29 އޯގަސްޓް 2021 - 10:28

ބަނގްލަދޭޝްގެ އިރުމަތީ ސަރަހައްދެއްގައި އޮތް ކުޅިއެއްގެ ތެރޭގައި ދަތުރުކުރި މުދާ އުފުލާ ބޯޓެއްގައި ޖެހި، ދަތުރުވެރިން އުފުލާ ބޯޓެއް ބަންޑުން ޖަހައިލުމުގެ ސަބަބުން މަދުވެގެން 21 މީހަކު މަރުވެ އެތައް ބަޔަކު ގެއްލިއްޖެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކުޅީގެ އެއް ކޮޅުން ފުރައިގެން އަނެއް ކޮޅަށް ދަތުރުކުރި، މީހުން އުފުލާ ބޯޓުގެ އެއް އަރިމަތީގައި، މުދާ އުފުލާ ބޯޓުގެ ދިރުނބާކޮޅު ޖެހުމާ އެކު، މީހުން އުފުލާ ބޯޓު އަރިއަޅާލައިގެން ގޮސް ބަންޑުން ޖެހުނީ އެވެ. ބަނގްލަދޭޝްގެ އިރުމަތީ އަވަށެއް ކަމަށްވާ ބިޖޯއީނަގަރްގައި އޮންނަ ކުޅީގައި މި ހާދިސާ ހިނގި އިރު، މީހުން އުފުލާ ބޯޓުގައި މަދުވެގެން 60 މީހުން ތިބޭނެ ކަމަށް، ބައެއް މީޑިއާތައް ބުނެ އެވެ.
ނަމަވެސް ފުލުހުން ބުނާ ގޮތުގައި އެ ބޯޓުގައި 100 ވަރަކަށް މީހުން ތިބޭނެ ކަމަށް ހަބަރު ލިބެ އެވެ. މި ހާދިސާ ހިނގުމާ އެކު، މީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މިހާތަނަށް ކުރި މަސައްކަތުން، މަރުވެފައިވާ 21 މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ. އޭގެ ތެރޭގައި ނުވަ އަންހެނަކާއި ހަ ކުޑަކުދިން ވެސް ހިމެނެ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި މަރުވި މީހުންގެ ފުރިހަމަ އަދަދެއް އަދި، ގެއްލިފައިވާ މީހުންގެ ފުރިހަމަ އަދަދެއް ވެސް އަދި ޔަގީނެއް ނުވެ އެވެ. ސަބަބަކީ، ބޯޓުން ދަތުރުކުރި މީހުންގެ ޖުމްލަ އަދަދު އަދިވެސް ސާފުނުވާތީ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންނާއި އަލިފާން ނިއްވާ އިދާރާގެ މީހުންގެ އިތުރުން، އެ އަވަށުގެ ގިނަ އަދަދެއްގެ އާންމުން ނުކުމެގެން، މީހުން ހޯދުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އަދި ޑައިވަރުންގެ ޓީމެއް މިހާރު ކުޅި ތެރެއަށް ފީނައިގެން، އިތުރު މީހުންގެ ހަށިގަނޑުތައް ފެނޭތޯ އަންނަނީ ބަލަމުންނެވެ.
އެ އަވަށުގައި ހުރި ސިއްހީ ހިދުމަތް ދޭ މަރުކަޒުން ބުނި ގޮތުގައި ބަންޑުން ޖަހައިލި ބޯޓުގެ ތެރެއިން ސަލާމަތްކުރި ހަތް މީހަކު އެ މަރުކަޒަށް ގެނެސް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ބަންޑުން ޖަހައިލި ބޯޓުން ސަލާމަތްވި އެކަކު ބުނި ގޮތުގައި އޭނާ ބޯޓުގައި ދަތުރުކުރީ އޭނާގެ ފިރިހެން ދަރިފުޅާއި މައިދައިތަގެ އިތުރުން ޅިޔަނަކާ ވެސް އެކުގަ އެވެ. ބޯޓު ބަންޑުން ޖަހައިލުމާ އެކު އޭނާ ފަތާފައި އެއްގަމަށް އެރި ނަމަވެސް، ދެން ތިބި މީހުންނަށް ވީނުވީއެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
މަންޒަރު ދުށް އެހެން މީހަކު ބުނި ގޮތުގައި، މީހުން ގޮވައިގެން ދަތުރުކުރި ބޯޓުގައި، މުދާ އުފުލާ ދެ ބޯޓެއް ޖެހުނެވެ. ވެލި ބަރުކޮށްގެން ދުއްވާ އެ ދެ ބޯޓުން، މީހުން އުފުލާ ބޯޓުގައި ޖެހުމާ އެކު، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ބޯޓު ބަންޑުން ޖަހައިލި އެވެ.
އޭނާ ބުނި ގޮތުގައި، ކުޅީގެ އައްސޭރިފަށުގައި ބަކަރިތައް ހުއިހައްޕަން އޮއްވައި ބާރުގަދަ އަޑެއް އިވިގެން ބަލައިލިއިރު، ދެ ބޯޓު އޮތީ، މީހުން އުފުލާ ބޯޓުގައި ޖެހިފަ އެވެ. އަދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި، މީހުން އުފުލާ ބޯޓު ބަންޑުންޖެހި އަޑިއަށް ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.
ކޯރުތަކުގަ އާއި ކުޅިތަކުގައި މީހުން ގޮވައިގެން ދަތުރުކުރާ ފެރީ ބޯޓުތައް ބަންޑުން ޖަހައިލުމަކީ، ބަނގްލަދޭޝްގައި ވަރަށް އާންމު ކަމެކެވެ. މި އަހަރު އެޕްރީލް މަހާއި މެއި މަހުގެ ތެރޭގައި ހިނގި އެފަދަ ދެ ހާދިސާއެއްގައި 54 މީހަކު ވަނީ މަރުވެފަ އެވެ.