28 އޯގަސްޓް 2021 - 20:31

މެންޗެސްޓާ (އޯގަސްޓް 28) އިނގިރޭސި މަޝްހޫރު ބޮޑު ކްލަބުތަކުގެ ތެރޭގައި ހިމެނޭ އާސެނަލް އާ ދެކޮޅަށް ވެސް 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.

ޕެޕް ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުން، އިނގިރޭސި ޓީމުތަކާ ދެކޮޅަށް ސިޓީ މިވަރުގެ ތަފާތު ބޮޑު ނަތީޖާއެއް ނެރެފައި ހުރީ އާދައިގެ ޓީމުތައް ކަމަށް މަޝްހޫރުވެފައިވާ ޓީމުތަކާ ދެކޮޅަށެވެ. ސައުތުހެމްޓަން، ނޯވިޗް ސިޓީ، ބާންލީ، ބްރޮއިޓަން ހޯވް އެލްބިއޮން، ނިއުކާސަލް، ވަޓްފޯޑް، ވެސްޓްހަމް ޔުނައިޓެޑް، ކާޑިފް ސިޓީ، ހަޑާސްފީލްޑް ޓައުން، ސްވަންސީ ސިޓީ އަދި ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ސިޓީން ވަނީ 5-0 މޮޅުވެފަ އެވެ. ނުވަތަ ފަސް ލަނޑަށް ވުރެ އިތުރަށް ޖަހައިގެން އޭގެ ތެރެއިން ބައެއް ޓީމުތައް ބަލިކޮށްފައި ވެއެވެ.

މިދިޔަ ހަފުތާގައި ނޯވިޗް ސިޓީއާ ދެކޮޅަށް ވެސް ސިޓީ މެޗު ކާމިޔާބު ކުރީ 5-0 އއއިންނެވެ. މިހަފުތާގައި އާސެނަލް އާ ދެކޮޅަށް އެ ނަތީޖާ ނެރުނު އިރު މިއީ ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުން މަޝްހޫރު ގަދަ ފަސް ޓީމުގެ ތެރޭގައި ހިމެނޭ ޓީމަކާ ދެކޮޅަށް މިވަރުގެ ނަތީޖާއެއް ސިޓީން ނެރުނު ދެ ވަނަ ފަހަރެވެ. ސެޕްޓެމްބަރު 2017 ގައި ސިޓީން ވަނީ ލިވަޕޫލު ވެސް ހަމަ 5-0 ގެ ނަތީޖާ އަކުން ބަލި ކޮށްފަ އެވެ.
ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް އާސެނަލް ވަނީ ބަލިވެފަ އެވެ. މި ނަތީޖާ އާއެކު އާސެނަލް ވަނީ 67 އަހަރު ފަހަތަށް ވެއްޓިފަ އެވެ. ލީގުގެ ފެށުން އާސެނަލް އަށް ގޯސްވުމުން، މިއީ 67 އަހަރު ތެރޭ މިހާ ދަށް ފެށުމަކުން އާސެނަލް ލީގު ފެށި ފުރަތަމަ ފަހަރެވެ. އެ ޓީމު ކޮޅަށް ނުވަ ލަނޑު ވަން އިރު އެންމެ ލަނޑެއް ވެސް ޖެހިފައެއް ނުވެ އެވެ.
މި ސީޒަންގައި ޔޫރަޕްގެ އެންމެ ބޮޑު ހޭދައެއް ކުރި ކްލަބު އަތުން އާސެނަލް ބަލިވުމުން، އިނގިރޭސި މީޑިއާތަކުން އެކަން ސިފަ ކުރީ ފުން އަނދަވަޅަކަށް އާސެނަލް ވެއްޓުން ކަމަށެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅު އާސެނަލްގެ ގްރެނިޓް ޒަކާ އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
މެޗަށް އާޓެޓާ އެކުލަވާލި ފުރަތަމަ 11 އިން ހައިރާން ކުރުވަނިވި ބަދަލެއް ފެނުނެވެ. އާސެނަލް އިން ވިއްކާލަން ތައްޔާރު ވެފައިވާ، ސާޔާދު ކޮލަޝީނިޗް އަށް އާޓެޓާ ވަނީ އޭނާގެ ޓީމުގެ ޑިފެންސުން ފުރުސަތު ދީފަ އެވެ. ނަމަވެސް ގެނައި ބަދަލަކުން ޑިފެންސް މައިތިރއެއް ނުވި އެވެ. ފުރަތަމަ ހާފުގައި އެކނި ވެސް ސިޓީން ތިން ލަނޑު ޖެހި އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ އިލްކައި ގުންޑޮގާން، ފެރަން ޓޯރޭޒް، ގެބްރިއަލް ޖެސޫސް އެވެ. ދެ ވަނަ ހާފުގައި ޖެހި ދެ ލަނޑު ކާމިޔާބު ކުރީ ރޮޑްރީ ހެނާންޑޭޒް އާއި ފެރަން އެވެ.
ސިޓީގެ ފުރަތަމަ މެޗުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 1-0 އިން ބަލިވިޔަސް ދެން ޖެހިޖެހިގެން ކުޅުނު މެޗުތަކުގައި 10 ލަނޑު ޖެހުމުން ފައިދާ ގޯލްގައި އެންމެ ބޮޑު ކުރި އެރުމެއް ހޯދީ ސިޓީ އެވެ. މިވަގުތު އެއް ވަނައިގައި އޮތީ އެ ޓީމެވެ. ގެއްލުން ނުވަ ގޯލް އާއި ޕޮއިންޓެއް ވެސް ނެތި އާސެނަލް އޮތީ ތާވަލުގެ ފުލުގަ އެވެ.