ޕްރޮޖެކްޓުތަކުގެ ބަދަލުގައި ރިސޯޓު ހަދަން ރަށް ދިނުމުގެ ގަވައިދަށް އަމަލުކުރަން ފަށައިފި
ޕްރޮޖެކްޓުތަކުގެ ބަދަލުގައި ރިސޯޓު ހަދަން ރަށް ދިނުމުގެ ގަވައިދަށް އަމަލުކުރަން ފަށައިފި

ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު މަޝްރޫއުތައް ހިންގާ ފަރާތްތަކަށް ކްރޮސް ސަބްސިޑިގެ ގޮތުގައި ރިސޯޓު ތަރައްގީކުރަން ރަށްރަށާއި ބިމާއި ފަޅު ދޫކުރުމުގެ ގަވާއިދެއް އެކުލަވާލައިފި އެވެ.

މި ގަވާއިދުގެ މަގުސަދަކީ ޓޫރިޒަމާ ބެހޭ ގާނޫނުގައި ބުނާ ގޮތަށް، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެ މަތީން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމާއި ފަޅުތައް ދިނުމުގެ އުސޫލުތައް ކަނޑައެޅުމެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކޮށް އަމަލުކުރަން ފެށި ގަވައިދުގައި ބުނެފައިވާ ގޮތުގައި ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށާއި ބިމާއި ފަޅު ލިބޭނެ ޕްރޮޖެކްޓުތައް ރައީސްގެ ގަރާރަކުން ކޮންމެ އަހަރަކު އެއްފަހަރު ގެޒެޓްކުރަން ޖެހެ އެވެ. އަދި ޕްރޮޖެކްޓު ހަވާލުކުރާ ފަރާތުން ބޭނުންވާ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ނެގުމުން އެތަން ކުއްޔަށް ދޭން ނިންމަވާނީ ރައީސް އެވެ.

މި ގަވާއިދުގެ ދަށުން ދޭ ތަންތަނަކީ ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ތަރައްގީ ކުރަން ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ ތަންތަނަށް ވާންޖެހެ އެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ލިސްޓުގައި ނުހިމެނޭ ތަނަކަށް އެދިއްޖެ ނަމަ އެތަނެއް ލިސްޓަށް އިތުރު ކުރުމުގެ ބާރު ވެސް އެ މިނިސްޓްރީއަށް ލިބޭނެ އެވެ.

ކްރޮސް ސަބްސިޑީގެ ދަށުން މީގެ ކުރިން ވެސް ކުންފުނިތަކަށް ޕްރޮޖެކްޓުތައް ހިންގުމުގެ ބަދަލުގައި ރިސޯޓު ތަރައްގީކުރަން ރަށްތައް ވަނީ ދީފަ އެވެ.

މީގެ ކުރިން އެކި ޕްރޮޖެކްތައް ހަވާލުކުރި އެކި ކުންފުނިތަކަށް، އެ ކުންފުނިތަކުގެ ސީއެސްއާރްގެ ދަށުން އެކި ރަށްރަށުގައި އެކި ހިދުމަތްތައް ދިނުން ލާޒިމް ވެސް ކުރި އެވެ. އެގޮތަށް ޝަރުތުކޮށް ރިސޯޓް ހިންގަން ރަށްތައް ދިން ބައެއް ކުންފުނިތަކުން ރިސޯޓް ހިންގަމުން ދިޔަ ނަމަވެސް ޝަރުތުކުރި ހިދުމަތްތަކެއް ނުދެ އެވެ.