27 އޯގަސްޓް 2021 - 19:01

ސިނަމާލޭ ބްރިޖުން މާލެ އިން ހުޅުމާލެ އަށް ދާ ލޭނުގައި މިއަދު ހަވީރު ދެ އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އެއް އެކްސިޑެންޓު ހިނގީ ބްރިޖުގައި ދުއްވާފައި ދިޔަ ސައިކަލެއް ޑިވައިޑަރެއްގައި ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓްވުމުން ސައިކަލުގައި އިން މީހާ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށް ކަމަށް ފުލުހުން ބުންޏެވެ.
އެ ހޮސްޕިޓަލުގެ ބަހެއް ނުލިބޭތީ، އެ މީހާ އަށް ލިބުނު އަނިޔާގެ ތަފުސީލެއް ނުލިބެ އެވެ.
ބްރިޖުމަތީގައި ދެވަނަ އެކްސިޑެންޓް ހިނގީ ދެ ކާރެއް ޖެހިގެންނެވެ. އެތަނުން އެއް ކާރުގައި އިން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏަސް ފަރުވާ އަށް އޭނާ ގެންދިޔައީ ކޮން ހޮސްޕިޓަލަކަށް ކަމެއް ސާފެއް ނުވެ އެވެ.
އެ ދެ އެކްސިޑެންޓު ހިނގިއިރު އެ އުޅަނދުތައް ދުއްވަން ތިބީ ލައިސަންސް އޮންނަ ބައެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ. އެކަމަކު ފުލުހުން ބުނި ގޮތުގައި މި ދެ އެކްސިޑެންޓު ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.