27 އޯގަސްޓް 2021 - 00:42

އިސްތަންބޫލް (އޮގަސްޓް 26) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އާއި އިޓަލީގެ ޔުވެންޓަސް އެއް ގުރޫޕެއްގައި ލައްވައިލައިފި އެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ޗެލްސީން ކާމިޔާބު ކުރީ ފައިނަލުގައި މެންޗެސްޓާ ސިޓީ ބަލި ކުރުމަށް ފަހު އެވެ. ސިޓީ އަށް ގުރޫޕް އޭގައި ލައްވާލީ ޕީއެސްޖީ އެވެ. އެ ދެ ޓީމު އެއް ގުރޫޕެއްގައި ލައްވައިލުމުން އެކަން ވެގެން ދިޔައީ ހާއްސަ ކަމެއްގެ ގޮތުގަ އެވެ. ޕީއެސްޖީ އަށް ލިއޮނެލް މެސީ ވަނީ ބަދަލުވެފަ އެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޮލާ އަބަދުވެސް އެދިގެން ހުރީ މެސީ ބާސާގައި ހުރުމަށެވެ. ނަމަވެސް އެ ކަލްބުގެ ހާލަތު ތަން ނުދިނުމުން މެސީ ބަދަލުވީ ޕީއެސްޖީ އަށެވެ. ޕީއެސްޖީ އަށް ބަދަލުވުމުގެ ކުރިން މެސީ، ސިޓީ އަށް ބަދަލުވެދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ގާޑިއޯލާ ނިންމީ މެސީ ނުގެނައުމަށެވެ.
ބާސާގައި މެސީއާ އެކު ގިނަ ކާމިޔާބުތަކެއް ހޯދި ގާޑިއޯލާ ވަނީ ބަޔާން އާއި ސިޓީ ގޮވައިގެން މެސީއާ ދެކޮޅަށް ނުކުމެފަ އެވެ. މިއީ ބާސާ ނޫން ޓީމެއްގައި މެސީ ހުއްޓައި އޭނާއާ ދެކޮޅަށް ގާޑިއޯލާ ނުކުންނާނެ ފުރަތަމަ ފަހަރެވެ.
ޗެމްޕިއަންސް ލީގުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައިރު ވެސް މީޑިއާތަކުން ކައްކަމުން ދިޔައީ ސިޓީއާ ކްރިސްޓިއާނޯ ރޮނާލްޑޯ ގުޅެން އުޅޭ ވާހަކަ އެވެ. ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. މެސީ އާއި ރޮނާލްޑޯގެ ވާދަވެރިކަމުގެ ތެރެއިން ވެސް ސިޓީ އާއި ޕީއެސްޖީގެ ކުރިމަތިލުމުގެ ވާހަކަތައް މިއަދު އޮތީ ހާއްސަވެފަ އެވެ.
ގުރޫޕް އޭގައި ދެން ހިމެނޭނީ، ޖަރުމަންގެ ލައިޕިޒް އާއި ބެލްޖިއަމްގެ ކްލަބު ބްރާގާ އެވެ. ޗެމްޕިއަން ޗެލްސީ އާއި ޔުވެންޓަސްއާ އެކު ގުރޫޕް އެޗްގައި ދެން ލައްވާލީ ޒެނިޓް ޕީޓާސްބާގާއި ސްވިޑެންގެ މަލްމޯ އެފްސީ އެވެ.
މަޝްހޫރު ޓީމުތައް އެއް ގުރޫޕެއްގައި ދެން ލައްވާލީ އޭސީ މިލާން އާއި ލިވަޕޫލް، އެތުލެޓިކޯ މެޑްރިޑް އަދި ޕޮޓޯ ހިމެނޭ ގުރޫޕް ބީ ގަ އެވެ. އެއީ މިފަހަރު ޗެމްޕިއަންސް ލީގުގެ މަރުގެ ގުރޫޕެވެ. ހަތަރު ޓީމަކީ ވެސް ޔޫރަޕުގެ ފުޓްބޯޅައިގައި ވަރުގަދަ ބާރުތަކެެވެ.
ބަޔާން މިޔުނިކް އާއި ބާސެލޯނާ، ބެންފީކާ އަދި ޑައިނަމޯ ކިއޭވް ލައްވާލި ގުރޫޕް އީ އަކީ ވެސް ފަސޭހަ ގުރޫޕަކަށް ނުވާނެ އެވެ.
ރެއާލް މެޑްރިޑާއި އިންޓަ މިލާން އާއި ޝަކްޓާ ޑޮނެސްކް އަކީ މިދިޔަ ސީޒަންގައި ވެސް އެއް ގުރޫޕެއްގައި ހިމެނުނު ތިން ޓީމެވެ. އޭރު މި ތިން ޓީމާ އެކު އެއް ގުރޫޕުގައި ހިމެނުނީީ ޖަރުމަންގެ ބޮރޫޝިއާ މޮންޗެންގްލެޑްބެކް އެވެ. އެ ޓީމު މިފަހަރު ޗެމްޕިއަންސް ލީގަށް ކޮލިފައި ވެސް ނުވެ އެވެ. މިފަހަރު އެ ތިން ޓީމާ އެކު ލައްވާލީ މޯލްޑޯވާގެ ކްލަބް ޝެރިފް ޓިރާސްޕަލް އެވެ.
ގުރޫޕް އޭ: މެންޗެސްޓާ ސިޓީ، ޕީއެސްޖީ، ލައިޕްޒިގް، ކްލަބު ބްރާގާ
ގުރޫޕް ބީ: އެތުލެޓިކޯ މެޑްރިޑް، ލިވަޕޫލް، ޕޯޓޯ، އޭސީ މިލާން
ގުރޫޕް ސީ: ސްޕޯޓިން ލިޒްބަން، ބޮރޫޝިއާ ޑޯޓަމަންޑް، އަޔެކްސް، ބެސިކްޓަ
ގުރޫޕް ޑީ: އިންޓަ މިލާން، ރެއާލް މެޑްރިޑް، ޝަކްޓާ ޑޮނެސްކް، ޝެރިފް ޓިރާސްޕަލް
ގުރޫޕް އީ: ބަޔާން މިޔުނިކް، ބާސެލޯނާ، ބެންފީކާ ޑިނަމޯ ކިއޭވް،
ގުރޫޕް އެފް: ވިޔަރެއާލް، މެންޗެސްޓާ ޔުނައިޓެޑް، އެޓަލާންޓާ، ޔަންގް ބޯއީސް
ގްރޫޕް ޖީ: ލިލް، ސެވިއްޔާ، އާރްބީ ސަލްޒްބާގް، ވުލްފްސްބާގް
ގުރޫޕް އެޗް: ޗެލްސީ، ޔުވެންޓަސް، ޒެނިޓް، މަލްމޯ