29 އޯގަސްޓް 2021 - 00:49

ލިވަޕޫލް (އޯގަސްޓް 29) - އެންފީލްޑްގައި ލިވަޕޫލާ ދެކޮޅަށް ޗެލްސީ އަށް ލީޑު ނަގާފައި ވަނިކޮށް އެޓީމަށް ދެއްކި ރަތް ކާޑާއި ލިވަޕޫލަށް ލިބުނު ޕެނަލްޓީން ޗެލްސީގެ ލީޑު ގެއްލި ލިބުނު ދެރަ ބޮޑު ވެއްޖެ އެވެ.

ޗެލްސީގެ ރީސް ޖޭމްސް އަށް ދެއްކި ރަތް ކާޑާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ. ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކުރެވުނީ އޭނާގެ އަތުގައި ބޯޅަ ޖެހިފައި ލިބުނު ޕެނަލްޓީންނެވެ.
ޗެލްސީ އަށް ލީޑު ނަގައިދިން ލަނޑު ކައިިި ހަވަޓްޒް ކާމިޔާބު ކުރީ ރީސް ޖޭމްސް ތަނަވަސް ކޮށްދިން ފުރުސަތުގަ އެވެ. މެޗުގެ 22 ވަނަ މިނެޓުގައި ޗެލްސީ އަށް ލިބުނު ކޯނަރު ޖޭމްސް ނަގައިދިނުމުން ހަވަޓްޒް ވަނީ ބޮލުން ޖަހައި ލިވަޕޫލްގެ ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތާ ހަމައަށް ދިޔައ އިރު ވެސް ޗެލްސީ އޮތީ ލީޑުގަ އެވެ. ލީޑުގައި އޮވެގެން ހާފު ނިމޭނެ ކަމަށް ބެލެވުނަސް ޗެލްސީ އަށް ދެރަ ލިބުނީ، ސެޑިއޯ މާނޭ ފޮނުވާލި ބޯޅަ ގޯލްގެ ރޮނގު މަތީގައި ހުރި ޖޭމްސް އަތުގައި ޖެހުމުންނެވެ. ރެފްރީ އެންތޮނީ ޓޭލާ އަށް މައްސަލަ ބަލަން ޖެހުނީ ވީއޭއާރްގެ އެހީގަ އެވެ.
ވީއޭއާރް މެދުވެރިކޮށް ބެލުމަށް ފަހު ޓޭލާ ވަނީ ޖޭމްސް އަށް ރަތް ކާޑު ދައްކާފަ އެވެ. ރީސް ޖޭމްސް ވަނީ އަތުގައި ޖެހުނަ ނުދިނުމަށް މަސައްކަތް ކޮށްފަ އެވެ. ބޯޅައިގައި އަތުން ޖެހުނީ އޭނާގެ ފަލަމަސްގަނޑުގައި ޖެހިފަ އެވެ. ފުޓްބޯޅައިގެ ބައިނަލްއަގްވާމީ ގަވައިދުގައި ބުނެފައި ވަނީ އިދިކޮޅު ޓީމުގެ ގޯލް ސްކޯރިން ފުރުސަތެއް ހު އްޓުވުމުގެ ގޮތުން އަތުން ޖެހުމަކީ ރަތް ކާޑު ދައްކަން ޖެހޭނެ ކަމެކެވެ.
މެޗުގައި ލިވަޕޫލްގެ ޒުވާން ފޯވަޑް ހާވީ އެލޮއިޓް އަށް މެޗުގެ ހަތަރު މިނެޓްގައި ލަނޑު ޖަހާނެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. ޗެލްސީން ލީޑު ނެގި ފަހުން މޭސަން މައުންޓް އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ.
ދެ ވަނަ ހާފު ޗެލްސީން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް އޭގެ ފައިދާއެއް ލިވަޕޫލަކަށް ނުނެގުނެވެ. ގިނަ އިރު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނަސް ނަތީޖާ ބަދަލު ކޮށްލެވޭނެ ހާލަތެއް ލިވަޕޫލަކަށް ނުހޯދުނެވެ.