29 ނޮވެމްބަރ 2016 - 14:45

ސޯލް (ނޮވެމްބަރު 29) - ސިޔާސީ ނިންމުންތައް ނިންމުމުގައި ގާތް ރަހުމަތްތެރިއެއްގެ ނުފޫޒް މާބޮޑަށް ވަދެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ދެކުނު ކޮރެއާގެ ރައީސާ ޕާކް ގެއުން-ހައި އެންމެ ފަހުން އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެން، އެކަމަށް މަގުފަހިވާނެ ގޮތެއް ޕާލަމެންޓުން ހަމަޖައްސައިދިނުމަށް އެކަމަނާ އެެދިވަަޑައިގެންފި އެވެ.

ސަރުކާރުގެ ތެރެއަށް، ސަރުކާރުގައި ވެސް ނުހިމެނޭ މީހެއްގެ ނުފޫޒް ވަދެފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ އިރު ޕާކް އިސްތިއުފާ ދިނުމަށް ގޮވާ މުޒާހަރާތައް ދަނީ ބާއްވަމުންނެވެ. ރައްޔިތުންގެ ބަހަށް އިޖާބަ ދިނުމުގެ ގޮތުން ޕާކް މިހާރު ވަނީ އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، ވެރިކަމުގެ ހުސްކަމެއް ނާންނާނެ ގޮތަށް ޕާލަމެންޓުން ގޮތެއް ހޯދައިދިނުމަށް އެދިވަޑައިގެންފަ އެވެ. ޕާކް މަގާމުން ދުރުކުރުމާ މެދު ގޮތެއް ނިންމުމަށް ޕާލަމެންޓް ހުކުރު ދުވަހު ބައްދަލު ކުރާނެ އެވެ.
އިދިކޮޅު ޕާޓީތަކުން ބުނަނީ އިތުބާރު ނެތްކަމުގެ ވޯޓެއް ޕާލަމެންޓުން ނަގައިގެން ޕާކް ވެރިކަމުން ދުރުކުރުމުގެ ކުރިން ޝަރަފުވެރިކަމާ އެކު އިސްތިއުފާ ދެއްވީޔާ މާބޮޑަށް ރަނގަޅުވާނެ ކަމަށެވެ.
ކުރެވުނު ކަންތަކާ މެދު މީގެ ކުރިން ޕާކް ވަނީ ދެފަހަރަކަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އެކަމަނާ އަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކާ ހެދި "ހިތްފަޅައިގެން" ހިނގައްޖެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން ވިދާޅުވެފައެއް ނުވެ އެވެ.