29 ނޮވެމްބަރ 2016 - 14:00

ސިޑްނީ (ނޮވެމްބަރު 29) - ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން މި އަހަރު ކުރީކޮޅު މައްޗަށް ދިއުމުގެ ސަބަބުން އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފަށް ރެކޯޑް މިންވަރަކަށް ގާ ހުދުވާ ބަލި ޖެހިފައިވާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

އާކް ސެންޓާ އޮފް އެކްސެލެންސް ފޯ ކޮރަލް ރީފް ސްޓަޑީޒް އިން ބުނީ އެންމެ ބޮޑަށް ގާ ހުދުވި ބެރިއާ ރީފުގެ އުތުރުގެ ހިސާބުތަކުގެ 67 ޕަސެންޓް މަރުވެފައިވާ ކަމަށެވެ. ގާ ހުދުވުން އެންމެ ކުޑައީ ފަރުގެ މެދުތެރޭގެ ހިސާބުތަކުގަ އެވެ. އެ ސަރަހައްދުން މަރުވެފައި ވަނީ ހަ ޕަސެންޓެވެ. ފަރުގެ ދެކުނުގެ ހިސާބުތަކަށް ގާ ހުދުވުން ކުރިމައްޗެއް ނުވެ އެވެ.

ސައެންސްވެރިން ބުނަނީ މޫސުމަށް ބަދަލު އައުން ކުރިއަށްދާ ނަމަ ފަރުން ހަލާކުވި ސަރަހައްދު އަލުން ހެދުމަށް ގިނަ ދުވަސްތައް ނަގާނެ ކަމަށެވެ. ގާ ހުދުވަނީ ކަނޑުގެ ހޫނުމިން ގިނަ ދުވަސްތަކަކަށް ހިފެހެއްޓުމުންނެވެ. މުރަކަތަކަށް ދިރުން ގެނެސްދޭ އަލްގީ ޒޫޒަންތެލީ، މުރަކަތަކަށް ހޫނުވުމުން މުރަކަ އިން ނުކުމެ އެވެ. އަދި އެންމެ ފަހުން ގާ ހުދުވެ އެވެ.
މި އަހަރުގެ ފެބްރުއަރީ މަހާއި މާޗް އަދި އެޕްރީލް މަހު ވަނީ ބެރި ރީފް ސަރަހައްދުގެ ހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް ޖެހިފަ އެވެ. ކޮންމެ މަހެއްގެ އެވްރެޖަށް ވުރެ 1 ޑިގްރީ ސެލްސިއަސް ވަނީ މަތިވެފަ އެވެ.
ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ދިރޭ އޮގަނިޒަމަށް މީގެ ކުރިން ވެސް ދެ ފަހަރަކަށް ވަނީ ވަރަށް ބޮޑަށް ގާހުދުވުމުގެ މައްސަލަ ދިމާވެފަ އެވެ. ނަމަވެސް 1998 ވަނަ އަހަރާއި 2002 ވަނަ އަހަރު ބެރިއާ ރީފު ހުދުވި ވަރަށް ވުރެ މި އަހަރު ކުރިމަތިވި މައްސަލަ މާބޮޑެވެ.
އޮސްޓްރޭލިއާ ސަރުކާރުން މިހާރު ވަނީ ބެރިއާ ރީފު ދެމެހެއްޓެނިވި ގޮތަކަށް ބޭއްވުމުގެ ޕްލޭނެއް އެކުލަވާލައިފަ އެވެ. އަދި ގާހުދުވުމާ ބެހޭ އިތުރު ދިރާސާ އަށް މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
އޭޕްރީލް މަހު ނެރުނު ރިޕޯޓެއްގައި ސެންޓަ އޮފް އެކްސެލެންސް ފޯ ކޮރަލް ރީފް ސްޓަޑީޒް އިން ބުނީ ބެރިއާ ރީފުގެ އުތުރު ފަރާތުގެ ހިސާބުތަކުގެ 60-100 ޕަސެންޓާ ދެމެދުގެ އަދަދަކަށް ގާ ހުދުވާ ބަލި ޖެހިފައިވާ ކަމަށެވެ. އަދި އޭގެ މާނައަކީ ފަރު އެކުގައި މަރުވުން ނޫން ކަމަށް ސައެންސްވެރިން ވަނީ ބުނެފަ އެވެ ނަމަވެސް އައުޓްސައިޑް މެގަޒިންގައި ތިމާވެއްޓާ ބެހޭ ލިޔުންތެރިޔާ ރޯވަން ޖެކޮބްސަން މި އަހަރުގެ އޮކްޓޯބަރު މަހު ވަނީ ބެރިއާ ރީފުގެ "ޖަނާޒާ" އިއުލާންކޮށްފަ އެވެ. އޭނާގެ ލިޔުމުގައި ވަނީ ބެރިއާ ރީފް ހިމާޔަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އިހުމާލްވެފައިވާ ކަމަށް ބުނެފަ އެވެ.