26 އޯގަސްޓް 2021 - 22:44

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން 5،681 ސާމްޕަލް ކޮވިޑަށް ޓެސްޓްކޮށްފައިވާއިރު އޭގެ ތެރެއިން 108 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ. މިފަހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އާންމުކޮށް އުޅެނީ 100-150 އާ ދެމެދުގަ އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި އިއްޔެ ރާއްޖެ އިން ޓެސްޓްކުރި 5،681 ސާމްޕަލްގެ ތެރެއިން މާލޭ ސަރަހައްދުން ނެގީ 1،886 ސާމްޕަލެވެ. އޭގެ ތެރެއިން މާލެ އިން ބަލި ޖެހުނީ 35 މީހަކަށެވެ. އަދި ރަށްރަށުން 59 މީހަކަށް ބަލި ޖެހުނުއިރު ރިސޯޓުތަކުން 14 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
ރާއްޖެ އިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 80،436 އަށް އަރައިފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 78،514 މީހުން ބަލިން ރަނގަޅުވެފައިވާތީ އެކްޓިވް ކޭސްތައް ވަނީ 1،684 އަށް ދަށްވެފަ އެވެ.
މި ވަގުތު ހޮސްޕިޓަލުގައި 10 މީހަކަށް ފަރުވާދޭއިރު ރާއްޖޭގައި މިދިޔަ އަހަރު މި ބަލި ފެތުރެން ފެށީއްސުރެ މިހާތަނަށް 225 މީހަކު ބަލީގައި މަރުވެފައިވެ އެވެ.
ކޮވިޑްގެ ނަމްބަރުތައް ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު މިހާތަނަށް 300،427 މީހަކު ރާއްޖެއިން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވެ އެވެ. ސަރުކާރުން އަމާޒު ހިފާފައި ވަނީ ފަސް ލައްކައެއްހާ މީހުން އުޅޭ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުންނަށް މި މަހުގެ ނިޔަލަށް ވެކްސިން ޖެހުމަށެވެ.