30 ނޮވެމްބަރ 2016 - 06:36

އާމިރު ޚާންގެ "ޑަންގަލް"ގެ ޓްރެއިލާ ދައްކަން ފެށުމާ އެކު ގިނަ ބަޔެއްގެ ތަރުހީބު ލިބުނެވެ. އާމިރަކީ ބޮލީވުޑްގައި ހުރި އެންމެ ފުރިހަމަ އެކްޓަރުކަމުގައި ބުނަނީ ހަމަ ރަނގަޅަށް ކަމަށް އަނެއްކާ ވެސް ގިނަ ބަޔަކު ގަބޫލު ކުރި އެވެ.
ރެސްލިންތަޅާ މީހެއްކަމަށްވާ މަހާވީރު ސިންގް ޕޯގަޓްގެ ހަޔާތުގެ މައްޗަށް ކުޅޭ މި ފިލްމުގައި އާމިރު ކުޅެނީ މަހާވީރުގެ ރޯލެވެ. ފިލްމުގައި ދައްކަނީ މަހާވީރު އޭނާގެ އަންހެން ދެ ދަރިންނަކީ ރެސްލިން ޗެމްޕިއަނުންނަށް ހެދުމަށް ކުރާ ބުރަ މަސައްކަތާއި އޭނާ އެކަން ކާމިޔާބުކުރާ ގޮތެވެ.
މަހާވީރުގެ ސިފަ ޖެހެން އާމިރު ނުކުރާ އެއްވެސް ކަމެއް ނެތެވެ. ފިލްމުގެ ޓްރެއިލާ ބަލައިލުމުން ވެސް އާމިރު ކޮށްފައިވާ ބުރަ މަސައްކަތް އެނގޭނެ އެވެ.
"މޭކިން އޮފް ޑަންގަލް" ހޯމަ ދުވަހު ރިލީޒް ކޮށްފައި ވާއިރު ފަސް މިނިޓްގެ އެ ވީޑިއޯއިން ފެނިގެން ދަނީ އާމިރު ޚާން ފަލަވުމަށާއި އަދި އޭގެ ފަހުން ހިކުމަށް ކުރި މަސައްކަތްތަކާއި އޭނާއަށް އުފުލަންޖެހުނު ތަކުލީފުތަކެވެ.
އެ ވީޑިއޯގައި ވާހަކަ ދައްކަމުން އާމިރު އެއްބަސްވެފައިވާ ގޮތުގައި މަހާވީރުގެ ކެރެކްޓާއަށް އޭނާއަށް ފިޓުވެވިދާނެކަމާ މެދު އާމިރަށް ވެސް ޝައްކުވި އެވެ.
މި ރޯލަށްޓަކައި އާމިރުގެ ބަރުދަން 97 ކިލޯއަށް އިތުރުކުރި އެވެ. އަދި މަހާވީރުގެ ޒުވާން ދުވަސްވަރުގެ ބައި ޝޫޓްކުރަންވާއިރަށް 30 ކިލޯ ލުއިކުރަން ވެސް ޖެހުނެވެ. މިއީ ކިތަންމެ ގޮންޖެހުންބޮޑު ކަމަކަށް ވިޔަސް އާމިރު މިކަމާ ކުރިމަތިލައި ވަރަށް ފުރިހަމައަށް އެކަން ކާމިޔާބުވެސް ކުރި އެވެ.
"ޑަންގަލް މޭކިން" ގައި އާމިރު ފާހަގަކުރި ގޮތުގައި ހަށިގަނޑު ފަލަކުރަން ކުރި ދަތުރު ވަރަށް ބިރުވެރި އެވެ. އޭނާގެ ބަރުދަން 97 ކިލޯއަށް އެރުވުމަށްފަހު ހިކެން ލިބުނީ އެންމެ ފަސް މަސް ދުވަސް ކަމަށް ވާތީ އެ މުއްދަތުގައި ނުހިކޭނެ ކަމަށް ހިތާ އޭނާ ވަރަށް ކަންބޮޑުވި ކަމަށް އާމިރު ބުނެފައިވެ އެވެ. އަދި ހިކެން މަސައްކަތްކުރި ދުވަސްވަރު އެއީ އެންމެ އުނދަގޫ ދުވަސްތައް ކަމަށް އާމިރު ބުންޏެވެ.
އާމިރު ކިޔައިދީފައިވާ ގޮތުގައި އޭނާގެ މަންމަ އާއި އަންހެނުން އޭނާގެ ބަރުދަން އިތުރުވުމުން އެކަމާ ވަރަށް ކަންބޮޑުވި އެވެ. ނަމަވެސް ފަލައިރުގެ ބައި ނިމުމުން އަލުން ކުރީގެ ބައްޓަމަށް އަންނަން ޖެހޭނެކަން އެނގޭތީ އާމިރުގެ މާބޮޑު ކަންބޮޑުވުމެއް ނެތެވެ. ފަލައިރުގެ ބައި ފުރަތަމަ ކުޅުނީ ވެސް ފިލްމުގެ މަސައްކަތް ނިންމާފައި ހިކެން މަސައްކަތް ކުރާނަމަ ކާމިޔާބު ނުވެދާނެތީ ކަމަށް އާމިރު ބުންޏެވެ.
ފިލްމުގެ ޝޫޓިންގައި އާމިރަށް ވަރަށް ގިނަ އަނިޔާތައް ލިބުނެވެ. ބުރަކައްޓަށާއި ކޮނޑަށް އަދި އުޅަނބޮއްޓަށް އެކި އަނިޔާތައް ލިބުނެވެ. ހުރިހާ އަނިޔާއަކާ އެކު ވެސް ޝޫޓިން ކުރިއަށް ގެންދަނިކޮށް ބުރަކައްޓަށް ލިބުނު އަނިޔާގެ ބޮޑުކަމުން ޝޫޓިން ހުއްޓާލަން ވެސް ޖެހުނެވެ. ޑޮކްޓަރުން ދެ މަސް ދުވަހު އަރާމުކުރަން އިރުޝާދު ދިން ނަމަވެސް އެންމެ ދެ ހަފުތާ ތެރޭ ރަނގަޅުވެގެން އެނބުރި އަންނާނެ ކަމަށް ޑައިރެކްޓަރަށް އާމިރު ޔަގީންކަން ދިނެވެ. ނަމަވެސް އެ ދުވަސްވަރު އެކި ހިސާބުތަކަށް ދަތުރުކޮށް އުޅެން ޖެހުމުން ވަރަށް ބޮޑު ވޭނެއްގައި އުޅެން ޖެހުނު ކަމަށް ވެސް އާމިރު ބުނެފައިވެ އެވެ. އެހެންވެ ބައެއް މަންޒަރުތައް ނަގަނީ ވަރަށް ބާރުގަދަ ތަދުކަނޑުވާ އިންޖެކްޝަން ޖަހައިގެންކަން އާމިރު ފާހަގަކުރި އެވެ. އެވަރުން ވެސް ވަރަށް ބޮޑަށް ތަދު ހުންނަކަން އޭނާ ފާހަގަ ކުރި އެވެ.
ފަލަވަމުން އައި ދުވަސްވަރު، ލޯގަނޑުން އަމިއްލަ ހަށިގަނޑު ފެނުމުން ވެސް ބިރުގަންނަ ކަމަށާއި ނަމަވެސް އެ ދުވަސްވަރު އޭނާއަށް މީރު ހުރިހާ އެއްޗެއް އެއްވެސް ވަރަކަށް ބެލުމެއް ނެތި ކެއުމުގެ ފުރުސަތު ލިބުނީތީ ވަރަށް މަޖާކޮށް ކެވުނު ކަމަށް އާމިރު ބުންޏެވެ. ހިކެން ކުރި މަސައްކަތުގައި ވަރަށް މާޔޫސްވި ކަމަށާއި އެކަމަކު އަމިއްލަ ނަފްސަށް ޔަގީންކަން ދީގެން މަސައްކަތް ކުރުމުން ކާމިޔާބުވި ކަމަށް ވެސް އާމިރު ބުނެފައިވެ އެވެ.
އަންނަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރާ "ޑަންގަލް" އަކީ ގިނަ ބަޔެއްގެ އިންތިޒާރުތަކާ ގުޅިފައިވާ ވަރަށް އުންމީދީ ފިލްމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.