މަސްތުވާތަކެތި އެތެރެކުރި ބްރެޒިލް މީހާގެ ބަންދަށް އިތުރު 15 ދުވަސް
މަސްތުވާތަކެތި އެތެރެކުރި ބްރެޒިލް މީހާގެ ބަންދަށް އިތުރު 15 ދުވަސް

މިދިޔަ ބުދަ ދުވަހު 16 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި ބްރެޒިލްގެ މީހާގެ ބަންދަށް އިތުރު 15 ދުވަސް ކޯޓުން ދީފި އެވެ.

އުމުރުން 29 އަހަރުގެ އެ އަންހެން މީހާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން ޑްރަގްސް ފެނުނު ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. މިއީ، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ބްރެޒިލްގެ އަންހެނަކު މި މަހުގެ ތެރޭގައި އަތުލައިގަތް ދެވަނަ ފަހަރެވެ.

ފުލުހުން ބުނި ގޮތުގައި މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އަންނަ މަހު 13 އާ ހަމަ އަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ދީފަ އެވެ.

ކަސްޓަމްސް ބުނެފައި ވަނީ އެ އަންހެން މީހާ އެތެރެކުރި ތަކެތި ޓެސްޓު ކުރުމުން ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ މީހާގެ އަތުން ޖުމްލަ 16.72 ކިލޯގެ ކޮކެއިން އަތުލައިގެންފައިވާ ކަމަށާއި، އެ ތަކެތީގެ މަގުމަތީ އަގު 83 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ބުންޏެވެ.

ބްރެޒިލުން އައި އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މި މަހު 13ގައި ވެސް ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ. އޭނާގެ އަތުން 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ފެނިފައިވެ އެވެ.