި ވަގުތު، ތަނަށް ބޭނުންވާ ސާމާނުގެ ފެންވަރާއި، މިންވަރާއި، ތަނުގެ ކުރެހުން ހަވާލެއް ނުކުރެއެވެ. އެ ހުރިހައި އެއްޗެއް ހަވާލުކުރެވުނީ ތިން ގަޑި އިރު ފަހުންނެވެ. އެއީ އެ ވުޒާރާގެ ބިޑްކޮމެޓީން ނިންމި ނިންމުމެކެވެ. ބިޑްކޮމެޓީން އެ ތަފުސީލުތައް ކުރިން ބަލައިފިއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު އޮތް ވަގުތަށް ޕުރިންޓު ނުނެގުނީއެވެ. އެއް ފަހަރު ފައިލު މައްސަލަޖެހުނީއެވެ. އަނެއް ފަހަރު ޕުރިންޓަރު މައްސަލަ ޖެހުނީއެވެ. ރިޝްވަތުހިފިކަމެއް ނުވަތަ ހިފި ނަމަ ހިފީ ކާކުކަމެއް ވެސް ނަޖާތަކަށް ނޭނގެއެވެ. އެކަމަކު ތިން ރެޔެއް ކުރިން ނަޖާތު ރިސޯޓަކަށް ދިޔައެވެ. ލާންޗަށް އަރާ މަންޒަރު ރިކޯޑުކުރި މީހަކު އެ ވެސް މީސްމީޑިޔާއަށް ދޫކޮށްލައިފިއެވެ. ނަޖާތަށް ދެ ކަމެއް ކަށަވަރެވެ. ކަން ކުރި ބަޔަކު ވަނީ ދުރާލައި ފާރަލައި، ރޭވުންތަކެއް ރާވައި، ގަބޫލުކުރަން ފަސޭހަ ހެކިތަކެއް އެއްކޮށްފައެވެ. ކަން ކޮށްފައިވަނީ ނަޖާތުގެ ކަންކަން ރަނގަޅަށް އެނގޭ މީހެކެވެ. ދުރު މީހެއް ނޫނެވެ.
ސަރުކާރުން ބޭނުންވީ މައްސަލަ ހިންދައިލާށެވެ. އަޑު އޮއްބައިލާށެވެ. ނަޖާތުގެ ރިޝްވަތުގެ މައްސަލައެއް ނޫނެވެ. އެ ކަން ނަޖާތު ނުކުރާނެކަން، މަތި ފަޑީގައި ތިބި އެންމެން ކަހަލަ ގޮތަކަށް ގަބޫލުކުރެއެވެ. ޔަގީނުން ވެސް ބޭރުފުށުން ދައްކަނީ އެ ކަހަލަ މަންޒަރެކެވެ. ފެންމަތިވިޔަ ނުދޭން ބޭނުންވަނީ މުޅީން އެހެން ކަމެކެވެ.
ވެރިކަންކުރާ ޕާޓީގެ ސިއްރު ބައްދުވުމެއް ބޭއްވިއެވެ. ނަޖާތު ބައިވެރިނުކޮށެވެ. އެކަމަކު ބައްދަލުވުން އޮންނަކަމާއި ސަބަބު، ނަޖާތަށް ސިއްރެއް ނުކުރެއެވެ. ޕާޓީއަށް ނަޖާތު މުހިންމެވެ. ބޭކާރު ގޮތެއްގައި ނަޖާތު ރުޅިއަރުވާކަށް ޕާޓީގެ ރައީސް ބޭނުންފުޅެއް ނުވެއެވެ.
"އެއީ އޮޕޯޒިޝަނުން އަނބުރައިގެން އުޅޭ ގޭސްގަނޑެއް،" ރާޝިދު ވަރަށް ފާޅުގައި ބުންޏެވެ. "ނަޖާތުގެ ނުފޫޒު ގަދަވާތީ އިދިކޮޅުން ބިރުގަންނަނީ. އަހަންނަށް ފެންނަނީ އަޅައިވެސް ނުލާ ތިބެން. ކޮން ކަމެއް ކުރެވޭނީ؟"
"ނަގައިގެން އެ އުޅެނީ ދެތިން ކަމެއް،" މެޖޯރިޓީ ލީޑަރު ނުކުތާއެއް ފާހަގަކުރިއެވެ. "އަހަރުމެން އެއަށް ޖަވާބެއް ނުދީ މިހެން ތިބެއްޖެއްޔާ އެހެން ބަޔަކު އެޑްވާންޓޭޖު ނަގާނެ."
"އަޅުގަނޑު ތާއީދު!" އަތް ހިއްލައިލަމުން ހަބީބު ބުންޏެވެ. "ނަޖާތަކީ މުޅި ޕާޓީއެއް ނޫން. މުޅި ޕާޓީއަކީ ނަޖާތެއް ވެސް ނޫން. އަޅުގަނޑުމެން ނުޖެހޭ އެއްވެސް މެންބަރެއްގެ ދަށުވާކަށް. އަޅުގަނޑޭ ކިޔައިގެން އަޑެއްއެރިޔަސް މައްސަލަ ތަހުގީގުކުރަން ޖެހޭނެ. ފިޔަވަޅު ވެސް އަޅަންޖެހޭނެ. ކޮން ކަމަކާތޯ ބިރުގަންނަންވީ؟ ކޮންމެ ޕާޓީއަކުން ވެސް މި ބުނަނީ ތިމަންނަމެންނަކީ ޑިމޮކްރަސީގެ ޗެންޕިޔަނުންނޭ! އަޅުގަނޑުމެން ސާބިތުކޮށްދޭނަން ޗެންޕިޔަނުންނަކީ އަޅުގަނޑުމެންކަން. މައްސަލަ ކޯޓަށް ފޮނުވާ! ޝަރީއަތް ލައިވް ވެސް ކުރަންވީ!"
ރާޝިދު ފުންމައިގެން ތެދުވިއެވެ. ހަބީބާ ދިމާއަށް ހިނގައިގަތެވެ. ޑުރާމާ ކުރިން ރޭވިފައިވާ ގޮތަށް، ނަސީމު ގޮސް ރާޝިދު ހިފޭއްޓިއެވެ. ހަބީބާއި ރާޝިދާ ދެމެދުގައި ފޫޓެއް ވެސް ނެތެވެ.
"ކަލެއަކީ އެއްވެސް ޕާޓީއެއްގަ ހަރުނުލާ މީހެއް. މިހާރު ކަނޑައިލިޔަސް ކަލޭގެ ލޭ ހުންނާނީ ރަތްކުލައިގަ. މި ކުލައެއް ނުހުންނާނެ،" ކައިރީގައި ހުރި ގޮނޑީގައި އަތުން ޖަހައިލައިފައި ރާޝިދު ބުންޏެވެ. "ތި ހީކުރީ މައްސަލަ ކޯޓަށް ފޮނުވަން ނުކެރޭނެކަމަށްތަ؟ މައްސަލަ ކޯޓަށް ވެސް ފޮނުވާނަން. ލައިވް ވެސް ކުރާނަން. ނަޖާތުގެ ކުށެއް ނެތްކަން ސާބިތު ވެސް ކޮށްދޭނަން. ބަލަން ހުރޭ! ކީކޭ ބުނަނީ؟"
އެންމެންނާ މުހާތަބުކޮށްފައި ރާޝިދު އެހެން ބުނުމުން، ފަހަރަކު މީހަކު މަޑުމަޑުން އަތްނަގަމުން ގޮސް އެންމެން ކަހަލަ ގޮތަކަށް އަތް ނެގިއެވެ. ރިޔާސަތުން ވެސް އެ ކަމަށް އެއްބަސްވިއެވެ. ވަރުގަދަ އަގުލަބިއްޔަތަކުން ފާސްވިއެވެ. ކަންތައް ހިނގައިދިޔައީ ރާޝިދު ހީކުރި ގޮތަށް، ރަނުން ރަނަށެވެ.
"ވަޓް؟" ޕާޓީން ނިންމި ގޮތް އެނގުމުން ނަޖާތަށް ބުނެވުނެވެ. "އަހަރެން ރައީސަށް ދަންނަވާނަން. މީ ބޮޑުވަރު. ކުރިން ވެސް އެނގޭ އަހަރެންނާ ޖެލަސްވާ މީހުން ޕާޓީގަ އުޅޭކަން. އެކަމަކު މި ވަރު ވެދާނެކަމަަކަށް ހިޔެއްނުކުރަން."
ނަޖާތު ފޯނުން ރައީސްގެ ނަންބަރު ހޯދަނިކޮށް ފޯނު މަތީގައި މުންސިރު އަތްއެޅިއެވެ.
"ރުޅިއަންނަ މީހުން ހިނިއަންނަ ކަހަލަ ކަންތައް ނުކުރޭ!" މުންސިރު އެދުނެވެ.
"ކޮބާ ތީގެ މާނައަކީ؟" ނަޖާތު ސުވާލުކުރިއެވެ.
"އެ މީހުން ބޭނުންވާނީ ނަޖާތު ރައީސަށް ގުޅާ، ދެފައި ތަޅާފަ ރޯން،" މުންސިރު ވިސްނައިދިނެވެ. "ވިސްނާބަލަ! ތީ މި އަންނަ ދައުރުގެ ވީޕީ. ވައިސް ޕްރެޒިޑެންޓް. ބަލާ ތީ ފުރަތަމަ ޓެސްޓުކަމަށް. ނަޖާތު ޖެހޭނެ އޭ ހޯދަން. ނަޖާތު ޖެހޭނެ ތީ ކިހާ ގަޓު ހުރި މީހެއްކަން ރައީސަށް އެކަންޏެއް ނޫން މުޅި ޕާޓީއަށް ސާބިތުކޮށްދޭން. ކުރިމަތިވާ ކޮންމެ ކަމަކާ ނަޖާތު ފޭސްކުރާނެ. ފައިޓުކުރާނެ. ވިން ވެސް ކުރާނެ. އަހަރެން އަޑުއަހާފަ އޮތް ގޮތުން ތި ޝަރިޔަތް ލައިވްކުރާނެ. ކެންޕޭންކުރަން މިޔަށް ވުރެ ބެސްޓު ގޮތެއް ކޮބާ؟ މި ޝަރިޔަތް ބަލާ ކޮންމެ މީހަކު ޖެހޭނެ ބުނަން އާނ! މީނައަށް ނައިބު ރައީސްކަން ކުރެވިދާނެ."
ނަޖާތު ވިސްނައިލިއެވެ. މުންސިރު އެ ބުނީ ތެދެއްކަން ގަބޫލުކުރެވުނެވެ. ކުށެއް ނުކުރަންޏާ ނަޖާތު ކޮން ބިރެއް ގަންނާކަށް ހެއްޔެވެ؟ އެއްވެސް ކަމެއް ސާބިތެއް ނުކުރެވޭނެއެވެ.
"އަހަންނަށް ޔަގީން ނަޖާތު ގުޅުމުގެ ކުރިން ރައީސް ގުޅުއްވާނެ،" ޔަގީންކަމާ އެކުގައި މުންސިރު ބުންޏެވެ. "އައްސަވަން ވެސް އައްސަވާނެ އެ ގޮތް އޯކޭހޭ؟ ބުނޭ އާނއެކޭ! ބުނޭ.."
އެ ވަގުތު ނަޖާތުގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ފޯނަށް ބަލައިލައިފައި މުންސިރަށް ނަޖާތު ފޯނު ދައްކައިލިއެވެ. ޕްރެޒިޓެންޓް އަރައިފައި އޮތެވެ. މަ ބުނީމެއް ނޫންހޭ އިޝާރާތުން މުންސިރު ބުނެލިއެވެ. ނަޖާތު ފޯނު ނެގިއެވެ. ރައީސް އެއްސެވީ މުންސިރު ބުނި ސުވާލެވެ.
"ބިރުގަންނާނީ ކުށްވެރީން،" ފަހުރުވެރިކަމާ އެކުގައި ނަޖާތު ބުންޏެވެ. "އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން."
"ސާބަސް!" ރައީސް ވިދާޅުވިއެވެ. "ތީ އަހަރެން އުންމީދުކުރި ޖަވާބު."
ފޯނު ބޭއްވުމަށް ފަހު މުންސިރު ގައިގައި ނަޖާތަށް ބައްދައިލެވުނެވެ. ގާތުގައި މުންސިރު ނެތް ނަމަ ނަޖާތަށް ފިނޑިކަމެއް ކުރެވުނީހެވެ. މީހުން ބުނާ އަޑު ނަޖާތު އަހައެވެ. ކާމިޔާބު ކޮންމެ ފިރިހެނެއް ފަހަތުގައި އަންހެނަކު ހުންނާނެއެވެ. ނަޖާތު ހިތަށްއެރިިއެވެ. ކާމިޔާބު ކޮންމެ އަންހެނެއް ފަހަތުގައި ފިރިހެނަކު ވެސް ހުންނާނެއެވެ. ނަޖާތުގެ ތަރި މެދު އުޑުގައި ފިޔަޖަހަމުން ދަނިކޮށް ސިޔާސީ އުދަރެސް، ހަތަރު ފަރާތުން ބައްދައިލި ވަގުތު ދަށް އަލިކޮށްދިނީ މުންސިރެވެ. ލޯބިވާ ފިރިމީހާއެވެ.
ނަޖާތުގެ ކޮރަޕްޝަން މައްސަލަ ޝަރީއަތަށް ފޮނުވާނެކަން ސަރުކާރުން އިއުލާންކުރުމާ އެކުގައި، ނޫސްތަކާއި މީސްމީޑިޔާ ކެކިއަރައިގަތެވެ. ދެ ފުށް ފެންނަ ސަރުކާރުގެ އިންސާފުވެރިކަމަކަށް އެއްބަޔަކު ތައުރީފުކުރި އިރު، އަނެއް ބަޔަކު ބުމައަރުވަން ފެށީ ޝައްކުގެ ނަޒަރަކުން ބަލަމުންނެވެ. ވެރިކަންކުރާ ޕާޓީގެ މައްސަލައެއް އެ ޕާޓީން ބަލާނެ ހެއްޔެވެ؟ އެ ދަނޑިވަޅުގައި، ސަރުކާރުން އެންމެ ފޮރުވަން ބޭނުންވި ސިއްރު، ކޮންމެވެސް މީހަކު ފަޅާއަރުވައިލިއެވެ.
"އެސްއެސްއެޗު ކުންފުނީގައި ރައީސް ތާމިރުގެ ހިއްސާ އޮވޭ!" ނޫހެއްގެ ފަލަ ސުރުހީގައި ބޮޑު އަކުރުން ފަވައިލިއެވެ.
ނުނިމޭ